Roadha Mihaaru
ބްރިޖުގައި ދުއްވާ ފުރަތަމަ ޑަބަލްޑެކާ ބަސް ގެނެސްފި

ބްރިޖުގައި ދުއްވާ ފުރަތަމަ ޑަބަލްޑެކާ ބަސް ގެނެސްފި

09 އޮކްޓޯބަރ 2018

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކޮށް ކުރާ ބަސް ދަތުރުތަކުގައި ބޭނުންކުރުމަށް ޑަބަލް ޑެކާ ބަހެއް އެމްޕީއެލުން ގެނެސްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކޮށް ކުރާ ބަސް ދަތުރުތަކުގައި ބޭނުންކުރުމަށް ޑަބަލް ޑެކާ ބަހެއް އެމްޕީއެލުން ގެނެސްފި އެވެ.

އެމްޕީއެލުން ބުނީ ސިނަމާލެ ބްރިޖްގައި ދޭ ބަހުގެ ހިދުމަތް ފުޅާކުރުމަށް، އިއްޔެ ގެނައި މި ބަހުގައި 90 މީހުންގެ ޖާގަ އޮންނާނެ ކަމަށެވެ. މިހާރު ދުއްވާ ބަސްތަކުގައި ގިނަ ވެގެން ދަތުރު ކުރެވެނީ 70 މީހުންނަށެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ ބްރިޖްގެ ދަތުރުތަކުގައި މީގެ އަށް ބަސް ބޭނުން ކުރާނެ ކަމަށާއި ފުރަތަމަ ގެނައި ބަސް ދަތުރުތަކުގައި ބޭނުންކުރުމަށް އެ ބަސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މި ބަސް ރަޖިސްޓްރީ ކުރުމަށް އަޅުގަނޑުމެން މި ހަފުތާތެރޭގައި ޓްރާންސްޕޯޓަށް ހުށަހަޅާނަން. އަދި އެކަން ނިމުނުހާ އަވަހަކަށް ހިދުމަތް ދޭން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ގެނައި ޑަބަލް ޑެކާ ބަސް

އިއްޔެ ގެނައި ޑަބަލް ޑެކާ ބަސް

ބްރިޖްގައި ދަތުރު ކުރުމަށް އެމްޕީއެލުން މިހާރު ނުވަ ބަސް ބޭނުން ކުރެ އެވެ. އެއީ މީހުން އަރުވައިގެން ދަތުރު ކުރާ، ސިޓީ ބަހުގެ ހަތް ބަހާއި މުދާ އުފުލޭ ދެ ކޯޗް ބަހެވެ.

ހަލީމް ވިދާޅުވީ ޕީކް ގަޑިތަކުގައި، ވަރަށް ގިނަ ބަޔަކު ބަހުގައި ދަތުރުކުރާ ކަމަށާއި އެ ނޫން ވަގުތުތަކުގައި ވެސް، މަދުނުވާ ވަރަށް މީހުން ބަހުގައި ދަތުރު ކުރާ ކަމަށެވެ. އެހެންވެ، ޑަބަލްޑެކާ ބަހުގެ ބޭނުން ވެސް ގިނަ ބަޔަކު ހިފާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

އެމްޕީއެލްގެ އަމާޒަކީ ދަތުރުތަކުގައި 22 ބަސް ބޭނުންކުރުމެވެ. އަދި އަންނަ އަހަރު މާލޭގައި ބަހުގެ ހިދުމަތް ދޭން ފަށާއިރު، އެ އަދަދު 35 އަށް އިތުރުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖް ހުރަސްކޮށް، ހުޅުލެ އާއި ހުޅުމާލެއަށް ދިޔުމަށް ކުރާ ދަތުރުތަކަށް އަދި ފީ ނަގާކަށް ނުފަށަ އެވެ.

އެމްޕީއެލުން ބުނީ ބަހުގައި ދަތުރުކުރުމަށް، އެންމެ އެކަށީގެންވާ ފީ ކަނޑައަޅައި ޓްރާންސްޕޯޓް އޮތޯރިޓީ އަށާއި ރައީސް އޮފީހުގައި އޮންނަ "ބްރިޖް ކޮމެޓީ"އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ އިދާރާތަކުން ފައިނަލް ކުރިހާ އަވަހަކަށް، ފީ ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.