Roadha Mihaaru
ޑްރައިވަރު ސިހިފައި ސްޕީޑަށް، ދެން ކޮންޓްރޯލެއް ނުވި!

ޑްރައިވަރަށް ސިހިފައި ނެގުނީ ސްޕީޑް، ދެން ކޮންޓްރޯލެއް ނުވި!

07 މެއި 2019

އިއްޔެ ހެނދުނު ހުޅުމާލޭގައި ޔުކްރެއިންގެ ޒުވާން އަންހެން ޓޫރިސްޓަކު މަރުވި ހިތާމަވެރި ހާދިސާ ހިނގީ، އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިފައި އިންދާ އެހީތެރިޔާ ގޮވާލުމުން، އޮޅިގެން ސްޕީޑަށް ލެވުމުން ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެފި އެވެ.

އިއްޔެ ހެނދުނު ހުޅުމާލޭގައި ޔުކްރެއިންގެ ޒުވާން އަންހެން ޓޫރިސްޓަކު މަރުވި ހިތާމަވެރި ހާދިސާ ހިނގީ، އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިފައި އިންދާ އެހީތެރިޔާ ގޮވާލުމުން، އޮޅިގެން ސްޕީޑަށް ލެވުމުން ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެފި އެވެ.

އޭގެ ތެރެއިން އެކަކު ބުނީ އެމްޓީސީސީ ފެރީއަށް މީހުން ގޮވައިގެން ދިޔަ ބަސް، އާ ލޯކަލް މާރުކޭޓު ކައިރިން ލަނބާނުލާ ދާން ފެށުމުން، އެކަން ޑްރައިވަރުގެ ސަމާލުކަމަށް ގެންނަން އޭނާގެ ގައިގައި ބަހުގެ އެހީތެރިޔާ އަތް ޖައްސާލުމާ އެކު، ނިދިފައި އިން ޑްރައިވަރު ސިހުނީ ކަމަށެވެ.

"އޭނާއަށް ދެން ކުއްލިއަކަށް ސްޕީޑަށް ފިތާ ލެވުނީ. އެހާ ހިސާބުން ބަސް ބާރު ސްޕީޑްގައި ކޮންޓްރޯލް ނުވެ ދިޔައީ،" އެކަކު ކިޔައިދިނެވެ.

ހެނދުނު 0630 ހާއިރު ހިނގި އެކްސިޑެންޓްގައި އުމުރުން 31 އަހަރުގެ ޔުކްރެއިން އަންހެންމީހާ މަރުވީ އެކްސިޑެންޓްވި ތަނަށެވެ.

ކުރިން އަޑުއަރާފައި އޮތީ އޭނާއާ އެކު ދިވެހި އަންހެނަކާ އެކު ވެސް ހެނދުނު ހިނގާލަން ނުކުމެ އުޅެނު ކަމަށެވެ. ނަމަވެސް "މިހާރު"އަށް ފަހުން އެނގުނު ގޮތުގައި ދިވެހި އަންހެންމީހާ އާއި އޭނާއާ އެއްވެސް ގުޅުމެއް ނެތެވެ. އޭނާ ރާއްޖެ އައީ ރަހުމަތްތެރި ފިރިހެނަކާ އެކު ކަމަށާއި ހެނދުނު އެކަނި ނުކުމެ އުޅުނީ ޖޮގިންއަށް ކަމަށް ވެސް، އެނގިފައިވެ އެވެ.

ބާރު ސްޕީޑްގައި ބަސް އަންނަ ތަން ފެނުމުން ދިވެހި އަންހެންމީހާއަށް ސިހިފައި ދުއްވައިގަނެވުނީ، ބައެއް މީހުން ބުނި ގޮތުގައި، މަގުގެ މެދަށެވެ. އެކަމަކު ނަސީބު ދެރަކަމުން ޔުކްރެއިންގެ އަންހެންމީހާއަށް އެރުނީ ދުވާރުގައި ގަސް އިނދަން ހުސްކޮށްފައި އޮތް ތަނަށެވެ. އޭނާ އެތަނަށް ވެއްޓުމާ އެކު ބަސް ދިޔައީ ގައި މަތިންނެވެ.

މަރުވި އަންހެންމީހާގެ ރަހުމަތްތެރިޔާ، ބަސް އެކްސިޑެންޓްވި ހިސާބު ބަލަނީ: ބަސް ހުއްޓުނީ އޭނާ އެ ހުރި ކުނި ފުނީގައި ޖެހިފައި

މަރުވި އަންހެންމީހާގެ ރަހުމަތްތެރިޔާ، ބަސް އެކްސިޑެންޓްވި ހިސާބު ބަލަނީ: ބަސް ހުއްޓުނީ އޭނާ އެ ހުރި ކުނި ފުނީގައި ޖެހިފައި

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އަންހެންމީހާގެ ކަރުން ތިރި، ފަޔާ ހަމަޔަށް އޮތީ ޗިސްވެފަ އެވެ.

އޭނާގެ ފިރިހެން ރަހުމަތްތެރިޔާ ފަހުން އެ ސަރަހައްދަށް ގޮސް ރޮއި ހެދި އެވެ.

ބަސް ދިޔަލެއް ބާރުކަމުން، އެތަނުގައި ހުރި ހޮޅިދަނޑިއެއް ވެސް ބިނދުނެވެ. ބަސް ކޮންޓްރޯލްވީ ޖެހިގެން އޮތް މަގުގެ ކަންމަތީގައި އޮތް ހުސް ބިމުގައި ހުރި ކުނި ފުންޏެއްގައި ޖެހިފަ އެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ހަމަ ކުރިމަތިންނެވެ.

އެނގިފައިވާ ގޮތުގައި ބަސް ޑްރައިވަރަކީ ކުރިން އެމްޓީސީސީ ފެރީގެ ފަޅުވެރިއެކެވެ. އެކަމަކު ބަސް ދުއްވުމުގެ ލައިސަންސް ނެގުމަށް ފަހު އެކަން ކުރަމުން އަންނަތާ މިހާރު ތިން އަހަރު ވެދާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ.

އެކްސިޑެންޓާ ގުޅިގެން އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.