Roadha Mihaaru
ހުޅުމާލޭގައި އިދިކޮޅު ކެމްޕެއިން ނުކުރެވޭ ކަމުގެ ޝަކުވާ

ހުޅުމާލޭގައި އިދިކޮޅު ކެމްޕެއިން ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވެފައި!

30 އޯގަސްޓް 2018

އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކަށް ހުޅުމާލޭގައި ކެމްޕޭން ނުކުރެވޭ ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކަށް ހުޅުމާލޭގައި ކެމްޕޭން ނުކުރެވޭ ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި އެވެ.

އާބާދީގައި 70،000 އެއްހާ މީހުން އުޅޭ ހުޅުމާލެއަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފޯރި އެންމެ ގަދަ އެއް އަވަށެވެ. އެކަމަކު، އެ އަވަށުގައި ވެރިކަން ކުރާ ޕީޕީއެމްގެ ފޮތިތަކާއި ބެނާތައް ދެމިފައި، އިދިކޮޅު ފަރާތްތަކުގެ ފޮތިތަކާއި ބެނާތައް ނުދެމޭތީ ކަންބޮޑުވުން އެބައޮތެވެ.

ފައިސަލް ނަސީމް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގައި ފައިސަލްގެ އަރިހުގައި ނިޔާޒް (ކ-2) ހިންގަވާފައި ވަޑައިގަންނަވަނީ. -- ފޮޓޯ: އެމްޑީޕީ މީޑިއާ

ފައިސަލް ނަސީމް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގައި ފައިސަލްގެ އަރިހުގައި ނިޔާޒް (ކ-2) ހިންގަވާފައި ވަޑައިގަންނަވަނީ. -- ފޮޓޯ: އެމްޑީޕީ މީޑިއާ

ހުޅުމާލޭގައި އިދިކޮޅު ފަރާތްތަކުގެ ދެ ޖަގަހައެއް މީގެ ކުރިން ހަދާފައި ހުއްޓެވެ. އެކަމަކު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީީސީ)ގެ ހުއްދަ ނުހޯދައި، އެ ތަންތަން ހިންގަމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލަން އެންގުމާ ގުޅިގެން ދެ ޖަގަހަ މިހާރު ހުރީ ބަންދުކޮށްފަ އެވެ. އަދި އިދިކޮޅު މީހުން ސިޔާސީ މަސައްކަތް މިހާރު ކުރަނީ ޖަގަހައިގެ ބޭރުގައި، ޕޭވްމަންޓު މަތީގައި ތިބެގެންނެވެ.

މީގެކުރިން، އިދިކޮޅު ފަރާތްތަކުން ވަނީ ހުޅުމާލޭގައި ބެނާތަކެއް ދެމުމަށް ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެޗްޑީސީ އާއި ފުލުހުން ވަނީ އެ ބެނާތައް ވެސް ނަގައިފަ އެވެ. އަދި ނިރޮޅު މަގުގެ ހުރަހަށްވާ ގޮތަށް އެމްޑީޕީގެ ދިދައެއް ނެގުމުން އެ ދިދަ ވެސް ވަނީ ނަގައިފަ އެވެ.

މީގެއިތުރުން، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލޭގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވަނިކޮށް، އޭނާ އަށް ހަމަލަ ދިނުމަށް ބަޔަކު މަސައްކަތް ކުރި އެވެ. އަދި އިދިކޮޅު ބައެއް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ވެސް ޖެހި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް "މިހާރު" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކުން ދަމާ ކޮންމެ އެއްޗެއް، "އެޗްޑީސީގެ އިންސްޓްރަކްޓަރުން" ނުކުމެ ކަނޑާލަމުންދާ ކަމަށެވެ. އަދި ހުޅުމާލޭގައި ކެމްޕެއިން ކުރުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒްގެ ވާހަކަތަކާ ގުޅިގެން، އެޗްޑީސީގެ ބަހެއް ލިބިފައެއް ނުވެ އެވެ.

"ބެނާ އާއި ފޮތިތައް ދަމާ ނަމަ، އެޗްޑީސީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނަނީ. އެކަމަކު، ގަވައިދުތަކެއް ހިއްސާއެއް ނުކުރޭ. މާލޭގައި ބެނާތަކާއި ފޮތިތައް ދެމޭއިރު، ހުޅުމާލޭގައި އެކަމެއް ނުވޭ. ކޮންމެ ދުވަހަކު ވެސް ބެނާތަކާއި ފޮތިތައް ދަމަން އުޅުނަސް، އެކަން ކުރަން ފުރުސަތު ނުދޭ،" ނިޔާޒް ވިދާޅުވި އެވެ.

އިބޫ ހުޅުމާލެއަށް ވަޑައިގަތުމާ ގުޅިގެން، އިދިކޮޅު ސަޕޯޓަރަކު، އިބޫގެ މޭގައި ފިރުމާލަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ހުޅުމާލެއަށް ވަޑައިގަތުމާ ގުޅިގެން، އިދިކޮޅު ސަޕޯޓަރަކު، އިބޫގެ މޭގައި ފިރުމާލަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ފަރާތްތަކަށް ހުޅުމާލޭގައި ބެނާތަކާއި ފޮތިތައް ދެމުމުގެ ފުރުސަތު އެޗްޑީސީން ނުދޭތީ އެ ކުންފުންޏަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށާއި ފުލުހުންނަށް އެތައް ފަހަރަކު ސިޓީ ފޮނުވާފައި ވިޔަސް، މިހާތަނަށް އައިއިރު ޖަވާބު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، އެޗްޑީސީ ހިނގަމުން ދަނީ ވަކި "ދައުލަތެއްގެ" ގޮތުގަ އެވެ. އަދި އެޗްޑީސީން ހުޅުމާލެއަށް "ވެރިވެގަންނަ" މައްސަލަ ބަލަން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން، ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދެނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ފުލުހުން ވެސް ހުއްޓުވަން ޖެހޭނީ ގާނޫނާ ހިލާފަށް ހުޅުމާލޭގައި ހިނގަމުން އަންނަ ކަންކަން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"މާނައަކީ އިދިކޮޅު ފަރާތްތަކުގެ ބެނާތަކާއި ފޮތިތައް ދަމާއިރު، އެ ނެގިޔަ ދީގެން ނުވާނެ. ފުލުހުން ހުއްޓުވަން ޖެހޭނީ ބެނާތަކާއި ފޮތިތައް ނަގަން ދާ މީހުން،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ހުރިހާ ބާރެއް މިއަދު އޮތީ އެޗްޑީސީގަ އެވެ. އަދި ފުލުހުން ވިޔަސް، ހަރަކާތެއް ބާއްވަންވެއްޖެނަމަ، ހުއްދަ ހޯދަން ޖެހެނީ އެޗްޑީސީން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އިދިކޮޅު ކެމްޕެއިން ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވި އިރު، އެ އަވަށުގައި ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށް އެބަދެ އެވެ. އެގޮތުން، އެ އަވަށުގައި އެކަނި ވެސް ޕީޕީއެމްގެ ތިން ޖަގަހައެއް ހިންގަމުންދެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ތަފާތު ހަރަކާތްތައް އެ އަވަށުގައި ބާއްވަ އެވެ.