22 އޮކްޓޯބަރ 2018
އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަތަރު ގޯލާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ދީޑު ދަމަހައްޓައިފި އެވެ.
އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަތަރު ގޯލާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ދީޑު ދަމަހައްޓައިފި އެވެ.
ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ. ވިކްޓްރީ އޮތީ ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
މިއަދުގެ މެޗުގައި ޓީސީގެ ފުރަތަމަ ގޯލް ދަގަނޑޭ ޖެހީ 28 ވަނަ މިނެޓުގަ އެވެ. ހާފުގެ މެދުތެރެއިން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ޓީސީގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައި ދަގަނޑޭ އަށް ލިބުމުން އޭނާ ވަނީ މަޑުމަޑުން ޖަހައި އެ ބޯޅަ ގޯލުގެ އެތެރެކޮށްލައިފަ އެވެ. އޭރު ދަގަނޑޭ ހުރީ އޮފްސައިޑުގައި ކަމަށް ބުނެ ވިކްޓްރީން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.
ދަގަނޑޭ ދެ ވަނަ ގޯލް ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގަ އެވެ. ސައްޓު ގޯލަށް ޖެހި ބޯޅަ ވިކްޓްރީގެ ގޯލްކީޕަރު މުހައްމަދު އިމްރާނުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ދަގަނޑޭ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ތިން ވަނަ ގޯލް ޖެހީ 56 ވަނަ މިނެޓުގަ އެވެ. ވިކްޓްރީ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ދަގަނޑޭ އާއި އިޝާން އިބްރާހިމް (ސައްޓު) ބޯޅަ ހިފައިގެން ކުރިއަށް ޖެހުނު ވަގުތު ވިކްޓްރީގެ ކީޕަރު އިމްރާން އެ ބޯޅަ އަށް އެރި ނަމަވެސް ދަގަނޑޭ ވެސް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން ދަގަނޑޭ ހަތަރު ވަނަ ގޯލް ޖެހީ އޭރިއާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުން ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްވި ކަމަށާއި ދަގަނޑޭގެ ގޯލްތަކާ އެކު ލިބުނު މި މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ނިޒާމްބެ މި މެޗުގެ ފުރަތަމަ އެގާރައުގައި މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނުހިމަނަ އެވެ.
"ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވޭތޯ މިބަލަނީ. މި މެޗުގައި ވެސް އެންމެ ހިތްހަމަޖެހުނު އެއް ކަމަކީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވުން،" ނިޒާމްބެ ބުންޏެވެ.
ވިކްޓްރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިއާޒް ބުނީ ގޯލްތައް ވަނީ ޑިފެންސަށް ކުދިކުދި ގޯސްތަކެއް ހެދިގެން ކަމަށާއި އެކަމަކު ޓީސީގެ ފުރަތަމަ ގޯލަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
"ބަލަން ތިބި އެންމެންނަށް ވެސް އެކަން އެނގޭނެ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ. އަޅުގަނޑުމެން ވަރަށް އުނދަގުލުން ކުޅުންތެރިން ހަމަކޮށް މެޗަށް މި އަންނަނީ. ކްލަބްތަކުގެ މާލީ ހާލަތު އޮތްގޮތް އެބަ އެނގޭ އެންމެންނަށް. އެގޮތަށް އޮއްވާ ރެފްރީންގެ ގޯސްތަކުން މިފަދަ ކަންތައް ވަންޏާ އެއީ މައްސަލައެއް. ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިން އެބަޖެހޭ މިކަން ހައްލުކުރަން،" އޭނާ ބުންޏެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ޓީސީ އާއި ވިކްޓްރީގެ ކޯޗުން އިސްތިއުފާދީފި
ވިކްޓްރީ ބަލިކޮށް ޗެމްޕިއަން ޓީސީ އަށް ފަސޭހަ ފެށުމެއް
ވިކްޓަރީން ޓީސީ ހިފަހައްޓައި ގްރޫޕް ފޯރިގަދަ ކޮށްލައިފި
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ކިރަން: ރާއްޖެ އާއި އިންޑިއާގެ ޗެމްޕިއަން
ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
މާޒިޔާ-ނިއު އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޓީސީ އަށް
ޓީސީ ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު: ނިޒާމްބެ