Roadha Mihaaru
އަމިއްލަ ބިލް ހުށަހެޅުމުގެ ސަގާފަތެއް ރާއްޖޭގައި ނެތް

މެމްބަރުން އަމިއްލަ ބިލް ހުށަހެޅުމުގެ ސަގާފަތް އަދިވެސް ނެތް: އޭޖީ

27 އޯގަސްޓް 2018

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން އަމިއްލަ އަށް ބިލްތައް ހުށަހެޅުމުގެ ސަގާފަތް އަދިވެސް ރާއްޖޭގައި ނެތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން އަމިއްލަ އަށް ބިލްތައް ހުށަހެޅުމުގެ ސަގާފަތް އަދިވެސް ރާއްޖޭގައި ނެތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ، އެހެން ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅޭ ގިނަ ބިލްތަކަކީ މަޖިލީހުގެ ތެރެއިން އުފަން ވެގެން އަންނަ ބިލްތަކަށް ވިޔަސް، ރާއްޖޭގައި އަދިވެސް އޮތީ ސަރުކާރުން ގިނަ ބިލްތަކެއް ހުށަހަޅަންޖެހޭ ސަގަފާތެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މެމްބަރުން އަމިއްލަ ހައިސިއްޔަތުން ބިލްތައް ތައްޔާރު ކުރައްވައި މަޖިލީހަށް ހުށަނޭޅުއްވުމެވެ. އަދި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"މިދިޔަ ދައުރުގައި މި އަދަދު ތަންކޮޅެއް ގިނަ. އެހެން ނަމަވެސް މިހިނގާ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ބިލްތަކުގެ އަދަދު ވަރަށް ވެސް މަދު. އެ ބޭފުޅުންގެ ކޮންޓްރިބިއުޝަން ވަރަށް މަދު،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ 200 އަށް ވުރެ ގިނަ ބިލްގެ ތެރެއިން 150 އަށް ވުރެ ގިނަ ބިލް މިދިޔަ އަހަރާ ހަމައަށް ފާސްވެ، އެ އެޖެންޑާގެ ބޮޑު ބައެއް ވަނީ ހާސިލްވެފަ އެވެ. ބާކީ ހުރި ބިލްތަކަކީ ވެސް މުހިންމު ބިލްތަކެއް ކަމަށާއި އޭގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓްގެ ބިލާއި ކުންފުންޏާ ބެހޭ އާ ބިލަކާއި އިންޝުއަރެންސާ ބެހޭ އާ ބިލެއްގެ އިތުރުން ހެއްކާ ބެހޭ ބިލެއް ވެސް އެބައޮތް ކަމަށް އަނިލް ވިދާޅުވި އެވެ. އިތުރު އެހެން ބައެއް ބިލްތަކުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެކަމަށް ވެސް މަޑުޖެހުންތަކެއް އައީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލީހުުގެ ޖަލްސާތައް ހުއްޓުމުން ކަމަށް އަނިލް ވިދާޅުވި އެވެ.

"ޑެޑްލޮކެއްގައި އޮތީ. އެއީ ވަރަށް އަންފޯޗިއުނޭޓް ކަމެއް. ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ކުރިއެރުން، ތަރައްގީ، ދިވެހި ރައްޔިތުންގެ ތަނަވަސްކަން އިތުރުވުން. މި ކަންކަމަށް ގެންނަން ޖެހޭ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް ގެންނަންޖެހޭ ނިޒާމްތައް މިއީ. ގާނޫނެކޭ ދެންނެވިޔަސް ވަރަށް ކޮމްޕްރިހެންސިވް ނިޒާމެއް މި ގެންނަނީ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލީހުުގެ މަސައްކަތްތައް ހުއްޓުނީ ޕީޕީއެމްގައި ތިބި 12 މެމްބަރަކު އެ ޕާޓީން ވަކިވެފައި ވަނިކޮށް، ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމަކާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ. އެކަމާ މެދު އުފެދުނު ހަމަނުޖެހުންތަކުގައި މިހާރު ވެސް އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކަކަށް ހާޒިރެއް ނުވެ އެވެ.

އަނިލް ވިދާޅުވީ ގާނޫނުތަކެއްގެ ދަށުން ބައެއް އަސާސީ ހައްގުތައް ހަނިކުރަން ޖެހުނީ މުޖްތަމައުގެ ހައްގުގަ އެވެ. އެއްވެ އުޅުމުގެ މިނިވަން ކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ހަނިކުރީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހައްގުތައް ވެސް ހިފެހެއްޓީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ ގޮތަށް، މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި އެ ހައްގުތައް ހަނި ކުރެވޭ މިންވަރަށް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އަދި މެދު ހިތްހަމަނުޖެހޭ ނަމަ، އެކަމަށް ހައްލު ހޯދަން ކޯޓަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީހެއްގެ ލިބަޓީސް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ހަނިވާ ކަމަށް ވަންޏާ އެއީ ޑިބޭޓް ކުރެވޭނެ ކަންތައްތައް. މިއީ ޕާފެކްޓް ނިޒާމެކޭ ވެސް އަޅުގަނޑު ނުދަންނަވަން. މިއީ މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލަކަށް ވެދާނެ. ފަހުން މިކަމާ މެދު އިތުރަށް ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުރެދާނެ." އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ ވަކި މީހަކަށް ވަކި ގާނޫނީ ނިޒާމެއް ގެންގުޅޭނެ ސަރުކާރެއް ނޫން ކަމަށެވެ. އެކި ކުށްކުށަށް އަރައިގެންފައިވާ ސިޔާސީ ބޭފުޅުންނަށް އެކި ލުއިތައް ދިނުމަކީ ކުރީގެ ސަރުކާރުތަކުގައި ހިނގާފައި ހުރި ކަންކަން ކަމަށާއި އެކަމަކު ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ވިޔަސް، ތަފާތު ކުރުމެއް ނެތި މި ސަރުކާރުން އެ ކަންކަމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ގާނޫނާ ޚިލާފު ކަމެއް ކުރީގެ ސަރުކާރުގެ ތެރެއިން ބަޔަކު ކުރި ކަމަށްވާ ނަމަ، އެކަމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"މި ސަރުކާރު ތެރޭގައި ގާނޫނާ ޚިލާފް ކަންކަން ކުރުމަކަށް ފުރުސަތެއް ނެތް. އެއީ ބަޔަކު ރުހުނަސް ނުރުހުނަސް." އަނިލް ވިދާޅުވި އެވެ.