Roadha Mihaaru
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާގެ ކޮއްކޯފުޅު އަވަހާރަވެއްޖެ

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާގެ ކޮއްކޯފުޅު ފަރީޝާ އަވަހާރަވެއްޖެ

31 މެއި 2017

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް މިރޭ ސިންގަޕޫރުގައި އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް މިރޭ ސިންގަޕޫރުގައި އަވަހާރަވެއްޖެ އެވެ.

މައުމޫންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި ސަމަރުބުލޫ އިބްރާހިމް މަނިކުގެ އަނބިކަނބަލުން ފަރީޝާ 65، މާލޭ ގަޑިން މިރޭ 8:30 ގައި އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ފަރީޝާ އަކީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހިމްގެ ކޮއްކޯފުޅު ވެސް މެ އެވެ.

މައުމޫންގެ ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި ފާރިސް މައުމޫން އަދި ޣައްސާން މައުމޫންގެ ބޮޑުދައިތާފުޅު ފަރީޝާ އަވަހާރަވިއިރު، ސިންގަޕޫރުގެ އިތުރުން އިންޑިއާގެ ބެންގަލޫރުން ވެސް ދެ މަހެއްހާ ދުވަސް ވަންދެން ފަރުވާ ހޯއްދެވި އެވެ. އެކަމަނާ ސިންގަޕޫރަށް ފަރުވާ އަށް ގެންދެވީ އިތުރަށް ހާލު ސީރިއަސްވުމުންނެވެ.

މައުމޫނާއި ނަސްރީނާ އަދި ދެ ބޭފުޅުން ކަަމަށްވާ ދުންޔާ އާއި ޔުމްނާ މިވަގުތު ތިއްބެވީ ސިންގަޕޫރުގަ އެވެ. ސިންގަޕޫރުގައި ހުންނެވުމަށް ފަހު ޣައްސާން މިއަދު މާލެ ވަޑައިގެންފައިވާއިރު، ފަރީޝާގެ ހާލު ސީރިއަސްވި ފަހުން، މައުމޫންގެ ބޭފުޅުންގެ ތެރެއިން އެކަމަނާ އާ ބައްދަލު ނުކުރެއްވޭ ހަމައެކަނި ބޭފުޅަކީ ފާރިސް އެވެ.

ބޮޑުދައިތާފުޅުގެ ހާލު ދެކެވަޑައިގަތުމަށް ފާރިސް އަށް ވަޑައިނުގެންނެވުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުންނެވެ.

ފަރީޝާގެ އަރިހަށް ހަފުތާ އަކަށް ސިންގަޕޫރަށް ވަޑައިގަތުމަށްޓަކައި ފާރިސްގެ ޕާސްޕޯޓް ދޫކޮށްދިނުމަށް ތަކުރާރުކޮށް އޭނާ ފުލުހުންގެ ކިބައިން އެދިވަޑައިގަތަސް އެކަން ކޮށެއް ނުދިނެވެ.

މި މައްސަލަ އިއްޔެ މީޑިއާ އަށް ތިލަވެ، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފާރިސް ރާއްޖެ އިން ބޭރަށް ވަޑައިގެންފި ނަމަ، ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން އޭނާ އަނބުރާ ރާއްޖެ ވަޑައިނުގެން ބޭރުގައި މަޑުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ އެހެންވެ އެ ހުއްދަ ނުވަތަ ފާރިސްގެ ޕާސްޕޯޓް ދޫކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން އުޒުރުވެރިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އޭގެ ޖަވާބު ދެއްވައި ފާރިސް މިއަދު ނެރުއްވު ބަޔާނެއްގައި ވިދާޅުވީ އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ބޭނުން ވަނީ ފުލުހުންގެ ތަހުގީގަށް ފިއްލަވަން ނޫން ކަމަށެވެ. އަދި އޭނާއާ މެދު އިހްސާންތެރިވެ، ހާލު ދެރަ ބޮޑުދައިތާފުޅާ ބައްދަލު ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ފޮނުއްވައި ދެއްވަން ކަމާބެހޭ އިދާރާތަކުގައި ފާރިސް އެންމެ ފަހުން މިއަދު ވެސް އެދިވަޑައިގަތެވެ.