Roadha Mihaaru
ހަ މެމްބަރެއްގެ އިމްތިޔާޒުތަކާއި އިނާޔަތް ކަނޑާލައިފި

ހަ މެމްބަރެއްގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލައިފި

12 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލައިފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން، އިނާޔަތް އިމްތިޔާޒުތަކާއި މެމްބަރެއްގެ ހައްގުތައް ކަނޑާލިކަން އެންގީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިގިނލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)ގެ އެވެ.

އެ މެމްބަރުންގެ އިމްތިޔާޒުތަކާއި ހައްގުތަކާއި އިނާޔަތްތައް އުނިކޮށްފައި ވަނީ، މަޖިލިހުގެ އިދާރާގެ ހުރިހާ ސެކްޝަންތަކަށް ފޮނުވި އިދާރީ މެމޯގައިވާ ގޮތުން، މިދިޔަ މަހުގެ 20، އިން ފެށިގެންނެވެ. ސަބަބަކީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން އަންގާފައިވާތީ ކަމަށް ބުނެފައިވެ އެވެ.

މެމޯގައި އެހެން ބުނާއިރު، ސިނާން އާއި އިލްހާމް ތަމްސީލްކުރައްވާ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ބައި އިލެކްޝަންސް ބާއްވަން ނިންމި ކަމެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލި މައްސަލާގައި އިލްހާމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ އިދާރާ އަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި އިލްހާމް ވިދާޅުވީ އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަން، އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ އިދާރާ އިން ވެސް މިހާތަނަށް އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ. އެ ސިޓީގައި އިލްހާމް އެދިވަޑައިގެންފައި ވަނީ އޭނާގެ މެމްބަރު ކަން ގެއްލިއްޖެތޯ ސާފުކޮށްދެއްވުމަށެވެ.

އޭނާގެ މެމްބަރުކަން ގެއްލިފައި ވަނީ ގާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުންތޯ ނުވަތަ ޝަރުއީ ކޮން ހުކުމެއްގެ ދަށުންތޯ ވެސް ސާފުކޮށްދެއްވަން ވެސް އެދިވަޑައިގެންފައިވެ އެވެ.

މެމްބަރުންގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލިއިރު ހަތަރު މެމްބަރަކު ކުރެއްވި އިސްތިއުނާފް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ. މެމްބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ޚިލާފު އުފެދިއްޖެ ނަމަ ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައިވެ އެވެ.

ކޯޓުން ގޮތެއް ނުނިންމަނީސް މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީއާ ޚިލާފު އަމަލެއް ކަމަށް ގާނޫނީ ބައެއް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.