Roadha Mihaaru

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި

ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

ޝަމީމަށް ހަމަލާދިންމައްސަލަ އިސްތިއުނާފުކުރަން ނިންމައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

24 މެއި 2025

ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށާއި ހޯމަ ދުވަހުގެ ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ދަށުން ނަމަ 30 ދުވަސް ތެރޭ ދައުވާކުރަން ޖެހެ އެވެ. އަދި އިސްތިއުނާފަށް ވެސް މި ބާވަތުގެ މައްސަލަތަކުގައި ލިބޭނީ 30 ދުވަހެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ ގެ ކައިރިންނެެވެ. އެ މަންޒަރު ހުރީ ސީސީޓީވީ ކެމެރާއަށް ވެސް އަރައިފަ އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރި ހަތް މީހުންނަކީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމް އެވެ.

އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެ ހުރި ތަފާތަކީ އެކި އިމާރާތްތަކުގެ ސީސީޓީވީ ކެމެރާގެ ގަޑި ހަމަކޮށްފައި ހުރި ގޮތުން އައިސްފައި ހުރި ފަރަގު ކަމަށްވެ އެވެ.

ނަމަވެސް ހުކުމްގައިވާ ގޮތުން އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހެ އެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވިދާޅުވި އެވެ.

ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.

އެ ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް ހުކުމްގައިވެ އެވެ.

އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށާއި އެކަން ސާފުވާ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅުނު ނަމަ، މައްސަލައިގެ ނިންމުން ތަފާތުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.