17 ސެޕްޓެމްބަރ 2018
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް ހޯމް މިނިސްޓްރީން ނިންމާފައިވާތީ އާއި ގޯތި ދޫކުރުމުގައި ގެންގުޅޭ އުސޫލުގެ ސަބަބުން ސަރުކާރުގެ ނިޔަތާ މެދު ބައެއް ރަށު ކައުންސިލްތަކުން ޝައްކު އުފައްދައިފި އެވެ.
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް ހޯމް މިނިސްޓްރީން ނިންމާފައިވާތީ އާއި ގޯތި ދޫކުރުމުގައި ގެންގުޅޭ އުސޫލުގެ ސަބަބުން ސަރުކާރުގެ ނިޔަތާ މެދު ބައެއް ރަށު ކައުންސިލްތަކުން ޝައްކު އުފައްދައިފި އެވެ.
މިމަހު 23 ގައި ރިޔާސީ އިންތިހާބު އޮންނަ އިރު، ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އިއުލާން ކުރީ ވެސް މިމަހުގެ ތެރޭގަ އެވެ. ނުވަ ރަށަކުން ގޯތި ދޫކުރާނެ ކަމަށް މިހާތަނަށް ވަނީ އިއުލާން ކޮށްފަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަމުން ބައެއް ކައުންސިލްތަކުން ބުނީ ގޯތި ދޫކުރުމުގައި ސަރުކާރުން އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށެވެ. އަދި ކައުންސިލްތަކުގެ އެއްވެސް ދައުރެއް ނެތި ގޯތި ދޫކުރުމުގެ ކަންކަން ކުރި އަށް ގެންދާތީ އެކަމާ ވެސް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހދ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަލީ ވިދާޅުވީ 2015 ގައި އެ ރަށުން ގޯތި ދޫކުރުމުގެ ހުއްދައަކަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް ގޯތި ދޫކުރުމަށް ސަރުކާރުން އެއިރު ހުއްދަ ނުދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހައުސިން މިނިސްޓްރީން އެއިރު އަޅުގަނޑުމެންނަށް އެންގީ ބިމުގެ ދަތިކަން ބޮޑުކަމުން ގޯތި ދޫކުރުން ނޫން އެހެން ވިސްނުމެއް ގެންގުޅުމަށް. އެ ފަހަރު އަޅުގަނޑުމެން އެދުނީ 1400 އަކަފޫޓުގެ ގޯތި ދޫކުރުމަށް. އެކަމަކު މި ފަހަރު ހައުސިން މިނިސްޓްރީން އެ އިއުލާން ކުރީ 1600 އަކަފޫޓުގެ ގޯތި ދޫކުރަން،" އަބްދުއްލަތީފް ވިދާޅުވި އެވެ. "ހަރުދަނާ ޕްލޭނެއް ނެތި މިކަން ކުރާ ތަން ފެންނަނީ."
މިމަހު 14 ގައި ހޯމް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައިވާ ގޮތުން ކުޅުދުއްފުށިން 80 ގޯތި ދޫކުރާ އިރު ފޯމު ދޫކޮށް ބަލައިގަތުމުގެ މަސައްކަތް ކުރާނީ އެ ރަށުގައި ހުންނަ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުން ކަމަށް ބުނެފައިވެ އެވެ. ދިހަ އަހަރު ފަހުން ގޯތި ދޫކުރުމަށް މި މަހު އިއުލާން ކޮށްފައިވާ އިރު، އެ ކަން ކުރި އަށް ގެންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް ކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.
"ގެވަޅު ދިނުމަކީ ރަނގަޅު ކަމެއް. އެކަމަކު ގެވަޅު ލިބެންޖެހޭނީ ހައްގުވާ މީހުންނަށް. ނަމަވެސް ކަން އޮތް ގޮތަކަށް ނޫން މި ކަންތައް މި ކުރި އަށް ގެންދަނީ. ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރީ،" އޭނާ ވިދާޅުވި އެވެ.
ގދ. ތިނަދޫން 150 ގޯތި ދޫކުރަން އިއުލާން ކޮށްފައިވާ އިރު އެ ރަށު ކައުންސިލު މެންބަރު އިބްރާހިމް އަސްއަދު ވިދާޅުވީ ގޯތި ދޫކުރަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ ރަށުގެ މަސްލަހަތު ގެއްލޭނެ ފަދަ ގޮތަކަށް ކަމަށެވެ.
"ހަގީގަތަށް ބަލާއިރު މިހާރު ވެސް އެބަތިބި 900 އެއްހާ މީހުން ގޯއްޗަށް ފޯމު ހުށަހަޅާނެ. އަޅުގަނޑުމެން ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭނުގައި ވެސް އޮންނާނެ 450 ގޯތި ދޫކުރުން އިއުލާން ކޮށްފަ. އެހެންވީމަ އެންމެ 150 ގޯތި ދޫކުރަން އިއުލާން ކުރީމަ އަޅުގަނޑަށް ވިސްނެނީ ރަށުގެ މަސްލަހަތު ގެއްލޭނެ ފަދަ ކަމަކަށް ވެދާނެ ކަމަށް،" އައްސަދު ވިދާޅުވި އެވެ. "މި ކަމުން ވަރަށް ނުބައި ނަތީޖާއެއް ވެސް ނިކުމެދާނެ."
ތިނަދޫ ކައުންސިލްގެ އެއްވެސް ދައުރެއް ނެތި ޕަބްލިކް ވޯކްސް މެދުވެރިކޮށް އެ މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ. އަދި ގޯތި ދޫކުރަން އިއުލާން ކުރީ ސިޔާސީ މަގްސަދެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ގޯތި ދޫކުރަން އިއުލާން ކޮށްފައި ވަނީ މި ސަރުކާރުން އަލަށް ހިއްކި ބިމުގައި. އެ ތަން އަދިވެސް އޮތީ ކޮންސްޓްރަކްޝަން ސައިޓެއް ގޮތަށް. އަޅުގަނޑު ލަފާ ކުރަނީ ކެމްޕެއިން ދުވަސްވަރު ވީމަ ވައުދެއްވީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކ. މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް ވިދާޅުވީ އެ ރަށުން 100 ގޯތި ދިނުމަށް އިއުލާން ކޮށްފައިވާ އިރު މީގެ ދެ އަހަރު ކުރިން 2016 ގައި ރަށު ކައުންސިލުން އިސް ނަގައިގެން ގޯތި ދޫކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
"އެފަހަރު މައްސަލަ އެޖެންޑާ ކުރީމަ ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްލީ. އެހެންވީމަ އޭގެ ފަހުން ގޯތި ދޭން މަސައްކަތް ކުރެވިފައެއް ނެތް،" ނަޝީދާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 18 ވަރަކަށް އަހަރު ފަހުން މާފުށިން ގޯތި ދޭން އިއުލާން ކޮށްފައިވާ އިރު ރަށު ކައުންސިލްގެ އެއްވެސް ދައުރެއް ނެތި އެކަން ކުރިއަށް ގެންދާތީވެ ނަޝީދާ އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.
"ރަށާ އެންމެ ގުޅިފައިވާ އިދާރާއަކީ ރަށު ކައުންސިލް. ކައުންސިލް މެދުވެރިކޮށް ރަށުން ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
މިއަހަރު ނިމުމުގެ ކުރިން 4،000 ފްލެޓް ހަވާލުކުރަނީ
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ
ތިނަދޫގެ 200 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލަނީ
ކުޅުދުއްފުށީގެ 2،000ހައުސިން ޔުނިޓް މިއަހަރު ފަށަނީ
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
މިނިސްޓަރު ހައިދަރަށް އެމްޑީޕީން ރުހުން ނުދޭން އެދިއްޖެ
ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓް ނެރެފި