Roadha Mihaaru
ގައުމުގެ މަސްލަހަތު ދިފާއު ކުރުމުގަ ސިފައިން ދެމިތިބޭނެ

ގައުމުގެ މަސްލަހަތު ދިފާއު ކުރުމުގައި ސިފައިން ދެމިތިބޭނެ: އިދިކޮޅު މެނިފެސްޓޯ

09 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިފާއީ ސިޔާސަތު ތަންފީޒުކޮށް، ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަސްކަރީ ދައުރު އޮންނާނެ ހަމައެކަނި މުއައްސަސާއަކީ އެމްއެންޑީއެފް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިފާއީ ސިޔާސަތު ތަންފީޒުކޮށް، ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަސްކަރީ ދައުރު އޮންނާނެ ހަމައެކަނި މުއައްސަސާއަކީ އެމްއެންޑީއެފް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެކުލަވައިލި މެނިފެސްޓޯގައި ބުނެފައިވަނީ ރާއްޖޭގައި ދިފާއީ ސިޔާސަތު ތަންފީޒު ކުރާނެ ވުޒާރާ އަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ޑިފެންސް މިނިސްޓްރީ ކަމަށެވެ. އަދި އިދިކޮޅު ވެރިކަމެއްގައި ގައުމީ ސަލާމަތުގެ ގާނޫނެއް ހަދައި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ނޭޝަނަލް ކޮމާންޑް އޮތޯރިޓީގެ އިތުރުން ފޮރިން މިނިސްޓްރީ ގުޅިގެން، ބައިނަލްއަގުވާމީ ސަލާމަތާއި މަސްރަހާ ގުޅޭ ގޮތުން ދޭން ޖެހޭ އެހީތެރިކަމާ މަޝްވަރާ ޑިފެންސް މިނިސްޓްރީ އަށް ދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ބޮޑު ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބޫ އަދި ރަނިންމޭޓު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ބޮޑު ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބޫ އަދި ރަނިންމޭޓު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަސްކަރީ ދައުރު އޮންނާނެ ހަމައެކަނި މުއައްސަސާއަކީ ދިފާއީ ބާރު ކަމަށް އިދިކޮޅު މެނިފެސްޓޯގައި ބުނެފައިވާއިރު، ސަރުކާރާއި ޕީޕީއެމްގެ ބައެއް ބޭފުޅުން، މީގެ ކުރިން ވިދާޅުވި ގޮތުގައި، އިދިކޮޅުގެ ވިސްނުން ހުރީ އެމްއެންޑީއެފް އުވައިލުމަށެވެ.

އެކަމަކު، ގިނަ އަދަދެއްގެ ބަޔަކާއެކު، އިދިކޮޅު ކޯލިޝަނުން ކާނިވަލުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަށް ޣައިރު ގާނޫނީ އަމުރުތަކެއް ނުކުރާނެ ކަމަށެވެ.

އޭގެ ބަދަލުގައި ފުލުހުންނާއި ސިފައިންނަކީ ތަމްރީނާއި ވަސީލަތް ލިބިފައިވާ ޕްރޮފެޝަނަލް އަދި ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް އުސޫލުތައް ނަގަހައްޓާނެ ބަޔަކަށް ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު މެނިފެސްޓޯގައި ވެސް ވަނީ ސިފައިންނަށް ވަސީލަތްތައް އިތުރުކޮށްދޭނެ ވާހަކަ ހިމަނައިފަ އެވެ.

އިދިކޮޅު މެނިފެސްޓޯގައި ބުނި ގޮތުގައި، އެމްއެންޑީއެފް ރާވާ ހިންގާނެ އުސޫލުތައް ހަރުދަނާކޮށް ސްޓްރެޓީޖިކް އަމުރު ނެރެ މަގު ދައްކައިދީ ދިފާއީ ބާރުގެ މައްޗަށް މަދަނީ ކޮންޓްރޯލް އޮންނާނީ ޑިފެންސް މިނިސްޓްރީއަށެވެ. އަދި ޑިފެންސް މެނޭޖްމަންޓްގެ ގާބިލްކަން އަދި ފަންނީ ހުނަރުވެރިކަން ލިބިފައިވާ ދިފާއީ އަދި ގައުމީ ސަލާމަތުގެ ރޮނގުން މަތީ ތައުލީމް ލިބިފައިވާ މުވައްޒަފުން އިތުރުކޮށް، ދިފާއީ ވުޒާރާގެ އޮނިގަނޑު ވަރުގަދަ ކުރެވޭނެ ކަމަށް ވެސް އިދިކޮޅު މެނިފެސްޓޯގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު މެނިފެސްޓޯގައި ހިމެނޭ މުހިންމު ބައެއް ކަންކަން:

- ގައުމީ ސަލާމަތުގެ ގާނޫނެއް ވުޖޫދަށް ގެންނާނަން.

- ސައިބާ އިކޮނޮމިކް ކްރައިމްސްއާ ގުޅޭ ކުށްތައް ހުއްޓުވަން ފިޔަވަޅު އަޅާނަން.

- ރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނަން.

- އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދޭނަން.

- ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް، ކަނޑު ފޭރޭ މީހުންނާއި ސުމަގުލްކުރާ ފަރާތްތަކުގެ ނުރައްކަލުން ރައްކާތެރިކުރުމަށް ސަރަހައްދު ބެލެހެއްޓުން

އިދިކޮޅު މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއްގަމާއި ކަނޑާއި ވައިގެ ސިފައިންގެ ހިދުމަތް ދިނުމަށް އެކަށީގެންވާ ވަސީލަތާއެކު ކޮމްބެޓެންޓް ކޮމާންޑްތަކެއްގެ ހިދުމަތް ދޭނެ ނިޒާމެއް ގާއިމް ކުރާނެ އެވެ. އަދި އެމްއެންޑީއެފަށް ބޭނުންވާ ވަސީލަތްތައް އިތުރު ކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ގައުމީ ސަލާމަތުގެ ސްޓްރެޓީޖީ އަދި ދިފާއީ ސިޔާސަތުގެ ނަމުގައި އާންމު ކުރި މެނިފެސްޓޯގައިވާ ގޮތުން، އެމްއެންޑީއެފަކީ އެ މައްޗަށް މަދަނީ ކޮންޓްރޯލް އޮންނަ ދިފާއީ ބާރެއްގެ ގޮތުގައި ބައްޓަން ކުރެވި ޕްރޮފެޝަނަލް މިލިޓަރީ އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓެއްގެ ދަށުން މަސައްކަތް ކުރާ މުއައްސަސާއަކަށް ހެދޭނެ އެވެ. އަދި ފަސާދަ އާއި ކޮރަޕްޝަނުން މިންޖުވެފައިވާ، ދިވެހިން ފަހުރުވެރިވާ ފަދަ ދިފާއީ ބާރަކަށް ވާސިލްކޮށް ދެވޭނެ ކަމަށް ވެސް އިދިކޮޅު މެނިފެސްޓޯގައި ބުނެފައިވެ އެވެ.