Roadha Mihaaru
ބްރިޖުގައި ދަތުރުތައް ފަށަން އެމްޕީއެލްއަށް ހުއްދަ ދީފި

ބްރިޖުގައި ދަތުރުތައް ފެށުމަށް އެމްޕީއެލްއަށް ހުއްދަ ދީފި

30 އޯގަސްޓް 2018

ސިނަމާލެ ބްރިޖްގައި ބަސް ދަތުރުތައް ފެށުމުގެ ހުއްދަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިއަދު ދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލެ ބްރިޖްގައި ބަސް ދަތުރުތައް ފެށުމުގެ ހުއްދަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިއަދު ދީފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެ ހުއްދަ އެމްޕީއެލްއާ ހަވާލުކޮށް ދެއްވީ، އެ އޮތޯރިޓީގެ ސީއީއޯ މަހުދީ އިމާދެވެ. އެމްޕީއެލްގެ ފަރާތުން ހުއްދައާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމެވެ.

ހައުސިން މިނިސްޓްރީން ބުނީ ބްރިޖުގައި އާންމު ދަތުރުފަތުރުތައް ފަށާނީ އަންމަ މަހުގެ ހަތްވަނަ ދުވަހު އެވެ.

ބްރިޖުގައި އެމްޕީއެލްއިން ފަށާ ބަހުގެ ދަތުރުތަކުގެ އަގެއް އަދި ބްރިޖަށް އަރަން ނަގާ ފީގެ އަގެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

އެމްޕީއެލް ބަހެއް ބްރިޖުގައި ދުއްވަނީ-- ފޮޓޯ: އަބްދުﷲ ޖަމީލް/މިހާރު

އެމްޕީއެލް ބަހެއް ބްރިޖުގައި ދުއްވަނީ-- ފޮޓޯ: އަބްދުﷲ ޖަމީލް/މިހާރު

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި، ބްރިޖް ބަހުގެ އަގުތައް އެމްޓީސީސީ ޕްރީމިއަމް ފެރީ އަށް ވުރެ އަގުބޮޑު ނުވާނެ ކަމަށެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ، އެމްޓީސީސީގެ ޕްރިމިއަމް ފެރީގެ ޓިކެޓް ވިއްކަނީ ކޮޅަކަށް 10ރ. އަށެވެ. އަދި އާދައިގެ ފެރީގެ ޓިކެޓެއް ވިއްކަނީ 5.50ރ އަށެވެ.

ހަލީމް ވިދާޅުވީ، މާލެ-ހުޅުލެ ބްރިޖުގައި ދަތުރުތައް ކުރާނީ 22 ބަސް ބޭނުންކޮށްގެން ކަމަށެވެ.

އެމްޕީއެލުން ވަނީ ބްރިޖްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފަ އެވެ. އެ ކުންފުނިން ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ. ބްރިޖު މިރޭ ހުޅުވުމަށް ނިންމާފައިވަނީ ހާއްސަ، ބޮޑު ރަސްމިއްޔާތެއްގައި ކުލަގަދަ ހަރަކާތްތަކަކާ އެކު އެވެ.