Roadha Mihaaru
ޕީޖީއަށް ދިން ހަމަލާ އައިއޭޕީ އިން ކުށްވެރިކޮށްފި

ޝަމީމަށް ދިން ހަމަލާ ބައިނަލްއަގްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން ކުށްވެރިކޮށްފި

06 ފެބުރުއަރީ 2024

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ދިން ހަމަލާ ބައިނަލްއަގްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް (އައިއޭޕީ) އިން ކުށްވެރިކޮށް، މައްސަލާގައި އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ދިން ހަމަލާ ބައިނަލްއަގްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް (އައިއޭޕީ) އިން ކުށްވެރިކޮށް، މައްސަލާގައި އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި އެވެ.

އައިއޭޕީން ޝަމީމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޝަމީމަށް ދިން ހަމަލާއާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހަރުދަނާ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

ޕްރޮސިކިއުޓަރުންނަށް އެ މީހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ވެސް ބައިނަލްއަގްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ޕީޖީ އަށް ހަމަލާ ދީފައި ވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހުމުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ. ހަމަލާ ދޭން އުޅުނީ ޝަމީމްގެ ބޮލަށް ކަމަށް ބެލެވެ އެވެ.

އެ ދެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ޝަމީމަކީ ފަތާށާއި ދުވަން އާންމު ގޮތެއްގައި އެކަނިމާ އެކަނި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅެކެވެ. ބައެއް ދުވަސްވަރު ސެކިއުރިޓީއެއް ގެންގުޅުއްވަ އެވެ. ނަމަވެސް، ހަމަލާއަށް ފަހު ޝަމީމްގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވީ ޕީޖީއަށް ހަމަލާ އަމާޒުވިއިރު ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރައްވާފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ފޯރުކޮށްދޭ ސެކިއުރިޓީއަކީ އެ ބޭފުޅުން ބޭނުންވުމުން ނަގާ ގޮތަށް އޮންނަ ޗޮއިސްއެއް ނޫން ކަމަށާއި އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަންގާ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ދައުލަތުގެ ވެރިންގެ ތުރެޓް އެސެސްމެންޓެއް ހެދުމަށްފަހު ތުރެޓް އޮތް މިންވަރަކުން އެ ބޭފުޅަކަށް ސެކިއުރިޓީ ދިނުން ކަމަށް ސީޕީ ވިދާޅުވި އެވެ. ނަަމަވެސް ދައުލަތުގެ ވެރިންނަށް 24 ގަޑިއިރު ސެކިއުރިޓީ ދިނުމަކީ މުހިންމު ކަމެއް ކަމަށް މިހާރު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން، ކާކުކަން ނޭނގޭ ގޮތަށް ރޭވިގެން ކަމަށެވެ. ނަމަވެސް އެމީހުންނަކީ ކޮބައިކަން މިހާރު ދެނެގަނެވި ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަމަލާގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ކުރިން ލިބިފައެއް ނެތެވެ.

ސީޕީ ވިދާޅުވީ ބައެއް ކަންކަމަކީ ފުލުހުންނަށް ވެސް ނޭނގި ހިނގާ ކަންކަން ކަމަށާއި ނަމަވެސް މިފަދަ ހަމަލާތަކަށް ދޭން އެއްވެސް ޖާގައަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތްތަކަށް ގެންގުޅޭ ސެކިއުރިޓީގެ މިންގަނޑު ރިވިއު ކުރާނެ ކަމަށެވެ.