14 ސެޕްޓެމްބަރ 2018
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރަށް މިއަދު ހަވީރު ވަޑައިގަތުމުން ފެނުނު ތަފާތު މަންޒަރަކީ މިއީ އެވެ؛
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރަށް މިއަދު ހަވީރު ވަޑައިގަތުމުން ފެނުނު ތަފާތު މަންޒަރަކީ މިއީ އެވެ؛
އިބޫ އިންނެވި ލޯންޗު ހިންނަވަރު ފަޅާ ގާތް ކުރަމުން ދިޔައިރު، ޖެޓްސްކީ އާއި ފްލައިބޯޑްގެ ހަރަކާތްތަކެވެ. ރަށު ތެރޭގައި ބޮޑުބެރާއި ދަނޑި ޖެހުމުގެ ހަރަކާތްތަކެކެވެ. އިބޫއަށް މަރުހަބާ ދަންނަވައި ސަލާމް ކުރެއްވުމަށް ދިގު ސަފެކެވެ. އިދިކޮޅު ޕާޓީތަކުގެ ކުލަތަކުން ރަށް އޮތީ މުޅިން ޒީނަތްތެރިކޮށްފަ އެވެ. މުޅި ރަށަށް އޮތީ ބޮޑު "އީދެއް" އައިސްފަ އެވެ.
އިބޫ މިއަދު ހިންނަވަރަށް ވަޑައިގެން އިދިކޮޅު ސަޕޯޓަރަކު އޭނާ އަށް މާބޮނޑިއެއް ހަދިޔާ ކުރަނީ. އެތައް ސަތޭކަ ބަޔަކު، އިބޫ އަށް މަރުހަބާ ދަންނަވަން އެއްވި. - ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބަށް ނުވަ ދުވަހަށް ވެފައިވަނިކޮށް، ފަސް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރަށް އިބޫ ވަޑައިގަތުމާ ގުޅިގެން، އެ ރަށުގެ ބަނދަރު ސަރަހައްދުން ފެށިގެން އެމްޑީޕީގެ ހަރުގެއާ ހަމައަށް ދިގު ސަފެއް ހަދާފައި އޮތެވެ. އަދި ސަފުގައި ތިބި މީހުންނާ ސަލާމް ކުރެއްވުމަށާއި ބައެއް މީހުންނާއެކު ފޮޓޯ ނެންގެވުމަށް އިބޫ ވަނީ ގަޑިއެއްހާއިރު ހޭދަ ކުރައްވައިފަ އެވެ.
މިއީ، ޅ. އަތޮޅާއި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަމުގައި 25 އަހަރު ހޭދަކުރެއްވި އިބޫއަށް މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ދަންނަވަން ނުކުތް ފުރަތަމަ ފަހަރެވެ. އިބޫ އިއްޔެ އދ. މާމިގިއްޔަށް ވަޑައިގަތުމުން އެއްވި މީހުންނާ ސަލާމް ކުރެއްވުމަށް ސާޅީސް މިނިޓެއް ހާއިރު ހޭދަކުރެއްވި އެވެ.
އިބޫ މިއަދު ހިންނަވަރަށް ވަޑައިގަތުމާ ގުޅިގެން ކުދިބޮޑު އެންމެން ނުކުމެ، އިބޫ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކުލަތަކުގެ ޓީޝާޓު ލައިގެން ތިބި މީހުން ގޮވަމުން ދިޔައީ "މިފަހަރު ވެރިކަމަށް ގެންނާނީ އިބޫ" ކަމަށެވެ. އެ ރަށު ރައްޔިތުން މިއަދު ވަނީ "ހިންނަވަރު ފަހުރުވެރި ދަރި" މި ނަމުގައި އިބޫ އަށް ލަގަބެއް ވެސް ދީފަ އެވެ.
އިބޫ މިއަދު ހިންނަވަރަށް ވަޑައިގެން އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
ސަފުގައި ތިބި މީހުންނާ އިބޫ ސަލާމް ކުރައްވަމުން ގެންދެވިއިރު، އެއްވެ ތިބި މީހުންގެ ފަރާތުން ފެނުނީ ފޯރި އާއި ޖޯޝެވެ. ސަފުގައި ތިބި މީހުންނާ ހިނިތުންވުމާއެކު، އިބޫ ސަލާމް ކުރައްވަމުން ގެންދެވިއިރު، ބައެއް މީހުން އިބޫގެ ގައިގައި ފިރުމާލައި، ހިތްވަރު ދެއްވި މަންޒަރު ވެސް ފެނުނެވެ. އަދި އިބޫ ސަލާމް ކުރައްވަމުން ގެންދެވިއިރު، ބައެއް މީހުން ގެންދިޔައީ އިބޫގެ ގައިގައި ބައްދާލަމުންނެވެ.
"މިހާ ގިނަ ދުވަސްކޮށްފައި ބައްދަލުވީމަ، ވަރަށް އުފާވެފައި މިހުރީ. މިތިބީ އިބޫ ވެރިކަމަށް ހޮވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް،" އައިޝަތު އަލީ، 24 ބުންޏެވެ.
