Roadha Mihaaru
މައުމޫން އުންމީދުކުރައްވަނީ އިބޫ ހޮވި އިންސާފު ލިބުމަށް

އިބޫގެ ވެރިކަމުގައި މައުމޫނާއި ފާރިސް އަދި ނަދީމް މިނިވަންވާނެ ކަމަށް އެ ބޭފުޅުން އުންމީދުކުރައްވާ: ވަކީލް

05 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިވަޑައިގެންފިނަމަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އެ ބޭފުޅުން އުންމީދުކުރައްވާ ކަމަށް، އެބޭފުޅުންގެ ވަކީލް މައުމޫން ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިވަޑައިގެންފިނަމަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އެ ބޭފުޅުން އުންމީދުކުރައްވާ ކަމަށް، އެބޭފުޅުންގެ ވަކީލް މައުމޫން ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވަކީލް މައުމޫން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު އިބޫ ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އިދިކޮޅު ލީޑަރުންނާއި ސިޔާސީ ކަންކަމުގައި ޖަލަށް ލާފައިވާ ބޭފުޅުން މިނިވަންކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.

އިބޫ ހޮވިއްޖެ ނަމަ އިންސާފު ލިބޭނެ ކަމަށް މައުމޫނާއި ދަރިކަލުން އަދި ދަނބިދަރިކަލުން އުންމީދުކުރައްވާ ކަމަށް އެ ބޭފުޅުންގެ ވަކީލް ވިދާޅުވީ އިބޫ މިއަދު މާލޭގައި ދޮރުންދޮރަށް ހިންގަވައި ކެމްޕެއިނު ކުރެއްވި އިރު ފާރިސްގެ އަނބިކަނބަލުންނާއި އެ އާއިލާގެ އެހެން ބައެއް ބޭފުޅުންނާ އިބޫ ބައްދަލުކުރައްވައި ނަންގަވާފައިވާ ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓެއްގަ އެވެ.

ވަކީލް މައުމޫންގެ ޓްވީޓް

އައްޑޫ މަރަދޫ ޖަގަހަ ހުޅުވުމަށް މިދިޔަ ޖުލައި މަހު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރާނެ ކަމަށެވެ.

"ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތާ އެކު، ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވައިލާ ސަރުކާރުގެ ފުރަތަމަ ދުވަހު އެ ހުރިހާ ބޭފުޅުން [ސިޔާސީ ހުރިހާ ލީޑަރުން] މިނިވަން ވެގެން ދާނެ." މި އަހަރުގެ ނޮވެމްބަރު 17 އަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން ނަމަ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާ ދުވަހެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ދައުރު ފެށޭނީ އެ ދުވަހު އެވެ.

މައުމޫނާއި ނަދީމް ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ މީހަކު ޖަލުން މިނިވަންކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެވެ. އަދި ހައްޔަރުކޮށް ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވެ މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ހުއްދަ ނެތި ޕީޕީއެމްގެ ދިދަ ބޭނުންކުރެއްވި ކަމަށް ބުނެ އުފުލި، ޝަހުސު އޮޅުވާލުމުގެ ދައުވާގައި ކުށް ސާބިތުވެ ފާރިސް އަށް ވެސް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

މައުމޫނާއި ފާރިސް އަދި ނަދީމުގެ މައްޗަށް، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތްތައް ވަނީ ފަށައިފަ އެވެ.