Roadha Mihaaru
ކޮރަޕްޝަން އާންމުވީ މުއައްސަސާތައް ޕެރަލައިޒް ކޮށްލުމުން

ކޮރަޕްޝަން އާންމުވީ މުއައްސަސާތައް ޕެރަލައިޒް ކޮށްލުމުން: ފާއިޒު

18 ސެޕްޓެމްބަރ 2018

ރާއްޖޭގައި ކޮރަޕްޝަން އާންމުވެފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތައް ގަސްދުގައި ޕެރަލައިޒް ކޮށްލުމުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރާއްޖޭގައި ކޮރަޕްޝަން އާންމުވެފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތައް ގަސްދުގައި ޕެރަލައިޒް ކޮށްލުމުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށް ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަހުސްގައި ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ފާއިޒް އޭނާގެ ފޭސްބުލްގައި ލިޔުއްވާފައިވަނީ ރާއްޖޭގައި ކޮރަޕްޝަން އާންމުވީ ގާނޫނުތައް ޕެރަލައިޒްވެފައިވާތީ ނޫން ކަމަށެވެ.

"މި ރާއްޖޭގައި ކޮރަޕްޝަން އާންމުވެގެން ދިޔައީ ހެދިފައި ހުރި ގާނޫނުތައް ޕެރަލައިޒްވީމައެއް ނޫން. [ކޮރަޕްޝަން އާންމުވީ] އެ ގާނޫނުތައް ތަންފީޒު ކުރުމަށް އުފެއްދި މުއައްސަސާތައް ސިސްޓަމެޓިކަލީ ޕެރަލައިޒް ކޮށްލުމުން،" ފާއިޒް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެ އެވެ.

ފާއިޒް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް އޭނާ މަގާމުން ވަކިކޮށްލީ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރި ކޮށްފައި، ވަކި ކުރާ ދެ ފަނޑިޔާރުންގެ ތެރޭގައި ފާއިޒްގެ ނަން ހިމަނައިގެންނެވެ.

ރައީސް ޔާމީން ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރަށް ވަންނަންޖެހޭ ޗެކެއް އަމިއްލަ އެކައުންޓަކަށް ވަންނައިރު އެމްއެމްއޭގެ މުވައްޒަފުންނަށް އެވަރަށް ނުވިސްނުނު ކަމަށް --

ރައީސް ޔާމީން ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރަށް ވަންނަންޖެހޭ ޗެކެއް އަމިއްލަ އެކައުންޓަކަށް ވަންނައިރު އެމްއެމްއޭގެ މުވައްޒަފުންނަށް އެވަރަށް ނުވިސްނުނު ކަމަށް --

މިދިޔަ އާދިއްތަ ދުވަހު ގައުމީ ޔުނިވާސިޓީން އިންތިޒާމް ކޮށްގެން ބޭއްވި ބަހުސްގައި މޮޑަރޭޓަރު ޑރ. އިބްރާހިމް ހަސަން ރައީސް ޔާމީނާ ސުވާލު ކުރައްވާފައި ވަނީ ކުރީގެ ނައިބު ރައީސް އަދީބު ހިންގެވި އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ލިބުނީ ނިޒާމުގެ މައްސަލައަކުންތޯ ނުވަތަ އެ މަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅީގެ ސަބަބުންތޯ އެވެ.

ޖަވާބުގައި ރައީސް ވިދާޅުވެފައި ވަނީ އަދީބަށް ކޮރަޕްޝަން ހިންގުމަށް މަގު ތަނަވަސްވެފައި ވަނީ ނިޒާމުގެ މައްސަލައަކުން ކަމަށެވެ.

"...ހިޔާލަށް ގެންނަވާ، ކުންފުންޏަކުން އެހެން ކުންފުންޏަކަށް ދޭ ޗެކެއް ސަރުކާރުގެ ތެރެއަކަށް ނުވަންނާނެ. ކްލިއާ ކޮށްގެން ވަންނާނީ. އެހެންވީމާ އެމްއެމްޕީއާރްސީ އަށް ޗެކުން މީހަކު ދައްކާ ފައިސާ އޭގައި ކައުންޓާ ސައިން ކޮށްފައި މި ޑިޕޮސިޓް ކުރަނީ އެސްއޯއެފް ކިޔާ ކުންފުންޏަކަށް. އެކަން ސަރުކާރުގެ އެހެން ވުޒާރާއަކަށް ޑިޕާޓްމަންޓަކަށް އެނގޭނެ ގޮތެއް ނޯންނާނެ. އެ އަދި މީރާއަކަށް ވެސް އެނގޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރަށް ލިބެންޖެހޭ ޗެކެއް އަމިއްލަ ކުންފުންޏަކަށް ޖަމާކުރި އިރު އެމްއެމްއޭ އާއި ބޭންކުތަކުގެ މުވައްޒަފުން އެވަރު ނުބެލުމުން އެއީ ނިޒާމުގެ މައްސަލައެއްކަން ސާފުކޮށް އެނގޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ޗެކެއް ނުވަންނާނެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް. އެ ޗެކު ދެން ދާނީ ކްލިއާ ކުރުމަށްޓަކައި އެމްއެމްއޭގައި ހުންނަ ކްލިއަރިން ޑިޕާޓްމަންޓަށް. ކްލިއަރިން ޑިޕާޓްމަންޓުގައި ތިބޭ މީހުންނަށް އެ މީހުންގެ ހިޔާލު ހުރެގެން ބަލަންވީ ކީއްވެގެންބާވައޭ ސަރުކާރުގެ އެމްއެމްޕީއާރްސީ ކިޔާ ކުންފުންޏަކަށް އަންނަ ޗެކެއް ކީއްވެގެންބާވައޭ ޕްރައިވެޓް ކުންފުންޏަކަށް މި ދިޔައީ. އެހެންވީމާ އެއީ ނިޒާމުގެ މައްސަލައެއް. އެ މީހުންގެ ހިޔާލަށް އެ ވަރު ނައުން އެއީ ނިޒާމުގެ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި އިންނަވައިގެން އެފަދަ ކޮރަޕްޝަންގެ މައްސަލަތަކެއް ނުބެއްލެވޭނެ ކަމަށެވެ.

"އެއީ ރައީސަށް ރައީސްގެ ގޮނޑީގައި އިނދެގެން ބެލޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.