Roadha Mihaaru
މަޖިލީހަށް ދާން މިހާރު ހުރަހެއް ނެތް: 12 މެމްބަރުން

މަޖިލީހަށް ވަންނަން މިހާރު ހުރަހެއް ނެތް: 12 މެމްބަރުން

26 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ މައްސަލަ އަލުން ބަލައި، ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް އިއްވަން ޖެހޭނެ ކަމަށް އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ކަނޑައަޅާފައިވާތީ މަޖިލީހަށް ވަނުމަށް މިހާރު އެއްވެސް ހުރަހެއް ނެތްކަން ސާފު ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ މައްސަލަ އަލުން ބަލައި، ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް އިއްވަން ޖެހޭނެ ކަމަށް އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ކަނޑައަޅާފައިވާތީ މަޖިލީހަށް ވަނުމަށް މިހާރު އެއްވެސް ހުރަހެއް ނެތްކަން ސާފު ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައެޅި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ފެބްރުއަރީ 1 ގެ އެ އަމުރުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް އެ ބައި ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސްގެ ނިންމުމާ ގުޅިގެން އެ 12 މެންބަރުން ވަކިވަކިން ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް އިއްޔެގެ ހުކުމުގައިވެ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި ވަގުތު ނުބެލެވޭނެ ކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވާ ކަމަށާއި އެހެންވެ މަޖިލީހަށް ވަނުމުގެ ފުރުސަތު އެ މެމްބަރުންނަށް މިހާރު އެބައޮތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލިިފައިވާ ކަމަށް މަޖިލީހުން އިއުލާންކޮށްފައި ވިޔަސް، އެއީ ސުޕްރީމް ކޯޓު ފިޔަވައި އެހެން އެއްވެސް މުއައްސަސާއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައި ކަނޑައަޅާފައި އޮތުމެވެ.

"ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވެގެން އެ ދިޔައީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ މަޖިލީހަކަށް ވެސް ނޫން ކަމަށް. އަދި އެއީ އެހެން އިދާރާއަކަށް ވެސް ކަނޑައެޅޭނެ ކަމެއް ނޫން ކަމަށް. އެ ކަމުގައި ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ސާފުކޮށް އެ އޮތީ ބުނެފައި،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އިއްޔެގެ ހުކުމާ އެކު މަޖިލީހުގެ ޖަލްސާތަކަށް ވަންނަން 12 މެމްބަރުންނަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި ދެން އޮންނަ ޖަލްސާއަކަށް އެ މެމްބަރުން ހާޒިރުވާނެ ކަމަށެވެ. އަދި އެ މެމްބަރުން މަޖިލީހަށް ނުވެއްދޭނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޯމަ ދުވަހު ޖަލްސާއެއް އޮތިިއްޔާ އަޅުގަނޑުމެން 12 މެމްބަރުން އިރާދަ ކުރެއްވިޔާ ދާނަން އެ ޖަލްސާ އަށް. ސަބަބަކީ އަޅުގަނޑުމެން މަޖިލީހަށް ވަންނަން މިހާރު އެއްވެސް ހުރަހެއް ނެތީމަ. އަޅުގަނޑުމެން މަޖިލީހަށް ވަނުމަށް ހުރަސް އަޅާ ނަމަ އެ ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނަން. އެ ބަޔަކާ މެދު ދައުވާކޮށް، އަދި ބަދަލު ހޯދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނަން،" ލަތީފް ވިދާޅުވި އެވެ.

އެ މެމްބަރުންގެ ތެރޭގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވިދާޅުވީ 12 މެމްބަރުންނަށް މަޖިލީހަށް ވަންނަން އެއްވެސް ހުރަހެއް ނެތްކަން އިއްޔެގެ ހުކުމުން ޔަގީންވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނުން އެކަން ގަބޫލުކުރާނެ ކަމަށް ދެކޭ ކަމަށެވެ. ސަބަބަކީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނާއި މަޖިލީހަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަން ހުކުމުން ސާފުވެފައިވާތީ ކަމަށް އަމީތު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރިން ވެސް މިހާރު ވެސް ވަރަށް ސާފު އަޅުގަނޑުމެންނަށް މަޖިލީހަށް ވަންނަން އެއްވެސް ހުރަހެއް ނެތް ކަން. އަމުދުން ސުޕްރީމް ކޯޓުގެ އިއްޔެގެ ހުކުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ނުވަތަ މަޖިލީހަށް ވެސް މިހާރު މިކަން ސާފުވެގެން ގޮސްފައިވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަމީތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން 12 މެމްބަރުން ގުޅިފައިވާ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުން މިދަނީ. މި ހަފުތާ ބަންދުގައި އަޅުގަނޑުމެން ގޮތްތަކެއް ނިންމާނަން މި ކަމުގައި. އަޅުގަނޑުމެން މަޖިލީހަށް ވަނުމަށް ބަޔަކު ހުރަސް އަޅާ ނަމަ އެ ބޭފުޅުން ހަނދާނުގައި ބަހައްޓަން ވާނެ 60 ދުވަސް ފަހުން އެ ބޭފުޅުންގެ މައްސަލަތައް ބެލޭނެ ކަން،" އަމީތު ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅީ ހަތަރު މެމްބަރެކެވެ. އެ ހަތަރު މެމްބަރުންގެ ފަރާތުން އެ މައްސަލަ އޭރު ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ފަހު އެ ކޯޓުން އެންގީ އިތުރު ގޮތެއް އެކަމުގައި ނިންމަން ނުޖެހޭ ކަމަށެވެ. އެކަމަކު އިއްޔެގެ ހުކުމުގައިވާ ގޮތުން އެއީ އެފަދަ މައްސަލަތަކުގައި ގޮތް ނިންމަންޖެހޭ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ. އޭގެ ފަހުން އިތުރު އަށް މެމްބަރެއްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް އެ ކޯޓުން ރަޖިސްޓްރީ ވެސް ކޮށްފައިވާ ކަމަށް އިއްޔެގެ ހުކުމުގައިވެ އެވެ.