Roadha Mihaaru
ޓީޗަރުންގެ ދުވަހުގެ ޚާއްސަ ހަދިޔާ: ސައި ކޮޓަރިއެއް

ޓީޗަރުންގެ ދުވަހުގެ ޚާއްސަ ހަދިޔާ: ސައި ކޮޓަރިއެއް

08 އޮކްޓޯބަރ 2018

ކުލަގަދަ ހަރަކާތްތަކަކުން އުފާފާޅުކޮށް އަގުވަޒަންކުރަން ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މި އަހަރު އެންމެ ތަފާތު އެއް ކަމެއް ކުރި ބަޔަކަށް ވާނީ އަމީރު އަހުމަދު ސްކޫލުގެ ބެލެނިވެރިންނެވެ. އާއްމު ގޮތެއްގައި ޓީޗަރުންނަށް ދޭ ހަދިޔާތަކާއި މާބޮނޑިތަކާ ތަފާތުކޮށް އެ ސްކޫލުގެ ޓީޗަރުންނަށް ބެލެނިވެރިން ދިނީ އަބަދަށް ދެމިހުންނާނެ، ނުހަނު ބޭނުންތެރި ހަދިޔާއެކެވެ؛ ސައި ކޮޓަރިއެކެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކުލަގަދަ ހަރަކާތްތަކަކުން އުފާފާޅުކޮށް އަގުވަޒަންކުރަން ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މި އަހަރު އެންމެ ތަފާތު އެއް ކަމެއް ކުރި ބަޔަކަށް ވާނީ އަމީރު އަހުމަދު ސްކޫލުގެ ބެލެނިވެރިންނެވެ. އާއްމު ގޮތެއްގައި ޓީޗަރުންނަށް ދޭ ހަދިޔާތަކާއި މާބޮނޑިތަކާ ތަފާތުކޮށް އެ ސްކޫލުގެ ޓީޗަރުންނަށް ބެލެނިވެރިން ދިނީ އަބަދަށް ދެމިހުންނާނެ، ނުހަނު ބޭނުންތެރި ހަދިޔާއެކެވެ؛ ސައި ކޮޓަރިއެކެވެ.

ކެއިންބުއިމުގެ ބޭނުންތައް ދަތި ގޮތަކަށް ފުއްދަމުން ގެންދަނިކޮށް އަމީރު އަހުމަދުގެ ބެލެނިވެރިން އެ ސްކޫލުގައި ފެންވަރު ރަނގަޅު ސައި ކޮޓަރިއެއް ހަދައި ބޭނުންވާ ހުރިހާ ސަމާނެއް ހޯދައިދިނީ ޓީޗަރުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި އިއްޔެ ހެނދުނު ޓީޗަރުންގެ ދުވަސް ފާހަގަކުރި އިރު އެ ސައި ކޮޓަރި ޓީޗަރުންނަށް ފުރަތަމަ ފަހަރަށް ދައްކާލީ ސަޕްރައިޒެއްގެ ގޮތުގަ އެވެ. އެއީ، އެ ސްކޫލުގެ ޓީޗަރުންނަށް ފުރިހަމަވި ވަރަށް ބޮޑު އުއްމީދެކެވެ.

"މީގެ ކުރިން އަމީރު އަހުމަދުގައި މުވައްޒަފުންނަށް ޓީ ރޫމެއް ނުހުރޭ. އެހެންވީމަ މިއީ ހުރިހާ ޓީޗަރުން ވެސް ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެއް. ސައި ބުއިމާއި ކެއުމާ އެފަދަ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން މި އައީ އަޅުގަނޑުމެން މަސައްކަތްކުރަން ތިބޭ ސްޓާފް ރޫމްގައި،" ޕްރީ ސްކޫލް ޓީޗަރު ފާތުމަތު ސައީދު (ސުޒޫ) ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ކުރިއަކުން ނުވެސް އެނގޭ ސައި ކޮޓަރިއެއް ހަދަން އެއްވެސް ކަމެއް ހިނގާ ކަމެއް. ހެޔޮއެދޭ ބެލެނިވެރިންގެ ފަރާތުން ދިން ވަރަށް ބޮޑު ސަޕްރައިޒެއް ގޮތަށް މިއަދު ޓީޗަރުންނަށް ފުރަތަމަ މި ތަން މި ފެނުނީ. އުއްމީދުކުރި ވަރަށް ވުރެ ވެސް ފުރިހަމަ އަށް މި ތަން ހެދިފައި ހުރީ."

ޓީޗަރުން އިއްޔެ ހެނދުނު ސައި ކޮޓަރި ބަލައިލަނީ

ޓީޗަރުން އިއްޔެ ހެނދުނު ސައި ކޮޓަރި ބަލައިލަނީ

ރީތިކޮށް އެތެރެ ހަދައި ސިންކަކާއި މޭޒާއި ގޮނޑި ބަހައްޓާފައިވާ ސައި ކޮޓަރީގައި އައިސްއަލަމާރި އާއި މައިކްރޯވޭވް އާއި ކޮފީ މެޝިނާއި މިކްސަރާއި ދެ ވައްތަރު ޓޯސްޓަރު ހުރެ އެވެ. އެ ހުރިހާ ކަމެއް ފުރިހަމަކޮށްދިނީ އެކި ބެލެނިވެރިން އެކި ކަންކަމާ ހަވާލުވެގެންނެވެ.

