Roadha Mihaaru
ހަތަރު މެމްބަރުންގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟

ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟!

03 އޮކްޓޯބަރ 2018

ޕީޕީއެމްގައި ތިބުމަށް ފަހު މިދިޔަ އަހަރު ކުއްލި ގޮތަކަށް އިދިކޮޅާ ގުޅުނު މަޖިލީހުުގެ 12 މެމްބަރުންގެ ގޮނޑީގެ ވާހަކަ ދައްކާ ބާވެއްޖެ އެވެ. އެކަމަކު ހަގީގަތުގައި ވެސް އެ ގޮނޑިތައް ވަނީ ގާނޫނީ ގޮތުން ގެއްލިފައިތޯ އުފެދޭ ސުވާލުގައި އިންސާފާ ހަމަޔަކަށް އަދިވެސް ނުދެވެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގައި ތިބުމަށް ފަހު މިދިޔަ އަހަރު ކުއްލި ގޮތަކަށް އިދިކޮޅާ ގުޅުނު މަޖިލީހުުގެ 12 މެމްބަރުންގެ ގޮނޑީގެ ވާހަކަ ދައްކާ ބާވެއްޖެ އެވެ. އެކަމަކު ހަގީގަތުގައި ވެސް އެ ގޮނޑިތައް ވަނީ ގާނޫނީ ގޮތުން ގެއްލިފައިތޯ އުފެދޭ ސުވާލުގައި އިންސާފާ ހަމަޔަކަށް އަދިވެސް ނުދެވެ އެވެ.

ބޮޑު ބަހުސަކަށް ވެފައިވާ މިކަން ދިގު ދެމިގެންގޮސް، ކަންކަން އޮޅޭ ހިސާބަށް ދިޔައޭ ވެސް ބުނެވިދާނެ އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު މި 12 މެމްބަރުންގެ ގޮނޑީގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ތިލަ ނުވާ ދުވަހެއް ނާދެ އެވެ.

އޭގެ ތެރޭގައި ހިމެނޭ ހަތަރު މެމްބަރެއް ކަމަށްވާ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މި ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ އެއްކޮށް ނިންމާލައިފަ އެވެ. މިއީ އެންމެ ދިގު މަރުހަލާތަކެއް ހޭދަވި އަދި އެހެން މެމްބަރުންގެ މައްސަލައާ ކޮންމެވެސް ވަރަކަށް ތަފާތު މައްސަލަތަކެކެވެ.

މި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެވެ. އެކަމަކު އެ ހަތަރު މެމްބަރުން ވަނީ ހުކުމުގެ ކުރިން ޕާޓީން ވަކިކޮށް، އެކަން އަންގާފަ އެވެ. އަދި ޕާޓީން އެ ބޭފުޅުން އޮތީ، ހުކުމުގެ ކުރިން ސިޓީ ވެސް ފޮނުއްވައިފަ އެވެ. އެކަމަކު އޭގެ ފަހުން އައި ހުކުމަކާ ގުޅގެން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅި ހަތަރު މެމްބަރުންނަކީ ވެސް އެއީ އެވެ.

އޭގެ ތެރެއިން ވަހީދު އާއި އަމީތު ޕީޕީއެމުން ވަކިކުރީ އެ ހުކުމް އައުމުގެ ކުރިން ސުލޫކީ މައްސަލައެއްގަ އެވެ. ސައުދާއި އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހޮވިވަޑައިގަތް ލަތީފު ވަނީ ހުކުމުގެ ކުރިން ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރީ އެ މެމްބަރުން ޕާޓީން ވަކިވީ ހުކުމުގެ ފަހުން ކަމަށެވެ. އެހެންކަމުން ގޮނޑު ގެއްލުނީ ކަމަށް ކަނޑައެޅި އެވެ. އެކަން ވެގެން ދިޔައީ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވި ކަމަކަށެވެ.

އެ ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުން އެކަންޏެއް ވެސް ނޫނެވެ. އޭގެ ތެރެއިން ސައުދާއި ވަހީދުގެ އިތުރުން އަމީތު މަޖިލީހަށް ވަދެވަޑައިގަތް މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާއެއް ވެސް ދައުލަތުން އޮތީ އުފުލައިފަ އެވެ. ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެ ބޭފުޅުންގެ މައްޗަށް ކުރަނީ އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަންނަވާފައި ވާތީ އެވެ. މިއީ ވެސް ހަތަރު މެމްބަރުންގެ މައްސަލަ ވަކިން ޚާއްސަވާ ސަބަބެކެވެ.

