28 މާޗް 2018
ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސްދަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފި އެވެ.
ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސްދަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފި އެވެ.
އެ ކުންފުނީގެ އެސިސްޓެންޓް ސީއީއޯ ރާބިހު މުހައްމަދު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ބަހުގެ ހިދުމަތް ފަށައިގަންނަ އިރު އެކި ސައިޒުގެ 22 ބަސް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ދިހަ މިނެޓަކުން އެއްފަހަރު ދަތުރެއް ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ދިނުން އެމްޕީއެލްއާ މިދިޔަ އަހަރުގެ ފަހުކޮޅު ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނީ ބްރިޖްގެ ހިދުމަތް އަންނަ ޖުލައި 26ގައި ފެށުމުން މާލެއިން ހުޅުލެ އަށާއި ހުޅުމާލެ އަށް ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެމްޕީއެލް އިން ބަހުގެ ހިދުމަތް ދިނުމަށް މާލޭގައި ފަސިންޖަރު ޓާމިނަލެއް ހަދަން ބޮޑުތަކުރުފާނުމަގުގައި ހުންނަ ތައިސޭކޮށިން ބައެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި އެތަން ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ތައިސޭ ކޮށީގައި ހަދާ ސެންޓްރަލް މީޓިން ޕޮއިންޓުން ބަސް ނައްޓާލާނީ ބްރިޖް މަތިން ހުޅުމާލެއަށާއި ހުޅުލެއަށް. އަދި ހުޅުމާލޭގައި ހުންނާނެ ޕޮއިންޓެއް. މިހާރު ހުޅުމާލޭގެ ކުނިކޮށި ހުރި ސަރަހައްދުގައި ހަދަން ވާހަކަދެކެވިފައި ވަނީ. ބަހުގެ ހިދުމަތް ދޭނީ ތިން ރޫޓަކުން. އެއީ މާލެ- ހުޅުމާލެ އަދި މާލެ- ހުޅުލެ،" ރާބިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިޖް ހެދުމަށް ފަހު އެންމެ ގިނަ ބަޔަކު ދަތުރުކުރާނީ ހުޅުމާލެ އިން މާލެ އަށް ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މާލެ އިން ހުޅުލެ އަށް ވެސް މިހާރު ދުވާލަކު 15،000 އެއްހާ މީހުން ދަތުރު ކުރާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު ބަހުގައި ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރާބިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހިދުމަތް ދިނުމަށް ބޭނުންކުރާ އެއާކޯން ކޮށްފައިވާ ކޯޗްތަކެއް. އަދި މި ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް އިލެކްޓްރޯނިކް ކާޑެއް ބޭނުންކުރެވޭ ގޮތް ހެދުމަށް މިދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
ރާބިހު ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު މިހާރު ވެސް ދުވާލަކު 28،000 މީހުން ދަތުރުކުރާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ބޮޑު ބައެއް ބްރިޖް ނިމުމުން ބަހުގައި ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެ އަށް ދަތުރުކުރާ ފަސިންޖަރުން އުފުލަން އަޅުގަނޑުމެން ގަސްދުކޮށްފައި ވަނީ ޑަބަލް ޑެކާ [ދެ ބުރި އަށް ހުންނަ] ބަސް. އަދި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ވެސް ބަހުގެ ހިދުމަތް ދޭނެ،" ރާބިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި ހުޅުމާލެ އިން މާލެ އަށް ބަހުގައި 12 މިނެޓުން ދަތުރު ކުރެވޭނެ އެވެ.
"އަޅުގަނޑުމެން ބޭނުންވީ އާދައިގެ ފެރީއަކުން އެއްފަހަރާ މީހުން ގެންދެވޭ ވަރުގެ ބަސް ހޯދަން. އަޅުގަނޑުމެން މި ބަލަނީ ފެރީ އާއި ބަހުގައި އެއް ކާޑެއް ބޭނުންކުރެވޭ ގޮތަށް ހެދުމަށް. އެ ގޮތުން އެމްޓީސީސީއާ އެކު މަޝްވަރާ ކުރަމުން އެބަގެންދަން،" އެ ކުންފުނީގެ ކޯޕަރޭޓް ޑިވިޝަންގެ ހެޑް އަބްދު ފާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ބަހުގެ ހިދުމަތް ދިނުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދި ކަމަށެވެ. އަދި އެ ކުންފުނިން އެ ހިދުމަތުގައި ނަގާ އަގު މިހާރު ބޭނުންކުރާ ފެރީ ނިޒާމްގެ އަގަށް ވުރެ ބޮޑުނުވާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ ދިހަ ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް. އަގުތައް މުޅިން ނިންމާނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހިދުމަތަށް ބޭނުންވާ ބަސްތަކަށް އަންނަ މަހު އޯޑަރު ދޭނެ ކަމަށެވެ. އަދި ބަހުގެ ހިދުމަތް ދޭން ފަށާއިރު ގާތްގަނޑަކަށް 300 އާ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ބަލަން ހުޅުލެ އަށް ފުރަން ދާ ފަސިންޖަރުންނަށް މާލެ އިން ޗެކިން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭތޯ. އޭރުން މާލެ އިން ޗެކިން ކުރުމަށް ފަހު އެއާޕޯޓަށް ދާނީ ސީދާ ފުރަން،" އޭނާ ވިދާޅުވި އެވެ.
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ބްރިޖުގައި ދުއްވާ ފުރަތަމަ ޑަބަލްޑެކާ ބަސް ގެނެސްފި
އެމްޕީއެލްއިން މާލޭގައި ބަހުގެ ޚިދުމަތް ފަށަނީ
ބްރިޖުގައި ދަތުރުތައް ފަށަން އެމްޕީއެލްއަށް ހުއްދަ ދީފި
އެމްޕީއެލް ބަސްތަކުން 4 މިލިިއަން މީހުން ދަތުރުކޮށްފި
ބަހުގެ ހިދުމަތް އެމްޓީސީސީއާ މި މަހު ހަވާލު ކުރާނެ
ބަހުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދައާއެކު
މާލޭގައި ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ
މާލެ-ހުޅުމާލެ ބަހުގައި ގައިދުރުކަމެއް ނެތް!
އެމްޕީއެލްގެ ބައެއް މުވައްޒަފުންނަށް މުސާރައާއެކު ޗުއްޓީ