Roadha Mihaaru
ކުޅުދުއްފުށީގެ ތާރު މަގުތަކުގައި ފެން ބޮޑުވަނީ!

ކުޅުދުއްފުށީގެ ތާރު މަގުތަކުގައި ފެން ބޮޑުވަނީ!

08 އޮކްޓޯބަރ 2018

ރާއްޖޭގެ އުތުރުން އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށް، ހދ. ކުޅުދުއްފުށީގެ މަގުތައް ވަނީ ތާރުއަޅައި ހަދާފަ އެވެ. ނަމަވެސް ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވާތީ އާންމުންނަށް ކުރިމަތިވާ އުނދަގޫތައް ވަރަށް ބޮޑެވެ.

އަހުމަދު ސާއިލް އަލީ ހދ. ކުޅުދުއްފުށިން އަހުމަދު ސާއިލް އަލީ

ރާއްޖޭގެ އުތުރުން އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށް، ހދ. ކުޅުދުއްފުށީގެ މަގުތައް ވަނީ ތާރުއަޅައި ހަދާފަ އެވެ. ނަމަވެސް ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވާތީ އާންމުންނަށް ކުރިމަތިވާ އުނދަގޫތައް ވަރަށް ބޮޑެވެ.

ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހަދާފައިވާ އަމީނީ މަގުގައި ތާރު އަޅައި ނިންމައި ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަސްތަކެއްނުވެ ތާރުގަނޑުގައި ރެނދުލާން ފެށި އެވެ. އަޑިގުޑަންތައް އުފެދުނެވެ. މިހާރު ކުޑަކޮށް ވާރޭ ވެހިލިޔަސް މުޅި މަގުގައި އޮންނަނީ ފެން ހެދިފަ އެވެ. ޒަމާނީ ފެންވަރަކަށް ހަދާފައިވާ މަގެކޭ ބުނެވޭވަރު ވެސް ނުވެ އެވެ.

ކުޅުދުއްފުށީގައި ހަދާފައި އޮތް ތާރުމަގެއްގައި ފެން ހެދިފައި-- ފޮޓޯ: މިހާރު

ކުޅުދުއްފުށީގައި ހަދާފައި އޮތް ތާރުމަގެއްގައި ފެން ހެދިފައި-- ފޮޓޯ: މިހާރު

މިރަށުގެ 18 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2011 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެކަމަކު ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވި އިރު ނިމިފައިވަނީ އެ މަގުގެ ޕޭވްމަންޓް މަސައްކަތް އެކަންޏެވެ. މަޝްރޫއު ހުއްޓިފައި އޮތުމަށް ފަހު ރައީސް މުހައްމަދު ވަހީދުފެ ވެރިކަމުގައި އަލުން މަސައްކަތް ފެށި 2013 ގަ އެވެ. މަޝްރޫއުގެ ބޮޑު ބައި މިހާރު ނިމިފައި ވިޔަސް މަގުތަކަށް ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލެއްނުވެ އެވެ.

"ކޮންމެ ތާރު މަގެއް ނިމޭ ހިސާބުގައި އޮންނަ މަގުގައި އޮންނާނެ ކޯރެއް ހެދިފައި. ހަގީގަތަކީ މަގު ހެދިޔަސް އަސްލު ވީ ކަމެއް ނެތް. ފެން ހެދޭ ހަމަ. އެހާ ހިރަފުސް،" މިރަށު ޒުވާނެއް ކަމަށްވާ ހުސައިން އަލީ ބުންޏެވެ.

ރަށު ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ މަގުތައް ހަދާފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދިޔައިރު ވެސް ފެންވަރު ދަށްކަން ފާހަގަކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން، ލަތީފު ވިދާޅުވީ، މަގެއް ހަދައި ނުނިމެނީސް ތާރުގަނޑު ކަނޑައިގެން ދިއުން އާންމު ކަމަށެވެ.

ކައުންސިލުން ބުނާ ގޮތުގައި ގިނަ މަގުތަކުގެ ކާނުތައް ބެދިފައި ވާތީ ފެން ހިނދޭލެއް ލަހެވެ. އެހެންކަމުން ވާރޭ ވެހިލާއިރަށް ފެން ބޮޑުވާން ފަށާ ކަމަށް، ކައުންސިލުން ބުނެ އެވެ.

"ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ ހިލަ އަޅައި ބިންހަރުކޮށް ހެދުމުގައި ވަރަށް ކޮލެޓީ ދަށް. ކާނުގެ މަތިތައް ވެސް ހަދަނީ މޫދު ވެލިން. ހިލަވެލި ބޭނުމެއް ނުކުރޭ،" މަގުތަކުގެ ފެންވަރާ މެދު އަބްދުއްލަތީފު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާއި ކައުންސިލްގެ އެދުމަކީ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.