Roadha Mihaaru
ތިން ބޭފުޅުން ދޫކޮށްލި މައްސަލަ އިސްތިއުނާފެއް ނުކުރާނެ

މައުމޫނާއި ގާސިމާއި ފާރިސް ކަފާލާތުގެ ދަށުން ދޫކުރި މައްސަލަ އިސްތިއުނާފެއް ނުކުރާނެ: ޕީޖީ އޮފީސް

02 އޮކްޓޯބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން މިނިވަންކުރި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން މިނިވަންކުރި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޖަލު ހުކުމެއްގައި ތިއްބެވި މައުމޫނާއި ފާރިސް އަދި ގާސިމް ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަންކުރީ އެ ބޭފުޅުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އިސްތިއުނާފް މައްސަލަ ނިމެންދެން ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރަށް އެދި އެ ތިން ބޭފުޅުންގެ ފަރާތުން ހުށަހެޅުމުންނެވެ. ތިން ބޭފުޅުން ވެސް ދޫކޮށްލީ ޑިޕޮސިޓްގެ ގޮތުގައި ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު އެވެ.

އެ މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވޭތޯ ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކަފާލާތުގެ ދަށުން މީހުން ދޫކުރުމަކީ ހައި ކޯޓަށް އޮންނަ ބާރެއް ކަމަށާއި އެހެންވެ އެ ބޭފުޅުން ދޫކޮށްލި މައްސަލަ އެ އޮފީހުން އިސްތިއުނާފް ނުކުރާނެ ކަމަށެވެ.

"ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓަށް އޮންނަ ބާރެއް އެއީ ބަންދެއްގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ކުށްވެރިވާ ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވާ މީހަކު ނުވަތަ ހައި ކޯޓުން ބަލާ މައްސަލައެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު ހައި ކޯޓުން ގަބޫލުކުރާ ފަދަ ކަފާލާތެއް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ހައި ކޯޓުގައި ހިނގާ މުއްދަތުގައި އެ މީހަކު ދޫކޮށްލާފައި ބެހެއްޓުމަކީ އެ ކޯޓުގެ އިހްތިޔާރުގައިވާ ކަމެކެވެ.

މައުމޫން އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ނުދިން މައްސަލާ އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

ފާރިސް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވުމުންނެވެ.

ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވީ ރިޝްވަތުގެ ކުށެއް ސާބިތުވުމުންނެވެ. އެކަމަކު ހުކުމް ކުރިތާ ދުވަސްކޮޅެއް ފަހުން ގާސިމް ވަނީ ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ.