14 އޮކްޓޯބަރ 2018
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުފުޅު ކުރެއްވުމަކީ އެ އިންތިޚާބު ގުޅޭ ޝަކުވާތައް ކުރެއްވުމުގެ ހައްގު އެމަނިކުފާނު ދޫކޮށްލެއްވުން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުފުޅު ކުރެއްވުމަކީ އެ އިންތިޚާބު ގުޅޭ ޝަކުވާތައް ކުރެއްވުމުގެ ހައްގު އެމަނިކުފާނު ދޫކޮށްލެއްވުން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައި ވާއިރު، އެ މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަނީ ތަދައްޚުލްވެފަ އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، އެ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު، ވަގުތީ ނަތީޖާ އިއުލާން ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އެމަނިކުފާނު ވަނީ ބަލި ގަބޫލުފުޅު ކުރައްވައި އެ ނަތީޖާ ބަލައި ގަންނަވާ ކަމަށް ކުރިން އިއުލާން ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، އިންތިޚާބެއްގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުމުގެ ހައްގު އޮންނާނީ ވާދަކުރާ ކެންޑިޑޭޓް ނުވަތަ އެ ކެންޑިޑޭޓަކު ނިސްބަތްވި ޕާޓީއަކަށް އެކަނި ކަމަށެވެ. އެކަމަކު، ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު، ދައުލަތުގެ މީޑިއާ މެދުވެރި ކުރައްވައި، ރައީސް ޔާމީނާއި އަދި ޕީޕީއެމުން ވެސް ބަލި ގަބޫލު ކުރައްވާފައިވާ ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް ބަލި ގަބޫލު ކުރެއްވުމަކީ އިންތިޚާބުގެ ނަތީޖާއާ މެދު އިތުރަށް ޗެލެންޖް ނުކުރުމަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދެއް ކަމުގައި ބަލަން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.
ވޯޓަކީ ރައްޔިތުންގެ ހައްގު އެކުލެވޭ ކަމަކަށް ވާއިރު، އެހެން މީހުންގެ ހައްގު ހިމެނޭ ކަމަކަށް އެއްބަސްވުމަށް ފަހު، އެ ކަމަކަށް ފަހުން އިންކާރު ނުކުރެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށް ހިސާން ވިދާޅުވި އެވެ. އެކަމަށް ބާރު ދިނުމުގެ ގޮތުން ހިސާން ނެންގެވީ އަމިއްލަ އަށް ދޫކޮށްލައިފި ހައްގެއް އަނބުރާ އިޔާދަ ނުކުރެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ގާއިދާ އެކެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވިކަން މިދިޔަ މަހުގެ 24 ގައި ރައީސް ޔާމީން އިއުލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، އިންތިޚާބަށް ފަހު ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ ކަމަށާއި އެ މަރުހަލާގެ އިސްވެރިޔާ ކަމަށްވާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާސިޝަންގެ މަގާމަށް ދައުލަތުން މުސާރަ ލިބޭ ގޮތަށް ބޭފުޅަކު ވެސް މިހާރު އައްޔަން ކޮށްފައިވާ ކަން ވެސް ހިސާން ފާހަގަ ކުރެއްވި އެވެ.
ހިސާން ވިދާޅުވިގޮތުގައި، އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކުރި އެއްވެސް މައްސަލަ އަކީ އިންތިޚާބުގެ ކުރިން އެއްވެސް ވަރަކަށް ޕީޕީއެމުން ފާހަގަކުރި މައްސަލައެއް ނޫނެވެ. އިންތިޚާބުގެ ކުރިން ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، އެއިން ކަމަކާ މެދު އޭރު ރައީސް ޔާމީންގެ ފަރާތްޕުޅުން ނުވަތަ ޕީޕީއެމުން ވެސް ޝަކުވާ ކޮށްފައި ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި ތިބި ފަސް މެމްބަރުންނަކީ ވެސް ރައީސް ޔާމީން ނަން ފޮނުއްވައިގެން ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރި މެމްބަރު ކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ އިންތިޚާބުގެ ކުރިން އެ ކޮމިޝަންގެ މިނިވަންކަމާ މެދު ވެސް ޕީޕީއެމުން ސުވާލު އުފައްދާފައި ނެތް ކަމަށެވެ. މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ބާރު އޮންނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ އިރު، އެ ކޮމެޓީ އަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށް، ސުވާލު ކޮށްފައި ނެތުމުން އެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރު ކުރުމަށް ބޭރު ގައުމުތަކުގައި ބޭނުންކުރާ އެންމެ މުހިންމު ހެއްކަކީ ވޯޓުލާ މަރުކަޒުތަކުގައި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުގައި މައްސަލައެއް ނެތް ކަމަށް ފާހަގަ ކޮށްފައިވާ ނަމަ، ފަހުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބޭނުން ކޮންމެ ވަގުތަކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފި ނަމަ، ކޮންމެ އިރަކު ވެސް އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ޝަކުވާ ކުރުމުގެ ޖާގަ ލިބިގެން ދިއުމެވެ.