ހަގީގަތަކީ މިއީ އެވެ؛ އެހެން ފަހަރުތަކާ ހިލާފަށް، އިބޫ ހިންނަވަރަށް ވަޑައިގެންނެވީ ވަރަށް ބޮޑު އެދުމަކާއެކުގަ އެވެ. މީގެކުރިން ނަމަ، އޭނާ ވަޑައިގަންނަވަނީ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. އެކަމަކު މިފަހަރު ވަޑައިގަތީ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުންނަވާ ކެންޑިޑޭޓަކީ އިބޫ ކަމަށްވެފައި، އޭނާ އަށް ތާއީދާއި ވޯޓު ހޯދުމުގެ ބޭނުމުގަ އެވެ.
"އަޅުގަނޑުމެން މިތިބީ އިބޫ ރައީސް ކަމަށް ގެންނަން ކެތް މަދުވެފައި. މި ރަށު ރައްޔިތުން ބޭނުންވަނީ، މި ރަށަށް އުފަން ދަރިއަކު ގައުމުގެ ހުންގާނާ ހަވާލުވާން. އިބޫއަކީ އިހްލާސްތެރި ތެދުވެރިއެއް،" ސަފުގެ މެދެއްހާ ހިސާބުގައި އެމްޑީޕީގެ ދިދައެއް ހިފައިގެން ހުރި އަހުމަދު ޝަރީފް 34، ބުންޏެވެ.
ހިންނަވަރުގައި ތިބި އިދިކޮޅު ސަޕޯޓަރުން އިއްތިފާގުވާ ކަމެއް ވެސް އެބައޮތެވެ؛ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ހިންނަވަރުން 80 ޕަސަންޓު ވޯޓު އިބޫ އަށް ލިބޭނެ ކަމާ މެދު ޝައްކެއް ނެތެވެ. އިންތިހާބުގައި ބޮޑު ތަނުން އިބޫ ކުރި ހޯއްދަވާނެ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.
އިބޫ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކީގައި ކުޑައިރުއްސުރެ އެކުގައި އުޅުނު އަލީ އަބްދުﷲ (އަލިބެ) ސިފަ ކުރަނީ ވެސް އިބޫއަކީ ހިތްހެޔޮ، މަޑުމައިތިރި އެންމެންނާ ގުޅޭ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އިބޫއަކީ އިހްލާސްތެރި، ކަންކަމަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.
އިބޫ މިއަދު ހިންނަވަރަށް ވަޑައިގެން، އާންމުންގެ މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
"އަބަދުވެސް އެންމެންނާ ގުޅިގެން އުޅޭނީ. ޒާތީ ކަމެއް ނުބާއްވާނެ އެއްވެސް މީހަކާ. ކޮންމެ މީހަކާ ހިނިތުންވެ ހުރެގެން ވާހަކަ ދައްކާނީ. ވަރަށް އެކްޓިވް ބޭފުޅެއް އިބޫއަކީ،" އަލިބެ "މިހާރު" އަށް ކިޔައިދިނެވެ.
އޭގެ އެންމެ އަލިގަދަ ހެއްކެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވުނީ މިކަމެވެ. ސަލާމްކޮށް ނިންމުމަށް ފަހު، ހަރުގޭގައި އިބޫ ސައި ބައްލަވަމުން ގެންދެވި ގަޑީގައި ވެސް އުޅުއްވީ ކަންކަން އޮޅުން ފިލުއްވުމަށެވެ. ސެލްފީ ނަންގަވައި، ހިންނަވަރުގައި ތިބި އޭނާގެ ސަޕޯޓަރުން ދޫކޮށްލަން ބޭނުމެއް ނުވި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ހަތަރު ކައުންސިލަރުންނާއި އެމްޑީޕީގެ ކައުންސިލަރަކު ހުންނަ ހިންނަވަރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އިބޫ ހިންނަވަރަށް ކުރައްވާ ދަތުރުގައި އެރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިބޫގެ ދަތުރުގައި މިއަދު ވަނީ އދ. ފެންފުށި، އދ. މަހިބަދޫ، އއ. ބޮޑުފުޅަދޫ އަދި ޅ. ކުރެންދުއަށް ވަޑައިގެން އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިބޫ މާދަމާގެ އެކި ވަގުތުތަކުގައި ކ. އަތޮޅުގެ ބައެއް ރަށްތަކަށާއި ޅ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަވާލު ކުރި ޒިންމާ ފުރިހަމައަށް އަދާކުރިން: އިބޫ
ވަކި ކޮޅަކަށް ނުޖެހި ވެރިކަން ކުރާނަން: އިބޫ
ހަމަނުޖެހުން ނުހިންގާތި، އެ ފުރުސަތެއް ނުދޭނަން: އިބޫ
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫގެ ކެބިނެޓާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން!
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް
ޝައްކު ނުކުރައްވާ، ހުވާ ކުރައްވާނީ އިބޫ: ގާސިމް