Roadha Mihaaru
"މައުމޫންގެ ހާލަތާ މެދު އިހުމާލުވުމަކީ ޓޯޗާގެ އަމަލެއް"

މައުމޫންގެ ހާލުކޮޅާ މެދު އިހުމާލުވުމަކީ ޓޯޗާގެ އަމަލެއް: ވަކީލުން

25 އޯގަސްޓް 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅާ މެދު ސަރުކާރުން އިހުމާލުވުމަކީ ޓޯޗާގެ އަމަލުތަކެއް ކަމަށް އެ މަނިކުފާނުގެ ވަކީލުން މި ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅާ މެދު ސަރުކާރުން އިހުމާލުވުމަކީ ޓޯޗާގެ އަމަލުތަކެއް ކަމަށް އެ މަނިކުފާނުގެ ވަކީލުން މި ރޭ ވިދާޅުވެއްޖެ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައުމޫން ގެ އަށް ބަދަލު ކުރަން ނުވަތަ އެކަށީގެންވާ ފަރުވާ ދެވޭ ތަނަކަށް ބަދަލު ކުރަން ޑޮކްޓަރު ލަފާ ދިނުމުން އެ ގޮތަށް އަމަލު ނުކުރުމަކީ ޓޯޗާގެ އަމަލެއް ކަމަށެވެ. ސިއްހީ މައްސަލަތަކާ ހުރެ ގެ އަށް ބަދަލު ކުރުމަކީ ކުރީއްސުރެ ކުރާ ކަމެއް ކަމަށާއި އެ ފުރުސަތު މައުމޫނަށް ނުދީ އަދި އެ މަނިކުފާނަށް ކުރިން އެންގުމެއް ނެތި ދޫނިދު އަށް ބަދަލު ކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ކަރެކްޝަނަލް ސާވިސްގެ ފަރާތުން ޖަލުގައި ހުންނަވާ ޑޮކްޓަރު ރައީސް މައުމޫން ގެ އަށް ބަދަލު ކުރަން ނުވަތަ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ލަފާ ދެއްވީމަ އެކަން ނުކުރެއްވުމަކީ އެއީ މި ދަންނަވާ ޓޯޗާގެ އަމަލަކީ. އެއީ މި ދަންނަވާ ލާ އިންސާނީ އަމަލަކީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި އެތައް މުއައްސަސާއަކަށް ހުށަހެޅިފައިވާ ކަމަށާއި އެކަމަކު އެއިން އެއްވެސް މައްސަލައަކަށް ވީ ގޮތެއް ނޭނގޭ ކަމަށެވެ. ޓޯޗާގެ އަމަލުތައް ބެލުމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އެކަން ނުކުރުމަކީ އެ ކޮމިޝަނުން ގާނޫނާ ޚިލާފްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް ހުށަހަޅާ މައްސަލައެއް އަރަނީ އުޑަށް ކަމެއް ނުވަތަ ބިން ފަޅާ އަޑި އަށް ކަމެއް އެނގޭ އެއްވެސް އިންސާނަކު ނުހުރޭ. އެ ބޭފުޅުންގެ އާންމު ޖަވާބަކީ ތި މައްސަލަ ދަނީ ބަލަމުންނޭ. އިއްޔެ ހުށަހެޅި މައްސަލައިގައި އަދި އަދަށް ދާންދެން ވެސް ހަބަރެއް ވެސް ނުވޭ،" ޝަމީމް ވިދާޅުވި އެވެ.

އެ ޓީމުގައި ހިމެނޭ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ސިޓީ ނުފޮނުވާ މުއައްސަސާއެއް މިހާރު ނުހުންނާނެ ކަމަށާއި މިއަދާ ހަމަ އަށް ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެކަންކަމާ ބެހޭ ގޮތުން އެޅިފައި ނުވާ ކަމަށެވެ. މައުމޫންގެ އުމުރުފުޅުން 80 އަހަރު ވެފައިވާއިރު، އެހާ އުމުރުން ދުވަސްވީ ބޭފުޅަކު ޖަލުގައި ބެހެއްޓުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ވަރަށް މުހިންމު ޓެސްޓްތަކެއް އެބަޖެހޭ ހައްދަވަން. ޑޮކްޓަރުން އެބަ ވިދާޅުވޭ އެ މަނިކުފާނު އެބަ ޖެހިވަޑައިގަންނަވައޭ މެޑިކަލް ޗެކަޕް ހައްދަވަން. އެ މަނިކުފާނަކީ ކުރިން ކޮންމެ ހަ މަހަކުން ހަ މަހަކުން ގަވާއިދުން މެޑިކަލް ޗެކަޕް ހައްދަވަމުން ގެންދެވި ބޭފުޅެއް،" ފައިސަލް ވިދާޅުވި އެވެ.

ވަކީލް ފައިސަލް --- ފޮޓޯ:ހުސައިން ވަހީދު/މިހާރު

ވަކީލް ފައިސަލް --- ފޮޓޯ:ހުސައިން ވަހީދު/މިހާރު

ފައިސަލް ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރީ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމުން 48 ގަޑިއިރު ވަންދެން އެ މަނިކުފާނު އޮބްޒަވޭޝަންގައި ބޭއްވުމަށް މިދިޔަ އަންގާރަ ދުވަހު ޑޮކްޓަރު ލަފާ ދީފައިވަނިކޮށެވެ. އެ މުއްދަތުގައި އެ މަނިކުފާނުގެ އިސްތަށިފުޅު ގުޑާ ފަދަ އެއްވެސް ކަމެއް ނުކުރަން ލަފާ ދީފައި ވަނިކޮށް ލޯންޗްގައި އެ މަނިކުފާނު ދޫނިދު އަށް ގެންދިއުމަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވި އެވެ.

"މި ދަންނަވަނީ އެ މަނިކުފާނު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުއްޓާ އެ މަނިކުފާނު ބެއްލެވި ޑޮކްޓަރުން ދެއްވި ލަފާ. ލަފާ ދެއްވި ނަމަވެސް އެއަކަށް އަމަލެއް ނުކުރައްވާ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އަންގާރަ ދުވަހާއި ބުދަ ދުވަހު ވެސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން މާފުށީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރެވޭ ގޮތެއް ނުވި ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ވަކީލުން އެ މަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަތުމުން އެ ފުރުސަތު ނުދީ، ދޫނިދު އަށް އެ މަނިކުފާނު ބަދަލުކުރީ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި އިއްޔެ ވެސް ވަކީލުންނަށް އެ ފުރުސަތު ނުދީ، އަނެއްކާ ވެސް މާފުށީ ޖަލަށް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާފުށިން ދޫނިދު އަށް ބަދަލު ކުރިއިރު ވެސް ވަކީލުންނަށް ވެސް އާއިލާއަކަށް ވެސް ނާންގާ. ރައީސް މައުމޫން ދޫނިދޫން މާފުށްޓަށް ބަދަލު ކުރެވުނުއިރު ވެސް ވަކީލުންނަކަށް ނާންގާ. އާއިލާ މީހުންނަކަށް ނާންގާ. މިއީ އެއްވެސް ހާލެއްގައި މިކަން ކުރެވިގެންވާނެ ގޮތެއް ނޫން." ފައިސަލް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނަމުން އަންނަނީ މައުމޫންގެ ހާލުކޮޅާ މެދު އިހުމާލުނުވާ ކަމަށާއި އެ މަނިކުފާނަށް ޚާއްސަ އުސޫލުތަކެއް ޖަލުގައި މިހާރު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.