Roadha Mihaaru
ދެ މިލިއަން ދޭން އެންގި މައްސަލަ ހައިކޯޓުން ބޭރުކޮށްފި

ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

10 ފެބުރުއަރީ 2019

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައަށް، ދައުވާކުރާ ފަރާތުން ހާޒިރުނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައަށް، ދައުވާކުރާ ފަރާތުން ހާޒިރުނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ފާރިސް، ޣައްސާން، ދުންޔާ އަދި ޔުމްނާގެ މައްޗަށް 2.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ބިމެއްގައި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީއެންސީ) އިން ކުރި އިމާރާތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.

އެ މައްސަލަަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުއްވީ ޣައްސާންގެ ފަރާތުންނެވެ. އިސްތިއުނާފް މައްސަލައިގެ ދައުވާ ފޯމް މިދިޔަ ހަފުތާގައި ހައި ކޯޓުން ބާތިލްކުރީ ޣައްސާންގެ ފަރާތުން ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތުން އަޑުއެހުމަށް ހާޒިރު ނުވުމުން ކަމަށް އެނގިފައިވެ އެވެ.

އެކަމަކު އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލިޔަސް، އެ މައްސަލަ އަލުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ދައުވާކުރާ ފަރާތުން ހާޒިރު ނުވެގެން ބާތިލްކުރާ މައްސަލަތައް އަލުން ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

މައުމޫންގެ އާއިލާގެ އަރިސް ބޭފުޅަކު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން އަލުން ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ފާރިސް އާއި ޣައްސާން މިހާރު ވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރަން ނިންމަވައިފަ އެވެ.

ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީގައި އޮތަސް، ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފާރިސާއި ޣައްސާނަށް މަޖިލީހަށް ކުރިމަތިލުމުގެ ދޮރު އެއްކޮށް އަދި ބަންދެއް ނުވެ އެވެ. ސަބަބަކީ އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ އަދި އެއްކޮށް ނުނިމޭތީ އެވެ.

މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް މަތީ ކޯޓެއްގައި އިސްތިއުނާފް ކޮށްފި ނަމަ، ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަ އެވެ. އެހެންވެ މި މައްސަލާގައި ވެސް އޮތީ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލައިފަ އެވެ.