"ޓީ ރޫމެއް ހުރުން އެއީ ވަރަށް އަސާސީ ކަމެއް. ސައި ބުއިމުގެ ކަންތައް ޓީޗަރުން ވަރަށް ދަތި ގޮތަކަށް ކުރާ ތަން އަޅުގަނޑުމެންނަށް ފެންނާތީ ބެލެނިވެރިން ބޭނުންވީ އެކަން ހައްލުކޮށްދޭން،" ޕީޓީއޭގެ ސެކްރެޓަރީ އަމީން ފައިސަލް ވިދާޅުވި އެވެ.

"މާ ބޮޑު ޖާގައެއް ނުހުރޭ. އެހެންވީމަ ގުދަނެއް ގޮތަށް ބޭނުންކުރާ ތަނެއްގެ އެއްބައި ނެގީ. ފުރަތަމަ ކުރި ކަމަކީ ގުދަނުގައި ހަރުތަކެއް ޖަހައިގެން ޖާގަ ހެދީ. ދެން އެ ތަނުން ބައެއް ހުސްކޮށްފައި ޕާޓިޝަން ޖަހައިގެން ވަކި ތަނެއް ހެދީ. ސްކޫލުގައި އުޅޭ ފޯރާ ކަހަލަ ބެލެނިވެރިން މި ކަންތައް ކޮށްދިނީ. ވަޑާމުގެ މަސައްކަތް ކުރީ ބަޔަކު ގެނެސްގެން. އެ ނޫން ހުރިހާ ކަމެއް ބެލެނިވެރިން އަމިއްލަ އަށް ކުރީ."

ޕްރިންސިޕަލް ޚަދީޖާ ހުސެއިން (ހައްޖަ) ވިދާޅުވި ގޮތުގައި ސައި ކޮޓަރިއާ އެކު، އެ ސްކޫލުގައި މަސައްކަތްކުރާ 54 މުވައްޒަފުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

"އަޅުގަނޑަށް ހީވަނީ ގެއެއްގެ ބަދިގެ އަށް ވަދެވޭހެން. އެހާ ވެސް ފުރިހަމަ އަށް އެއްޗެހި ހަމަކޮށްފައި ހުރީ،" ހައްޖަ ފާހަގަކުރެއްވި އެވެ.

"ޓީޗަރުންނާއި އިދާރީ ސްޓާފުންނާއި އެ ނޫން މުވައްޒަފުންނަށް ވެސް މި ތަން ބޭނުންކުރެވޭނެ."

ޕްރިންސިޕަލް ވިދާޅުވީ އަމީރު އަހުމަދުގެ ޓީޗަރުންނަށް ލިބުނު ޓީޗަރުންގެ ދުވަހުގެ ހަދިޔާ އެހާ ޚާއްސަ ވަނީ ވަރަށް ބޮޑު އުއްމީދެއް ފުރިހަމަވުމުން ކަމަށެވެ.

"މިކަން އެހާ ބޮޑަށް ބަލައިގަނެވެނީ އަޅުގަނޑުމެންނަށް ސައި ކޮޓަރިއެއް ނެތިފައި، ލިބުނީމަ،" ހައްޖަ ވިދާޅުވި އެވެ.

"މިހާތަނަށް ޓީޗަރުން ސްޓާފް ރޫމްގައި ކައިބޮއެ ހަދަމުން އައި އިރު އެ ތަން ހުންނަނީ ހޯލާ އިންވެގެން. އެއް ކޮރިޑޯއެއް ޝެއާކުރަނީ. އެހެންވީމާ ބެނެލިވެރިން މީޓިންތަކަށް އަންނަ އިރު ޓީޗަރުން ސައި ބޯން ތިބިއްޔާ ވަރަށް އޯޕަންކޮށް ފެންނާނެ. އަނެއްކާ، ސައި ބޮއެފައި ތަށިތައް ހިފައިގެން ދާން ޖެހެނީ ފާޚާނާތަކާ ދިމާއަށް. އެ ތަނުގައި ސިންކު ހުންނަނީ. ބައެއް ފަހަރު ޓީޗަރުން ޖެހިލުންވާނެ، ބެލެނިވެރިންނަށް ފެންނަ ގޮތަށް ތަށި ހިފައިގެން ދާން. އެހެންވީމަ ބެލެނިވެރިން އުޅެންޏާ ނުނުކުމެވިފައި ތިބޭނީ."

ދަރިވަރުންނާ އެކު އުފާފާޅުކުރުމާއި ސްކޫލުން އިންތިޒާމްކުރި ރޭގަނޑުގެ ކެއުމެއް ވެސް އަމީރު އަހުމަދުގެ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު އެންމެ ޚާއްސަކަމަކީ ސައި ކޮޓަރިއެއް ލިބުމެވެ.

"މި ކަމުގެ ބުރަ މަސައްކަތްތައް ކޮށް ތަކެތި ހަދިޔާކުރި ހެޔޮއެދޭ ބެލެނިވެރިންނަށް ހުރިހާ ޓީޗަރުންގެ ފަރާތުން ހިތުގެ އަޑިން ޝުކުރު ދަންނަވަން،" ސުޒޫ ވިދާޅުވި އެވެ.