Roadha Mihaaru
އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ ދިފާއު؟

އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ ދިފާއު؟

16 އޯގަސްޓް 2017

ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ހާލަތު އެހެން ބޭފުޅުންނާ ތަފާތެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ހާލަތު އެހެން ބޭފުޅުންނާ ތަފާތެވެ.

ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅީ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހޮވޭއިރު ތިބޭ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެކަމަކު ކޮމިޝަންގެ އެ ނިންމުމާ މެދު ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފެއްދި އެއް ކަމަކީ ލަތީފަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅަކަށް ވާއިރު އޭނާގެ ގޮނޑި ގެއްލެން ޖެހުނީ ކީއްވެގެން ކަމާ މެދު އެވެ.

ލަތީފްގެ ވަކީލުން ވެސް ކޯޓުގައި ނެގި މައިގަނޑު އެއް ނުކުތާއަކީ އެއެވެ. ލަތީފަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވި އެކަމަކު ފަހުން ޕީޕީއެމާ ގުޅިވަޑައިގަތް ބޭފުޅަކަށް ވާއިރު އޭނާގެ ގޮނޑި ގެއްލެން ނުޖެހޭނެ ކަމަށް ލަތީފްގެ ފަރާތުން ކޯޓުގައި ފާހަގަކުރި އެވެ. އެކަމަކު އެ ނުކުތާއަށް ދައުލަތުން ދިން ރައްދަކީ އަމިއްލަ ގޮތުން ހޮވޭ މެމްބަރުންނަށް ވެސް އެ ހުކުމުގެ އުސޫލު ހިނގާނެ ކަމެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ އަމިއްލަ ގޮތުން ހޮވުނު މެމްބަރުންގެ މައްޗަށް އެ ހުކުމުގެ އުސޫލު ނުހިނގާނެ ނަމަ އެއީ ހުކުމުގެ މަގްސަދު ގެއްލޭނެ ކަމެއް ކަމަށެވެ. އޭރުން އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުންނަށް އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުނެ އެވެ.

އެކަން ފާހަގަކޮށް، ދައުލަތުން ބުނާ ގޮތުން އަމިއްލަ ގޮތުން ހޮވުނަސް، ޕާޓީއަކާ ގުޅިފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން އެ މެމްބަރަކު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަން ގެއްލޭނެ އެވެ.

ދައުލަތުގެ ވާހަކަތަކުން ދޭހަވަނީ މިހާރު މަޖިލީހުގައި އަމިއްލަ ގޮތުން ހޮވިފައި، އެކަމަކު ފަހުން ޕާޓީތަކާ ގުޅިފައި ތިބި މެމްބަރުން ވެސް ހުކުމް އައިއިރު ހުރި ޕާޓީއަކުން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ދައުލަތުން ދެކޭ ކަމެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް އޮތް ގޮތުން މިއީ ކުރެވޭނެ ކަމެއްތޯ ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު މުޅި އެ ހުކުމުގައި އޮތީ ޕާޓީތަކުގެ ޓިކެޓްގައި އިންތިޚާބަށް ނިކުމެ މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކަ އެވެ. އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ ވާހަކަ އެ ހުކުމުގައެއް ނެތެވެ.

ހުކުމުގައި ފާހަގަކުރި މައިގަނޑު އެއް ކަމަކީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލިސް އިންތިޚާބަށް ނިކުންނަ މެމްބަރުންނަކީ ވަކި ފިކުރެއް ޕްރޮމޯޓް ކުރަން، އެ ފިކުރަށް ތާއީދުކުރާ ރައްޔިތުންނާ އެކު އަހުދެއް ވުމަށް ފަހު އިންތިޚާބުގައި ވާދަކުރާ ބައެއް ކަމެވެ. މަޖިލީހަށް ހޮވުމަށް ފަހު އެ ޕާޓީން އެ މެމްބަރަކު ވަކިވުމަކީ އެ އަހުދާ ޚިލާފްވުން ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިހްތިރާމް ކުރުން މަތީ ދެމިހުންނާނެ ކަމުގެ އަހްދު ރައްޔިތުންނަށް ވުމުން އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބުކޮށްދޭ ޕާޓީއެއްގެ މެމްބަރަކު، އެ މެމްބަރަކު އެ ޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީ، ތަފާތު ނޭދެވޭ ނުފޫޒުގައި ޖެހިގެން ބަދަލު ކުރުމަކީ މި ޒަމާނުގެ ޑިމޮކްރަސީތަކުގައި ބަލައިގަންނަ ކަމެއް ނޫން" ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުވި ހުކުމުގައި ބުނެފައިވެ އެވެ.

މެމްބަރު ލަތީފް: އޭނާއަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު މެމްބަރެއް.---މިހާރު ފޮޓޯ

މެމްބަރު ލަތީފް: އޭނާއަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު މެމްބަރެއް.---މިހާރު ފޮޓޯ

ހުކުމުގައި ފާހަގަކޮށްފައި އެވަނީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ނިކުންނަ މެމްބަރުންނަކީ އެ ޕާޓީއެއްގެ ފިކުރު ކުރިއަރުވައި އިހްތިރާމް ކުރުމަށް ރައްޔިތުންނާ އެކު އަހުދެއް ވެގެން އިންތިޚާބުގައި ވާދަކުރާ މެމްބަރުންގެ ގޮތުގަ އެވެ. އެކަމަކު އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ މެމްބަރުންނަކީ އެ މީހުން އިންތިޚާބަށް ނިކުންނައިރު ވަކި ފިކުރެއް ނުވަތަ ވަކި ޕާޓީއެއްގެ ސިޔާސަތު ދެމެހެއްޓުމުގެ އަހުދަކާ އެކު ނިކުންނަ ބައެއް ނޫނެވެ.

