Roadha Mihaaru
މައުމޫނަށް ހުކުމްކުރި މައްސަލައިގެ ރިޕޯޓް ދޫކޮށްފި

މައުމޫނަށް ހުކުމްކުރި މައްސަލައިގެ ރިޕޯޓް ވަކީލުންނަށް ދޫކޮށްފި

07 އޮކްޓޯބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލާން ހުކުމްކުރި މައްސަލައިގެ ރިޕޯޓް ވަކީލުންނަށް ނުލިބިގެން އިސްތިއުނާފް އަޑުއެހުންތައް ނުފެށި އޮއްވާ އެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލާން ހުކުމްކުރި މައްސަލައިގެ ރިޕޯޓް ވަކީލުންނަށް ނުލިބިގެން އިސްތިއުނާފް އަޑުއެހުންތައް ނުފެށި އޮއްވާ އެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފި އެވެ.

އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހު އެ މަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައި، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ، ދައުލަތުގެ ފަރާތުން ކުރުމުން އެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

އެ މައްސަލަ މައުމޫންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުން ބާއްވަން ތާވަލު ކޮށްފައި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މައުމޫންގެ ވަކީލުންނަށް ނުލިބި އޮތުމުން އިސްތިއުނާފް އަޑުއެހުން ކުރިއަކަށް ނުގެންދެ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުން ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކަމަށެވެ. އަދި އިސްތިއުނާފް ޝަރީއަތް ފަށާނެ ދުވަހެއް ހައި ކޯޓުން އަދި ނާންގާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

އެ މައްސަލަ ހައި ކޯޓުން ނިމެންދެން މައުމޫން މިހާރު ހުންނެވީ މިނިވަން ކޮށްފަ އެވެ. އެމަނިކުފާނު މިނިވަންކުރީ 60،000ރ. ގެ ޑިޕޮސިޓެއް ކޯޓުގައި ބެހެއްޓުމުން ކަފާލާތުގެ ދަށުންނެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް މައުމޫންގެ މައްޗަށް ސާބިތުވެފައިވާ އިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. ޓެރަރިޒަމްގެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.