Roadha Mihaaru
ބްރިޖްގެ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރަނީ

ބްރިޖްގެ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރާނެ: ޓީއޭ

02 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ (ޓީއޭ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ (ޓީއޭ) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާނެ އަގުތަކާ މެދު ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އާއްމުކޮށް ދަތުރުކުރަން ބްރިޖް ހުޅުވާލުމުގެ ކުރިން އަގުތައް އިއުލާން ނިންމާފައި ވަނީ. އެސްޓިމޭޓެޑް އަގުތަކެއް ކަނޑައެޅިފައިވީ ނަމަވެސް އެކަމާ މެދު އަދިވެސް އަންނަނީ މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ބްރިޖްގެ ފީތައް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަގުތަކަކީ ހަގީގަތެއް އެކުލެވޭ އެއްޗެއް ނޫން ކަމަށެވެ.

ބްރިޖްގެ ފީތައް ނެގުމަށް ގާނޫނީ އެއްވެސް ހުރަހެއް އެބައޮތްތޯ އެހުމުން އެކަމާ މެދު ވަކި ޖަވާބެއް އޭނާ ނުދެއްވަ އެވެ.

ނަމަވެސް ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ ބްރިޖްގެ ފީތައް ކަނޑައަޅައި، އާއްމުންގެ އަތުން ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ފީ ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.

ޓީއޭގެ އޮފިޝަލް ވިދާޅުވީ ބްރިޖްގެ ފީތައް އިއުލާން ކުރާ އިރު، ސައިކަލާއި ޓެކްސީ އަދި އެހެނިހެން އުޅަނދުތަކުން ނަގާނެ ފީތައް ވެސް ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ހިލޭ ދަތުރު ކުރެވޭނެ މުއްދަތު ވެސް އިއުލާންކުރެވޭނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފުރަތަމަ ފީ ނަގަން ހަމަޖައްސާފައި ވަނީ ސްޓިކާއެއް ވިއްކައިގެންނެވެ. ނަމަވެސް އިލެކްޓްރޯނިކް ކޮށް ފައިސާ ދެއްކޭ ގޮތަށް، ފަހުން ކޮންމެ އުޅަނދެއްގައި އިލެކްޓްރޯނިކް ޑިވައިސްއެއް ހަރުކުރާ ގޮތަށް ހަމަޖައްސާފައިވެ އެވެ.

ބްރިޖްގައި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހުއްދަ ދީފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށެވެ. އެކަމަކު އެ ކުންފުނިން ބަސް ދަތުރުތަކުގެ އަގެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ހުޅުވައިދެއްވި ބްރިޖް އާއްމު ދަތުރުފަތުރަށް ހުޅުވައިލަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 10 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ މާލޭން ހުޅުލެ އަށް ދަތުރު ކުރުމަށް ޚާއްސަ ދެ ލޭނާއި ހުޅުލެ އިން މާލެ އަށް ދަތުރުކުރުމަށް ދެ ލޭނެވެ. މާލޭން ހުޅުލެ އަށް ދަތުރުކުރާ ދެ ލޭންގައި، 3.5 މީޓަރު ހުންނަ އިރު، ހުޅުލޭން މާލެ އަށް ދަތުރު ކުރާ ދެ ލޭންގައި 3.2 މީޓަރު ހުންނާނެ އެވެ.