Roadha Mihaaru
ބަސް ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ

ކުޑަކުއްޖާ މަރުވި އެކްސިޑެންޓުގައި، ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ

26 ޑިސެމްބަރ 2019

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އެމްޓީސީސީގެ ބަސް ޑްރައިވަރާ ދޭތެރޭ އަޅާނެ ފިޔަވަޅަކާ މެދު ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އެމްޓީސީސީގެ ބަސް ޑްރައިވަރާ ދޭތެރޭ އަޅާނެ ފިޔަވަޅަކާ މެދު ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި، ދެމައިން ތިބި ސައިކަލެއްގައި ބަހަކުން ޖެހި މަރުވީ ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގު 13، އެވެ.

އެ ހާދިސާއާ ގުޅިގެން އެ ދުވަހު ބަސް ޑްރައިވަރު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބަސް ޑްރައިވަރުގެ ލައިސެންސް އަދިވެސް ވަނީ ހިފަހައްޓާފައި ކަމަށެވެ. އެ އެކްސިޑެންޓާ ގުޅޭގޮތުން އަޅާނެ ފިޔަވަޅަކާ މެދު ޕީޖީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.

ބަސް އޮޕަރޭޓް ކުރާ އެމްޓީސީސީން ބުނެފައި ވަނީ އެ އެކްސިޑެންޓު ހިނގިކަން، ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށެވެ.

އެކަމަކު އާއިލާގެ ބައެއް މީހުން ބުނެފައި ވަނީ ދެ މައިން ސައިކަލްގައި ގޮސް، ހައިވޭ އަށް އެރިތާ މާ ގިނައިރުތަކެއް ނުވެ ކުރިމަތިން އެމްޓީސީސީގެ ބަހާ ހަމަވި ތަނާ ދެމައިން ދުއްވި ސައިކަލް، ބަހުގައި ޖެހި ވެއްޓުނީ ކަމަށެވެ. އަންޖުންގެ ބޮލުގައި އޮތް ހެލްމެޓު ވެއްޓި، އޭނާގެ ބޯ ގޮސް ޖެހުނީ ތާރުގަނޑުމަތީގަ އެވެ. ނުރައްކާތެރި އެކްސިޑެންޓުގައި އަންޖުންގެ މަންމަގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވި އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ، އަންޖުންގެ އާއިލާގެ ބައެއް މެމްބަރުން ކިޔައިދީފައިވާ ގޮތުގައި އެކްސިޑެންޓުވުމުގައި ބަސް ޑްރައިވަރުގެ އިހުމާލު ވަރަށް ބޮޑެވެ. އެއް ކަމެއްގެ ގޮތުގައި އެކަކު ފާހަގަ ކުރީ އެކްސިޑެންޓުވި އިރު ވެސް ބަސް ދުއްވަން އިން ޑްރައިވަރަށް އެކަން ނޭނގުމެވެ.