Roadha Mihaaru
ފުރަތަމަ ދުވަސްކޮޅު ބްރިޖްގެ ބަސްދަތުރުތައް ހިލޭ

ފުރަތަމަ ދުވަސްކޮޅު ބްރިޖްގެ ބަސްދަތުރުތައް ހިލޭ

06 ސެޕްޓެމްބަރ 2018

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަސްމީކޮށް ބްރިޖްގެ ބަސްދަތުރުތައް ފަށަންދެން، މާލެ-ހުޅުލެ-ހުޅުމާލޭ ބަސް ދަތުރުތައް ހިލޭ ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަސްމީކޮށް ބްރިޖްގެ ބަސްދަތުރުތައް ފަށަންދެން، މާލެ-ހުޅުލެ-ހުޅުމާލޭ ބަސް ދަތުރުތައް ހިލޭ ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ސިނަމާލޭ ބްރިޖް އާއްމު ދަތުރުތަކަށް ހުޅުވާލަން ހަމަޖައްސާފައި ވަނީ މާދަމާ އެވެ. ނަމަވެސް ހުޅުވާލަން ހަމަޖައްސާފައިވާ ގަޑިއެއް ހައުސިން މިނިސްޓްރީން އަދި ނުބުނެ އެވެ.

ބްރިޖްގައި ބަސް ދަތުރުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ އެމްޕީއެލް އިން ދޭ ބަހުގެ ހިދުމަތް ރަސްމީކޮށް ފެށޭނީ ދެތިން ދުވަސް ފަހުން ކަމަށެވެ.

"ބްރިޖްގެ ބަސް ދަތުރުގެ ހިދުމަތް ރަސްމީކޮށް ފެށެންދެން އަޅުގަނޑުމެން ބޭނުންވޭ މި ހިދުމަތް ދޭ ގޮތް އާއްމުންނަށް ދައްކާލަން. އެ ގޮތުން މާދަމާ އިން ފެށިގެން ބަސް ދަތުރުތައް ކުރާނެ މާލެ އާއި ހުޅުމާލެއާ ދެމެދު،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ބަސް ދަތުރުގެ އަގުތަކާއި ޝެޑިއުލް އިއުލާން ކުރާނީ ރަސްމީކޮށް ދަތުރުތައް ފަށާ އިރު ކަމަށެވެ. އަދި އަގުތައް ކަނޑައެޅެންދެން، އާންމު ގޮތެއްގައި ބްރިޖް ހުރަސްކޮށް ބަސް ދަތުރުތައް ބާއްވާނީ ޕީކް ގަޑިތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބަސްތައް މާލެ އިން ދާނީ ހުޅުމާލޭގައި ހުންނަ ޓާމިނަލަށް. އެ ތަނުން ރަށު ތެރެ އަށް ދަތުރުކުރަން އެމްޓީސީސީގެ ބަސްތައް އޮންނާނެ،" ހަލީމް ވިދާޅުވި އެވެ.

އެމްޕީއެލް އިން ބްރިޖް ހުރަސްކޮށް ބަހުގެ ހިދުމަތް ދިނުމަށްޓަކައި މިހާރު ވަނީ ނުވަ ބަސް މާލެ ގެނެސްފަ އެވެ. އެ ކުންފުނިން ނިންމާފައި ވަނީ ބްރިޖްގެ ދަތުރުތަކަށް ޖުމްލަ 22 ބަސް ބޭނުންކުރާށެވެ.