އިންތިޚާބުގެ ކަންކަން ދިޔައީ އިންސާފުވެރިކަމާ އެކު އަދި ގާނޫނުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، ހިސާން ވިދާޅުވީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި މައްސަލަ ބިނާ ކޮށްފައި އޮތީ "ކޮންސްޕިރަސީ ތިއަރީތަކެއްގެ" މައްޗަށް ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއް ސާބިތު ކުރަން ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ކަރުދާހާ މެދު އެ މައްސަލާގައި ސުވާލު އުފައްދާފައިވާތީ ހިސާން ވަނީ އެ ކަރުދާސް އުފެއްދި ސިންގަޕޫރު ކުންފުނީގެ ސިޓީއެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފަ އެވެ. އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕްކުރި ކުންފުނި ކަމަށްވާ އެމް7 އަށް އެ ކަރުދާސްތައް ފޯރުކޮށް ދިނުމުގެ ކުރިން އެ އަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާ ކަން ސިންގަޕޫރު ކުންފުނީގެ ސިޓީން ހާމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ހެކިވެރިން ހާޒިރު ކުރާ ނަމަ، އެމް7 ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާޒިރު ކޮށްދޭން ވެސް ހިސާން އެދިވަޑައިގަތެވެ.
ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަން އިންތިޚާބުގައި ބޭނުން ކުރި ކަމަށް އެ މައްސަލާގައި ބުނެފައިވާތީ އޭގެ ރައްދުގައި ހިސާން ވިދާޅުވީ އެ އަނގޮޓި އާއި ގަލަންތައް ބޭނުންކުރީ ކޮން ފޮށިތަކެއްގައި ވޯޓުލުމަށް ކަން އެ މައްސަލާގައި ބުނެފައި ނެތް ކަމަށެވެ. ވޯޓު ކަރުދާހުގައި ޚާއްސަ ކެމިކަލެއް އުނގުޅާފައި ހުރި ކަމަށް ބުންޏަސް، އެ ކެމިކަލް ހުރީ ކޮން ފޮށިތަކެއްގައި ހުރި ކަރުދާސްތަކެއްގައި ކަން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކަރުދާސްތައް ޗާޕްކުރީ ވެސް ފުލުހުން ބެލުމަށް ފަހު، ހުއްދަ ދީފައިވާ ތަނެއްގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި އިންތިޚާބު އަލުން ބާއްވަން އަމުރު ކުރަންޖެހޭ ސަބަބެއް ނެތެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތްގޮތުން އިންތިޚާބެއް ބާތިލް ކުރެވޭނީ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮވެއްޖެ ނަމަ ކަމަށާއި އެ ހާލަތުގައި ވެސް ބާތިލް ކުރެވޭނީ މައްސަލަ ހުރި ކަމަށް ފާހަގަ ކުރެވޭ ދާއިރާއެއްގެ ނަތީޖާ އެކަނި ކަމަށް ހިސާން ވިދާޅުވި އެވެ. މީގެ ކުރިން 2013 ގެ ރިޔާސީ އިންތިޚާބު ވެސް ބާތިލްކުރީ ދެ ކެންޑިޑޭޓުންގެ މެދުގައި ހުރި ވޯޓުގެ ފަރަގަށް ބަލާއިރު، ނަތީޖާ ބަދަލު ވެދާނެ ފަދަ ކަންތައްތަކެއް ފާހަގަވުމުން ކަމަށާއި އެކަމަކު މިފަހަރު ދެ ކެންޑިޑޭޓުންގެ މެދުގައި 38،000 ވޯޓުގެ ތަފާތު ހުރިއިރު ނަތީޖާ ބަދަލުވެދާނެ ފަދަ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ފާހަގަކުރާ ކަންކަމަކީ އިންތިޚާބީ ކުށުގެ މައްސަލަތަކެއްގެ ގޮތުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ކަމަށާއި އެފަދަ ކަންކަން ބަލަން ޖެހޭނީ ޖިނާއީ އިޖްރާއާތުގެ އާންމު އުސޫލުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދައި، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތްގޮތުން އެފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
ތިން ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލުން މައްސަލަ ހުށަހަޅައި ދެއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެ ދައުވާއަށް ޖަވާބުދާރީވެފަ އެވެ.
ކުށްވެރިންނަށް ފުރުސަތު ދެވޭގޮތަށް ގާނޫނު މާނަނުކުރެވޭނެ
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!
ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއްތަ؟
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ފަނޑިޔާރުން: ޖަލުގައި ހުރެ ހޮވިއްޖެނަމަ ވާނީ ކިހިނެއް
އިސްތިއުނާފް ނުނިމެނީ އަޅުގަނޑުގެ ކުށަކުންނޫން: ޔާމީން
ޖޫރިމަނާއާ ހެދި ޔާމީންގެ ކެންޑިޑެސީއަށް އިތުރު ހުރަހެއް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"