Roadha Mihaaru
މައުމޫން، އައިޖީއެމްއެޗަށް ގެނެސްފި

މައުމޫން، އައިޖީއެމްއެޗަށް ގެނެސްފި

13 ސެޕްޓެމްބަރ 2018

ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެނެސްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެނެސްފި އެވެ.

މައުމޫންގެ އާއިލާގެ ބައެއް ބޭފުޅުން ވެސް މިހާރު ތިއްބެވީ އައިޖީއެމްއެޗްގަ އެވެ. މާފުށިން އައިޖީއެމްއެޗަށް އެ މަނިކުފާނު ގެނައި ސީދާ ސަބަބެއް އާއިލާ އާއި ވަކީލުންނަށް ވެސް އަދި ސާފެއް ނުވެ އެވެ. އެ ބޭފުޅުން ލަފާ ކުރައްވަނީ، ޓެސްޓުތަކަށް ހަދަން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ، އެތަނުގެ ބަހެއް ނުލިބުނެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.

މި ބަލީގައި މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން ވެސް ފަރުވާ ދިނެވެ. އަމިއްލަފުޅަށް ތެދުވެވަޑައިގެން، ޒަރޫރީ ބައެއް ކަންކަން ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާތީ، ޑޮކްޓަރު ލަފާ ދެއްވީ، މައުމޫން ގޭބަންދަށް ބަދަލުކުރާށެވެ.

އެއާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދު އަށް ގެންނެވުމަށް ފަހު، ގޭބަންދަށް ބަދަލުނުކޮށް އަލުން މާފުށީ ޖަލަށް ގެންދިޔައީ އެވެ. އާއިލާ އިން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މައުމޫން ގޭބަންދަށް ބަދަލު ކުރުމަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ.

މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.