ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންނާ މެދު މަޖިލިހުން މިހާރު އަމަލްކުރަނީ ކުރިން ބައެއް މެމްބަރުންނާ މެދު ކަންކުރި ގޮތަށް ނޫންކަން ސާބިތުވެ އެވެ.
13 އޯގަސްޓް 2017
ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންނާ މެދު މަޖިލިހުން މިހާރު އަމަލްކުރަނީ ކުރިން ބައެއް މެމްބަރުންނާ މެދު ކަންކުރި ގޮތަށް ނޫންކަން ސާބިތުވެ އެވެ.
މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން، އިނާޔަތާއި އިމްތިޔާޒުތަކާއި މެމްބަރެއްގެ ހައްގުތައް ކަނޑާލިކަން އެންގީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިގިނލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)ގެ އެވެ.
މީގެ ކުރިން ކުރިމަތިވި މިފަދަ މައްސަލަތަކުގައި މަޖިލީހުން އަމަލުކޮށްފައިވާ ގޮތް މުޅިން ތަފާތެވެ. ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވުމުން ވެސް، ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ވަންދެން އޭނާގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑައެއް ނުލަ އެވެ. އެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކުގައި ވެސް ގަވާއިދުން ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ދިނެވެ. އޭނާ އަކީ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ނިންމީ، ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް އައުމުންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ގެއްލިއްޖެކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެންމެ ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުންނެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސުން ކަނޑައެޅި ހަ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން އަންނަނީ ބަލަމުންނެވެ.
އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ދަށު ކޯޓުން އޮގަސްޓް 2011 ގައި ހުކުމް އައި ނަމަވެސް އޭނާގެ ގޮނޑި ގެއްލުނު ކަމަށް ނިންމީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމައި ފެބްރުއަރީ 2012 ގައި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަންދެން އޭނާ އަށް މަޖިލިހުގެ މެމްބަރަކަށް ދޭ ހުރިހާ އިނާޔަތެއް ދިނެވެ. އޭގެ ތެރޭގައި މުސާރަ އާއި އިނާޔަތާއި އިމްތިޔާޒުތައް އަދި މަޖިލިހުގެ މެމްބަރަކަށް ވުމުން ލިބިދޭ ހުރިހާ ހައްގެއް ވެސް ހިމެނެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން، މައްސަލަ ދިރާސާ ކުރުމަށްޓަކައި އެއް މަހުގެ މުސާރަ އާއި އިނާޔަތްތައް ނުދީ މަޑުކުރި ނަމަވެސް، ފަހުން އެ މަހުގެ ބައިތައް ވެސް އިސްމާއިލަށް ދިނެވެ.
ގޮނޑި ގެއްލިއްޖެކަމުގެ ސުވާލު އުފެދިފައިވާ ހަ މެމްބަރުންގެ މައްޗަށް ޖިނާއީ އެއްވެސް ކުށެއް ސާބިތެއްނުވެ އެވެ. އަދި މި މެމްބަރުން ވަކިކޮށްފައިވާ ކަމުގެ ރަސްމީ އެއްވެސް ލިއުމެއް، އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ވެސް މެމްބަރުންނާ މިހާތަނަށް ހަވާލުކޮށްފައި ނުވާ ކަމަށް ވެސް މެމްބަރުން ވިދާޅުވެ އެވެ.
މި ހާލަތުގައި، އެ މެމްބަރުންނާ މެދު ބޮޑެތި ފިޔަވަޅުތަކެއް ރައްޔިތުންގެ މަޖިލިހުން އެޅުމަކީ ގާނޫނާ ޚިލާފު އަދި ބޭއިންސާފުން ހިންގާ ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި އޭނާގެ ރިޔާސަތުގައި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އެއީ، އިސްމާއިލް އަބްދުލް ހަމީދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ އެވެ.
މި މެމްބަރުންގެ މައްޗަށް އުފުލުނު ދައުވާތަކުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާނުލާ ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"މި މެމްބަރުންނާ މެދު މަޖިލީހުން ފިޔަވަޅު އެޅުއްވީ، ސުޕްރީމް ކޯޓުން އެންގެވީމަ. އެ ކޯޓުން އިލެކްޝަންސް އަށް އެންގެވީމަ އެ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް އިން އިންތިހާބު އިއުލާންކުރީ ވެސް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ހަ މެމްބަރަކާ މެދު މިހާރު އަމަލުކުރަމުން ދަނީ ގާނޫނުތަކާއި އިންސާނީ ހަމަތަކާއި ތަހުޒީބު މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ ގޮތާ ވެސް މުޅިން ޚިލާފަށެވެ. މަޖިލީސް މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ އިދާރާގެ ތެރެއަށް ވަތްކަމުގެ ތުހުމަތުގައި ތިން މެމްބަރަކު ހައްޔަރުކޮށްފައިވާއިރު، ހަ މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކާ މެދު ފިޔަވަޅު އެޅި ކަމެއް އެ މެމްބަރުންނަށް މިހާތަނަށް އަންގާފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
"މި މެމްބަރުންނާ މެދު އަނިޔާވެރިކޮށް އަމަލުކުރަމުން މިދަނީ، ކަނޑައެޅިގެން ސިޔާސީ ނުފޫޒު މީގެ ތެރެއަށް ވަދެގެން. ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ޕީޕީއެމަށް ގެއްލުނީމަ ހިތުހުރި އުސޫލުން ހިންގާ ކަންކަން މިއީ،" ޝާހިދު ވިދާޅުވި އެވެ.
"އިންސާނީ އުސޫލަކީ އަދި ތަހުޒީބީ ގޮތަކީ އެ މެމްބަރަކާ މެދު ފިޔަވަޅެއް އަޅައިފި ނަމަ އެންމެ ކުޑަ މިނުން އެކަން އެންގުން. އެ މިންވަރު ވެސް ކޮށްނުލައި، ވަލުތެރޭގެ އުސޫލަށް މި އަމަލުކުރަނީ."
އެ މެމްބަރުންގެ އިމްތިޔާޒުތަކާއި ހައްގުތަކާއި އިނާޔަތްތައް އުނިކޮށްފައި ވަނީ، މަޖިލިހުގެ އިދާރާގެ ހުރިހާ ސެކްޝަންތަކަށް ފޮނުވި އިދާރީ މެމޯގައިވާ ގޮތުން، މިދިޔަ މަހުގެ 20، އިން ފެށިގެންނެވެ. ސަބަބަކީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން އަންގާފައިވާތީ ކަމަށް ބުނެފައިވެ އެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލިހަށް، ހަ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެއް ނޭޅޭނެ އެވެ. އެހެންކަމުން އެ ބޭފުޅުންގެ އިނާޔަތްތަކާއި ހައްގުތައް ވެސް މަޖިލިހަށް ކަނޑާނުލެވޭނެ ކަމަށް އެ މެމްބަރުުން ވިދާޅުވެ އެވެ.
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
ހަ މެމްބަރެއްގެ އިމްތިޔާޒުތަކާއި އިނާޔަތް ކަނޑާލައިފި
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
ހަތަރު މެމްބަރުންގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ކޯޓުން އެދުނީ ޝަކުވާ ލިޔުމުން ހުށަހަޅަން: މެމްބަރުން
ޝަރުތުތަކަކާ އެކު ވައްޑެ ދޫކޮށްލައިފި
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
"ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ"