Roadha Mihaaru
ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް ނިންމައިފި

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

03 އޮކްޓޯބަރ 2018

މިދިޔަ ހުކުރުދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް، އިޖުރާއަތުތައް ފުރިހަމަ ނުވާތީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ ހުކުރުދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް، އިޖުރާއަތުތައް ފުރިހަމަ ނުވާތީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ޕީޕީއެމްގެ ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރި ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ، ކޮންގްރެސް ނިންމައި އެ ޕާޓީން ހުށަހެޅި ލިއުންތަކަށް ބެލުމަށް ފަހު އެވެ. ކޮމިޝަނުގެ ނިންމުމަކީ، ޕީޕީއެމުން ކުއްލި ކޮންގްރެސްއެއް ބާއްވާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ވާތީ، އެއީ ސައްހަ ކޮންގްރެސްއެއް ކަމަށް ބަލައިނުގަތުމަށެވެ.

މީޑިއާ ނުވައްދައި، ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ އިދާރީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރެއްވުމުގެ އިތުރުން، ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވެ އެވެ. އަދި ކައުންސިލަށް ވެސް މެމްބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ. މީގެއިތުރުން، ނޮވެމްބަރު 17 ގެ ފަހުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޕާޓީން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބޭއްވި ގޮތާ މެދު ކަންބޮޑުވުންފާޅުކުރައްވައި، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އީސީ އަށް އިއްޔެ ސިޓީއެއް ފޮނުއްވި އެވެ.

އެ ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެފަދަ ކޮންގްރެސް އެއް ބޭއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލަކީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށާއި އެ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ މަހަށް ހަމަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން: ދެ ބޭފުޅުން ވެސް ގެންދަވަނީ ޕީޕީއެމްގެ ރައީސް ކަމަށް ވިދާޅުވަމުން. --ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން: ދެ ބޭފުޅުން ވެސް ގެންދަވަނީ ޕީޕީއެމްގެ ރައީސް ކަމަށް ވިދާޅުވަމުން. --ފައިލް ފޮޓޯ: ރައީސް އޮފީސް

މައުމޫން ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވޭނީ ޕާޓީގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ޕާޓީގެ ރައީސް ކަމުން އެމަނިކުފާނު ވަކިކުރެއްވީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ގައުމީ ޖަލްސާއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮއްވަވާފައި ނުވުމާއި ގިނަ ގޮފިތަކަށް ގައުމީ ޖަލްސާ ބާއްވާކަން އަންގާފައިނުވުމަކީ ވެސް ކޮންގްރެސް އަސާސީ ގަވާއިދާ ޚިލާފަށް ބޭއްވި ކަމުގެ ހެކިތަކެއް ކަމަށް ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ. އެކަމަކު މައުމޫނާއި އެމަނިކުފާނާ އެކު ތިއްބެވި ޕާޓީގެ މެމްބަރުން ވިދާޅުވަނީ، ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް ކޯޓުން ހުކުމްކޮށްފައި ނުވާ ކަމަށެވެ.

އިންތިޚާބީ ރައީސަކީ އަދިވެސް މައުމޫން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. އެކަމަކު ރައީސް ޔާމީނާ އެކު ތިއްބެވި ޕީޕީއެމްގެ މެމްބަރުން ވިދާޅުވަނީ ޕާޓީގެ ސައްހަ ރައީސަކީ އެމަނިކުފާނު ކަމަށެވެ.