Roadha Mihaaru
ކުޅުދުއްފުށްޓަށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ

ކުޅުދުއްފުށްޓަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ

24 ޖުލައި 2020

ހދ. ކުޅުދުއްފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ކުޅުދުއްފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

އެ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ، ހަތަރު ގަޑިއެއްހާ އިރުވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ތިން ސަރަހަދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެއީ، ވާރޭގައި އަބަދު ވެސް ފެންބޮޑުވާ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު ވެހެން ފެށި ވާރޭ ހުއްޓާލީ 11 ޖަހާކަންހާއިރެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ފެންބޮޑުވެގެން ހަ ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެތަނުން އެއް ގެއިން މީހުން ހުސްކޮށް، ގެސްޓް ހައުސްއަކަށް ބަދަލުކޮށްފައިވާއިރު، ނަޖިސް ލީކުވެގެން ތިން ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ގެތަކުގައި ފޫޓެއްހާ ވަރަށް ފެންބޮޑުވެފައި ވެ އެވެ.

"ތިން ސަރަހައްދެއްގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ. ގޭގައި ހުރި ފަރުނީޗަރު ފަދަ އެއްޗިއްސަށް ފެން އެޅި ހަލާކުވެފައި ހުރީ،" ލަތީފު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އާއްމުކޮށް ފެންބޮޑުވަނީ ރަށުގެ ހުޅަނގު ދެކުނު ކަންމައްޗާއި ހުޅަނގު އުތުރު އަދި ދެކުނު އިރުމަތީގަ އެވެ. އެ ތަންތަނުގައި ފެން ބޮޑުވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ގައި ހިއްކި ސަރަހައްދު، ރަށަށް ވުރެ އުސްވުމުން ކަމަށް ކައުންސިލުން ބުންޏެވެ.

ދިމާވެދާނެ ފެންބޮޑުވުމުގެ ހާދިސާއަކަށް ތައްޔާރުވުމަށް މިހާރު ވަނީ ކުޅުދުއްފުށީ ކައުންސިލްގައި އިމަޖެންސީ އޮޕޮަރޭޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 6527178 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.