Roadha Mihaaru
އާއިލާ އިން މައުމޫނާ ބައްދަލުކޮށްފި

އާއިލާ އިން މައުމޫނާ ބައްދަލުކޮށްފި

07 ފެބުރުއަރީ 2018

ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ، އެމަނިކުފާނުގެ އާއިލާ އިން މިއަދު ދޫނިދޫގައި ބައްދަލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ، އެމަނިކުފާނުގެ އާއިލާ އިން މިއަދު ދޫނިދޫގައި ބައްދަލުކޮށްފި އެވެ.

މައުމޫނާ ބައްދަލުކުރައްވަން ދޫނިދު އަށް ވަޑައިގަތީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އާއި ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ އިތުރުން ދުންޔާ މައުމޫނެވެ. މި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ދަރިކަލުން ޣައްސާން މައުމޫން ވަޑައެއް ނުގަންނަވަ އެވެ.

މައުމޫނާ ގާތްބޭފުޅަކު ވިދާޅުވީ އާއިލާއެކު މައުމޫން ދޮޅު ގަޑިއެއްހާއިރު ހޭދަކުރެއްވި ކަމަށެވެ. އެމަނިކުފާނު ހުންނެވީ ވަރަށް ހިތްވަރާއި ސާބިތުކަމާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް މައުމޫން ހުންނެވީ ހެޔޮހާލުކޮޅުގައި، ވަރަށް ހިތްވަރު ގަދަކޮށް،" އޭނާ ވިދާޅުވި އެވެ.

މައުމޫން ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނުތާ ދުވަސްތަކެއް ފަހުން، އެމަނިކުފާނު ހައްޔަރުކުރީ ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގެ ބަލައި ފާސްކުރުމަށް ފަހު އެވެ. ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އަށް ކުރާ ތުހުމަތުތައް މައުމޫނަށް ކުރާއިރު، ހަ މަސް ދުވަހުގެ ޖަލު ބަންދުން ފާރިސް ދޫކޮށްލީ މައުމޫން ހައްޔަރުކުރުމަށް ފަހު އެވެ.

އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި މައުމޫން ހައްޔަރުކުރުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. މައުމޫން، ސަރުކާރާ ފެއަށް ޖެހިވަޑައިގަތީ، ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތުން ގައުމާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ އެވެ.