Roadha Mihaaru
އަޑުއެހުންތައް ނިންމާލީ ބަހުގެ ހޫނު ހަމަލަތަކަށްފަހު!

އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލާގައި ބަހުގެ ހޫނު ހަމަލަތަކެއް!

20 މާޗް 2018

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް، ގާނޫނަކަށް ހެދި މައްސަލައިގައި ދައުލަތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސުޕްރީމް ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް، ގާނޫނަކަށް ހެދި މައްސަލައިގައި ދައުލަތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސުޕްރީމް ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޖެހިގެން އައި ދުވަހު ތަސްދީގު ކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކޯރަމާ ގުޅޭ ގޮތުންނާއި މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލައިގަ އެވެ.

ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލް ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 43 މެމްބަރުން ތިއްބަވަން ނުޖެހޭ ކަމަށެވެ. އެންޓި ޑިފެކްޝަން ބިލް ފާސްކުރި ޖަލްސާގައި 41 މެމްބަރަކު ވަޑައިގެން ތިއްބެވި ކަމަށާއި ބައެއް މެމްބަރުން ޖަލްސާގެ ތަޅުމަށް ވަޑައިނުގެން މަޖިލީހުގެ އިދާރާ ތެރޭގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މެމްބަރުން ޖަލްސާ އަށް ހާޒިރު ނުވެ ސައި ކޮޓަރީގައި ތިބި ކަމަށް މަޖިލީހުން ފޮނުވި ސިޓީގައިގައި ބުނެފައިވޭ. އެކަމަކު، ޖަލްސާގައި ބައިވެރި ނުވާ މީހުންގެ ރިކޯޑު ނުބަލަހައްޓާ ކަން ސިޓީގައިވޭ،" ސަރުކާރު ކޯލިޝަންގެ 36 މެމްބަރުންގެ އިއްތިފާގުން ފާސްކުރި ބިލާ ގުޅޭގޮތުން މާޝާ ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ޖަލްސާ އަށް މެމްބަރުން ހާޒިރުނުވާ މައްސަލައިގައި އިތުރު މައުލޫމާތުތައް އަންނަ ބުރާސްފަތި ދުވަހަށް ލިބިދާނެތޯ މާޝާއާ ސުވާލު ކުރައްވައިފަ އެވެ. އެކަމަކު، މާޝާ ވިދާޅުވީ، އެއީ މަޖިލީހުން ހޯދަން ޖެހޭ މައުލޫމާތު ތަކަށްވާތީވެ، އެ މައުލޫމާތުތައް ލިބޭނެ ވަކި ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި ސިފައިންގެ ވެހިކަލެއް މަޑުކޮށްލައިގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސުޕްރީމް ކޯޓުގެ ކުރިމަތީގައި ސިފައިންގެ ވެހިކަލެއް މަޑުކޮށްލައިގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖަލްސާ އަށް މެމްބަރުން ވަޑައިނުގަންނަވާތީ ދައުލަތުގެ ފާޑުކިޔުން

އެންޓި ޑިފެކްޝަން ގާނޫނު ފާސް ކުރަން ބޭއްވި ޖަލްސާ އަށް ގިނަ މެމްބަރުން ވަޑައިގެންފައި ނުވާތީ މާޝާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހުރިހާ މެމްބަރުންނަށް ދައުވަތު ދީގެން ބޭއްވި ޖަލްސާ އަށް 85 މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރު ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް މާޝާ ވިދާޅުވި އެވެ. މަގުބޫލު އުޒުރެއް ނެތް ނަމަ، މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ބައެއް މެމްބަރުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދަށް އަމަލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޝާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހެ އެވެ. އަދި އެ ދުވަހު އެންޓި ޑިފެކްޝަން ބިލް ފާސް ކުރުމަށް ނިންމި ނިންމުމަކީ ދުސްތޫރީ ގޮތުން ސައްހަ ނިންމުމެއް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށް ވެސް މާޝާ ވިދާޅުވި އެވެ.

އެކަމަކު، އެކަމަށް ރައްދު ދެއްވައި އިދިކޮޅު މެމްބަރުންގެ ވަކީލް ސަފާ ޝަރީފް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ގާނޫނެއް ކަމަށެވެ. އެހެންވެ، ވޯޓު ނަގާ ގަޑީގައި މަޖިލީހުގައި 43 މެމްބަރުން ތިއްބަވަން ޖެހޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މެމްބަރުން މަޖިލީހަށް ހާޒިރު ނުވާ ކަމަށް ދައުލަތުން ބުނާއިރު، މަޖިލީހުގެ ބައެއް މެމްބަރުން އެއްވެސް ތުހުމަތެއް ނުކޮށް، ސުވާލު ވެސް ކުރުމެއް ނެތި ޖަލުގައި ބައިތިއްބާފައި ތިއްބެވި ކަމަށެވެ. އަދި ބައެއް މެމްބަރުން ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ކަން ސަފާ ފާހަގަކުރެއްވި އެވެ. ސަފާ ވަނީ ޖަލްސާއަށް 43 މެމްބަރުން ހާޒިރުވާން ޖެހޭ ސަބަބެއް ދައުލަތަށް ސާފުނުކޮށް ދެވުނު ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ސަފާ ވަނީ ހައްޔަރުކޮށްފައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެ މެމްބަރުންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ގެންދަން ނުޖެހޭ

ޖިނާއީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ކޮށްދޭން ނުޖެހޭނެ ކަމަށް މާޝާ ވަނީ ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި މާޝާ ވިދާޅުވި ގޮތުގައި އިމްތިޔާޒްގެ ގާނޫނުގެ 16 ވަނަ މާއްދާ ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.

އެހެން ކަމުން، މަޖިލީހުގެ ގަވައިދުގެ ދަށުން، ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް އެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައި އޮތަސް، އެ މާއްދާ އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް މާޝާ ވިދާޅުވި އެވެ. އެކަމަކު، އޭނާގެ އެ ވާހަކަ ތަކަށް ރައްދު ދެއްވައި، ސަފާ ވިދާޅުވީ އެއްވެސް ކޯޓަކުން އަދި މަޖިލީހަކުން މަޖިލީހުގެ ގަވައިދުގެ އެ މާއްދާ ބާތިލް ކުރި ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެހެން ކަމުން، އެ މާއްދާ އަށް އަމަލު ނުކުރެވޭނެ ކަމަށް ދައުލަތަށް ނުބުނެވޭނެ ކަމަށް ސަފާ ވިދާޅުވި އެވެ. އެހެންވެ، އެ ގަވައިދަށް އަމަލު ކުރުން ލާޒިމް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މާއްދާ ބާތިލް ނުކުރާހާ ހިނދު، މެމްބަރުންނަށް އޭގެ މަންފާ ލިބެން ޖެހޭ،" ސަފާ ވިދާޅުވި އެވެ.

މިކަމުގައި ދެ ފަރާތުގެ ދެމެދު ހިނގި ދެބަސްވުންތަކަށް ފަހު، ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ހުށަހަޅާފައި އޮތް މައްސަލަ އާއި މެމްބަރުން މަޖިލީހަށް ހާޒިރު ނުވާ މައްސަލައިގައި ގުޅުމެއް ނެތް ކަމަށެވެ.

މި މައްސަލާގައި ދެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލިކަން އިއުލާންކޮށްފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.

މި ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް އިދިކޮޅު މެމްބަރުންގެ ވަކީލުން ފާހަގަ ކުރައްވާއިރު، ދައުލަތުން ބުނަނީ މިއީ ސައްހަ ގާނޫނެއް ކަމަށެވެ.