އެހެންވުމުން އެފަދަ މެމްބަރުން އިންތިޚާބު ކުރަނީ ވެސް ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރެއް ނުވަތަ ވަކި ސިިޔާސަތެއް ދެމެހެއްޓުމަކަށް ނޫނެވެ. ދައުލަތުން އެ ބުނާ ގޮތަށް، އެ ހުކުމުގެ އުސޫލު އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މައްޗަށް ހިނގާނެ ކަމަށް ބެލިޔަސް އުފެދޭ އެހެން ސުވާލެއް އެބަ އޮތެވެ. އެއީ އަމިއްލަ ގޮތުން ހޮވުނު މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހެނީ އޭނާ ހޮވުމަށް ފަހު ޕާޓީއަކާ ގުޅުމުންތޯ ނުވަތަ ޕާޓީއަކާ ގުޅުމަށް ފަހު އެ ޕާޓީއަކުން ވަކިވުމުންތޯ އުފެދޭ ސުވާލެވެ.

އަމިއްލަ ގޮތުން ހޮވޭ މެމްބަރުން އިންތިޚާބުކުރި ރައްޔިތުން އޭނާ އަށް ވޯޓު ދެނީ ވެސް އޭނާ މިނިވަންކަމާ އެކު މަސައްކަތް ކުރުމަށެވެ. އެހެންކަމުން ހުކުމުގެ އުސޫލު އެފަދަ މެމްބަރުންގެ މައްޗަށް ހިނގާ ނަމަ، އެ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭނީ އޭނާ ހޮވުމަށް ޕާޓީއަކާ ގުޅުމުން ނޫން ހެއްޔެވެ؟. މިއީ ވެސް ދައުލަތުގެ އެ ވާހަކަތަކުން ފެދޭ ސުވާލެކެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މައްޗަށް އެ ހުކުމުގެ އުސޫލުތަކެއް ނުހިނގާނެ އެވެ، އެހެންވެ ލަތީފްގެ ގޮނޑި ގެއްލޭނެ ސަބަބެއް ނެތް ކަމަށް ގާނޫނީ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. މުޅި އެ ހުކުން ބިނާކޮށްފައި އޮތީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކަ ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

"އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން އިންތިޚާބުވި މެމްބަރުން ސުޕްރީމް ކޯޓުގެ ހުކުމުގެ ތެރެއަށް އެއްވެސް ހާލަތެއްގައި ނުވަންނަ ކަމާއި، މުޅި ހުކުމް ބިނާވެފައި އޮތީ އިންތިޚާބުގައި ޕާޓީގެ ޓިކެޓްގައި ވާދަކުރާ މެމްބަރުންގެ މައްޗަށް އެކަނި،" ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކީ ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެން ކުރި ހުކުމެކެވެ. އެ މައްސަލަ ހުށަހެޅިއިރު ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ވެސް އެދިފައި އޮތީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވައި ދިނުމަށެވެ. އަމިއްލަ ގޮތުން ހޮވޭ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވަން އެދިފައެއް ވެސް ނުވެ އެވެ.

އެހެންވެ، އެ ހުކުމުގެ ފަހުން އަމިއްލަ މެމްބަރުން ހުކުމުގެ ތެރެއަށް ވައްދަން އުޅެނީ ކީއްވެގެންތޯ ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވަ އެވެ. ލަތީފްގެ ވަކީލުން ޝަރީއަތުގައި ފާހަގަކުރެއްވި ގޮތުގައި ދައުލަތުން އެގޮތަށް ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމް އަމިއްލަ އަށް މާނަކޮށް، އެ ހުކުމުގައި ނެތް ކަމެއް އޭގެ ތެރޭގައި ހިމެނުމަށެވެ.

"ވެދާނެ ބަންޑާރަ ނައިބު އެ މައްސަލަ އޭރު ހުށަހެޅުއްވިއިރު އެ މައްސަލާގެ ތެރޭގައި އެހެން ކަންތައްތަކެއް ވެސް ހިމަނަން ބޭނުންފުޅުންވީ ކަމަށް. އެކަމަކު ސުޕްރީމް ކޯޓުން މައްސަލަ ބައްލަވާފައި އެ އޮތީ ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައި މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ގޮތަކީ ކޮބައިކަން،" ލަތީފްގެ ވަކީލް ހިސާން ހުސައިން ޝަރީއަތުގައި ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ ގޮތުން އެންޓި ޑިފެކްޝަން ގާނޫނެއް (މެމްބަރުން ޕާޓީން ބަދަލުވުން ހުއްޓުވުން ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ވުޖޫދަށް ގެންނަން ޖެހޭނެ އެވެ. އަމިއްލަ ގޮތުން ހޮވޭ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވަން ޖެހޭ ކަމަށް ދައުލަތުން ދެކޭ ނަމަ، އަމިއްލަ ގޮތުން ހޮވޭ މެމްބަރުން ވަކިވާނެ ހާލަތްތައް އެ ގާނޫޏުގައި ބަޔާން ކުރެވިދާނެ އެވެ. އެކަމަކު އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ ވާހަކަ ހުކުމުގައި މިހާރު ނެތީސް އެ ހުކުމުގެ އުސޫލު މެމްބަރުންގެ މައްޗަށް ނުހިންގޭނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

ކޮންމެއަކަސް ލަތީފްގެ ގޮނޑި ގެއްލުނު މައްސަލާގައި ދައުލަތުން ދިފާއެއްގެ ގޮތުގައި ދެއްކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިފައި ތިބި އެހެން މެމްބަރުންނާއި އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މަސްލަހަތާ ގުޅުން ހުރި ވާހަކަތަކެކެވެ. މިހާރު އެ މައްސަލައިގެ ބޯޅަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.