އެ ހަތަރު ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ މައްސަލަ ބަލައިގަނެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ފަހު، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ކޯޓުން ލިޔުމަކުން ޖަވާބު ދިނީ އެ މެމްބަރުންގެ ގޮނޑިއާ މެދު އެ ކޯޓުން އިތުރަށް ގޮތެއް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ކޯޓުން އޭރު އެންގީ ގޮނޑި ގެއްލޭނެ ހާލަތްތައް ޖުލައި މަހު ކުރި ހުކުމުގައި ބަޔާން ކޮށްފައި އޮތުމާއި އަދި އެ ހުކުމުގެ އުސޫލުތަކަކީ އެ ހުކުމް އައުމުގެ ކުރީގައި ހިނގާފައި ހުރި ކަންކަމުގެ މައްޗަށް ހިނގާނެ އުސޫލުތަކަކަށް ނުވުމެވެ.

މަޖިލީހުގެ ޖަލްސާއެއް: --- ފޮޓޯ/މިހާރު

މަޖިލީހުގެ ޖަލްސާއެއް: --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުން ދިން އެ ޖަވާބުން ހަތަރު މެމްބަރުންގެ މައްސަލަ އަނެއްކާވެސް ބޮޑު ބަހުސަކަށް ދިޔަ އެވެ. ސަބަބަކީ އެ ކޯޓުން ދިން ޖަވާބުގައި އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނުވަތަ ނުގެއްލޭ ކަމަށް ވެސް ބުނެފައި ނެތުމެވެ. އެހެންވެ، އެއް ބަޔަކު ނެރުނު ތަރުޖަމާއަކީ ގޮނޑި ނުގެއްލޭ ކަމަށެވެ. ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަޖިލީހާއި މުއައްސަސާތަކުން ތަރުޖަމާކުރީ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ. އެކަމާ ހެދި އަނެއްކާވެސް މަޖިލީހުގެ މަސްރަހު އިތުރަށް ހޫނުވި އެވެ.

ދެން އައީ މުޅި ގައުމުގެ ސަމާލުކަން ހުއްޓުނު ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1 ގެ އަމުރެވެ. އެ އަމުރުގައި ކަނޑައެޅި އެއް ކަމަކީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކޮށް، އަދި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށެވެ. އެ އަމުރާ އެކު، ހަތަރު މެމްބަރުންނާއި އޭގެ ފަހުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އަށް މެމްބަރުންނަށް ވެސް ހިންދެމިލެވި، މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރެވުނެވެ.

އެކަމަކު ކަން ވެގެންދިޔައީ އެހެނެއް ނޫނެވެ. އެ އަމުރަށް ފަސް ދުވަސް ވީ ތަނާ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކުރުމާ އެކު މަންޒަރު ބަދަލުވި އެވެ. އެ އަމުރުގެ ބައެއް ބައިތައް، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ބާތިލްކުރި އެވެ. އަދި މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން އަމުރުގައި އޮތް ބައި ބާތިލް ކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅުމުން އެ އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބަޔަށް އަމަލްކުރުން ސުޕްރީމް ކޯޓުން ފަސްކުރި އެވެ. އެ ހިސާބުން އެ މެމްބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ވަގުތީ ގޮތުން އަނެއްކާވެސް ބަންދުވީ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ އެކު، މަސްރަހު ހޫނުވެފައި އޮއްވާ މެމްބަރުންގެ ގޮނޑީގެ ސިލްސިލާ އަށް ދެން އިތުރުވީ އެންޓި ޑިފެކްޝަންގެ ގާނޫނެވެ. ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ކުއްލި ގޮތަކަށް މިދިޔަ މާޗް މަހު އެ ގާނޫނު ފާސްކުރީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމްގައި އޮތް ގޮތަށް މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނެއްގައި އެކަން ލިޔުމަށް އަންގާފައި އޮތުމުންނެވެ. އެވަރުން ނިމުނީކީއެއް ނޫނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން އެ ހުކުމްކުރި ތާރީޚާ ހަމައަށް ވެސް އެ ގާނޫނުގެ އުސޫލުތައް މާޒީއަށް ހިނގާ ގޮތަށް އެ ގާނޫނުގައި ލިޔުނެވެ. އެގޮތަށް މާޒީއަށް ހިނގާ ގޮތަށް ގާނޫނުގައި އެކަން ލިޔުނީ 12 މެމްބަރުންނަށް އަމާޒުކޮށްގެންނެވެ.

