Roadha Mihaaru
އަނިލްގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުލައިފި

އަނިލްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ނުކޮށް ދިގުލައިފި

21 އޯގަސްޓް 2017

އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުލައިގެން ދިއުމުން އެ މެމްބަރުން ރުޅިގަދަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުލައިގެން ދިއުމުން އެ މެމްބަރުން ރުޅިގަދަވެއްޖެ އެވެ.

ތިން ބާރުތައް ވަކިވެފައިވާ ނިޒާމު ގަޑުބަޑު ކުރައްވައި މަޖިލިހުގެ މެމްބަރުންގެ މަސައްކަތުގެ ތެރެއަށް ސިޔާސީ ޕާޓީގެ ނުފޫޒު ފޯރުވާ ކަމަށް ބުނެ، އިދިކޮޅު 29 މެމްބަރެއްގެ ސޮޔާއެކު، ބަންޑާރަ ނައިބު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލިހަށް ވެއްދީ މި މަހުގެ 10 ގަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި އަނިލް ވަކި ކުރުމުގެ މައްސަލަ ހުށަހެޅި ފަހުން މިހާތަނަށް އައިއިރު، މެމްބަރުންނަށް ނޯޓިސް ފޮނުވާފައެއް ނުވެ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ރިޔާސީ ކޮމިޝަން އުފެއްދިކަން ބަންޑާރަ ނައިބު އަނިލް މިއަދު އިއުލާން ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ރިޔާސީ ކޮމިޝަން އުފެއްދިކަން ބަންޑާރަ ނައިބު އަނިލް މިއަދު އިއުލާން ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ނުފޮނުވައި، އެ މައްސަލަ އެޖެންޑާ ނުކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިންތި ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ނުބާއްވަން އުޅެނީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތް ހުއްޓުވުމުގެ ގޮތުންނެވެ.

"ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިރު، ޖަވާބުދާރީކުރުވަން މަސައްކަތެއް ނުކުރެވޭ. އެކަމަކު ސަރުކާރަށް މެޖޯރިޓީ ގެއްލުނީމަ، މި ފެންނަނީ ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ނުދޭ ތަން،" އިންތި ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ގަސްދުގައި ނުބާއްވަން އުޅެނީ ސަރުކާރުން ހިންގާ ޖަރީމާތަކާއި ވަޒީރުން ކުރައްވާ ގާނޫނާ ހިލާފު ކަންކަން އިދިކޮޅު ފަރާތްތަކުން ހާމަކުރާނެކަން އެނގޭތީ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނެ ކަމަށް ބެލެވެނީ ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އިންސާފުވެރި ގޮތަކަށް ނިމުމުންނެވެ. ސުޕްރީމް ކޯޓުން ރަނގަޅަށް ހުކުމްކޮށްފި ނަމަ، މިހާރު ހުރި ހުރިހާ މައްސަލަތައް ހައްލުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ.

"މިހާރު ވެސް މާ ލަސްވެއްޖެ ސުޕްރީމް ކޯޓުގެ ނިންމުން. މެމްބަރުންގެ މައްޗަށް އިންސާފުވެރިކަމާއެކު ނިންމައިފި ނަމަ، ހުރިހާ މައްސަލައެއް ހައްލުވެގެން ދާނެ،" އިންތި ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މަޖިލީހުން ވޯޓުލާން ފުރުސަތެއް ދީފިނަމަ، ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން މަގާމުން ވަކި ކުރައްވާނެ ކަމަށެވެ.

"މަޖިލީހުން ވޯޓުލާން ދީފި ނަމަ، ޕީޖީ، އޭޖީ ވިޔަސް، ހުރިހާ މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވެސް ވަކި ކުރާނެ، އަޅުގަނޑުމެން އަތުގައި ވޯޓު އެބަހުރި. އެކަމަކު އެ ފުރުސަތެއް ނުދޭ،" މަހްލޫފް ވިދާޅުވި އެވެ.

އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، ވަކި ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅީ ދައުލަތުގެ ފަރާތުން އަނިލް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ވެސް އަނިލް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެެވެ.

މަޖިލީހުގެ އިދާރާއެއްގައި ހުރި ފާހަނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮންނަތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.