Roadha Mihaaru
ލަންކާ ރައީސްގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި

ލަންކާގެ ރައީސް ސިރިސެނާގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި

06 އޮކްޓޯބަރ 2018

ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސެނާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ރާއްޖެ ވަޑައިގެން އިދިކޮޅު ބައެއް ލީޑަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސެނާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ރާއްޖެ ވަޑައިގެން އިދިކޮޅު ބައެއް ލީޑަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ސިރިސޭނާގެ މަންދޫބު ވަނީ އިންތިޚާބީ ރައީސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފަ އެވެ.

އެކަމަކު، މި ބައްދަލުވުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓު.

މައުމޫނާއެކު ބޭއްވި ބައްދަލުވުމުގައި ލަންކާގެ މިނިސްޓަރު ވަނީ އެ ގައުމަށް މައުމޫން ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި މައުމޫންގެ ދަތުރުފުޅުގައި ލަންކާގެ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރެއްވުމުގެ ދައުވަތު މައުމޫނަށް ދެއްވި އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ލަންކާގެ މިނިސްޓަރާ ބައްދަލު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެކެވެ. އަދި މައުމޫންގެ އަރިހަށް ލަންކާގެ މިނިސްޓަރު އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިކުރައްވައި އިދިކޮޅު ކޯލިޝަންގެ އިބޫ ކާމިޔާބު ހޯއްދެވުމާ ގުޅިގެން، ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިބޫ އަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޗައިނާ އާއި ރަޝިއާ އާއި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އާއި ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.