ފެބްރުއަރީ މަހުގެ އަމުރުގައި މެމްބަރުންނާ އެކު ގުޅޭ ގޮތުން އޮތް ބައި ބާތިލްކުރަން ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ނިމޭއިރު، މެމްބަރުންގެ ގޮނޑި ގެއްލުނުތޯ ނުވަތަ ނޫން ކަމާ މެދު ކޮންމެވެސް ގޮތްތަކެއް ނިމޭނެ ކަމަށް އުއްމީދު ކުރެވުނެވެ. އެކަމަކު މިދިޔަ ޖުލައި މަހު އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ފެބްރުއަރީ މަހުގެ އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބައި ބާތިލް ކަމަށެވެ. އެކަމަކު މެމްބަރުންގެ ގޮނޑިއާ މެދު ހުށަހެޅިފައި ހުރި މައްސަލަތައް ވަކިން އަލުން ބެލުމަށް އެ ހުކުމުގައި ކަނޑައެޅި އެވެ.

އެ ހުކުމުގައި ވަރަށް މުހިންމު ދެ ކަމެއް ފާހަގަކުރި އެވެ. ފުރަތަމަ ކަމަކީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް އެ ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި އޮތަސް، އެފަދަ ހާލަތެއް މެދުވެރިވެގެން ގޮނޑި ގެއްލޭ މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމުގައި ގޮތެއް ނިންމާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ހަމައެކަނި ސުޕްރީމް ކޯޓުން ކަމެވެ. އަދި އެފަދައިން އެ ކޯޓުން ނިންމާ ނިންމުމަކީ އުފެދިފައިވާ ސުވާލަށް ހައްލެއް ގެނެސްދޭނެ ނިންމުމަކަށް ވާން ޖެހޭނެ ކަމެވެ.

ދެވަނަ ކަމަކީ މިދެންނެވި ހަތަރު މެމްބަރުންގެ މައްސަލާގައި އިތުރު ގޮތެއް ނިންމަން ޖެހޭ ތަނެއް ނެތް ކަމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ސުޕްރީމް ކޯޓުން ދިން ޖަވާބަކީ އުސޫލުތަކާ ޚިލާފަށް އޭރު ނިންމި ނިންމުމެއް ކަމެވެ. އެ ހަތަރު މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް މި ހަފުތާގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ އެ ސަބަބާ ހެދި އެވެ. ބާކީ ތިބި އަށް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅީ ފެބްރުއަރީ މަހުގެ އަމުރަށް ފަހު އެވެ. އެ މެމްބަރުން މައްސަލަތައް ސުޕްރީމް ކޯޓުން ބަލައިގެންފައި އޮތަސް، އެ މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އޮތް އަނެއް ކަންބޮޑުވުމަކީ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރިޔަސް، އެއިން އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަން މިހާތަނަށް ބާއްވާފައި ނެތުމެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި، އެ ގޮނޑިއަކަށް މެމްބަރުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތަސް، ގޮނޑި ހުސްވި ކަމަށް ކަނޑައެޅި އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވާފައެއް ނުވެ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެއިން އެއްވެސް ދާއިރާއެއް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ނުލިބި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމެވެ.

ސުޕްރީމް ކޯޓުން މި ހަފުތާގައި ވަކިވަކިން އެ ހަތަރު ބޭފުޅުންގެ މައްސަލަތައް ބާއްވައި، އަޑުއެހުންތައް ނިންމާލިއިރު، ފަހު ފުރުސަތުގައި ވެސް ހަތަރު ބޭފުޅުން ފާހަގަކުރީ އެ ކަންބޮޑުވުމެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ އިތުރުން އެތައް ގާނޫނެއް މަޖިލީހުން ފާސްކުރިއިރު ވެސް އެ ބޭފުޅުންގެ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ނުލިބި އޮތުމެވެ. މިދެންނެވި ހަތަރު މެމްބަރުން ފިޔަވައި ދެން ބާކީ ތިބި އަށް މެމްބަރުން ވެސް ފާޅުކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.

މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑިއާ މެދު ސުވާލު އުފެދި، އެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ނުކުރެވި ދިއުމަކީ އާދައިގެ ކަމެއް ނޫނެވެ. މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ފަދައިން، އުފެދިފައިވާ ސުވާލަށް ނިމުމެއް އަންނާނެ ފަދަ ގޮތަކަށް ހަތަރު މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން މިފަހަރު ކޮންމެވެސް ގޮތެއް ނިންމަން ޖެހެ އެވެ. ދެން އޮތީ އެ ނިންމުމަށް އިންތިޒާރު ކުރުމެވެ.