Roadha Mihaaru
މައުމޫނާއި ގާސިމްގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

މައުމޫނާއި ގާސިމަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

10 އޮކްޓޯބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގަ އެވެ. ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އިއްވީ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގަ އެވެ.

އެ ދެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ ދެ މައްސަލަ ވެސް ކުރިއަށް ގެންދާނީ ވަކިވަކިންނެވެ.

މައުމޫންގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ހަފުތާގައި ވެސް ބާއްވަން ހައި ކޯޓުން މަސައްކަތް ކުރި އެވެ. އެކަމަކު، ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ވަކީލުންނަށް އޭރު ނުލިބޭތީ އެ ދުވަހުގެ އަޑުއެހުން ހައި ކޯޓުން ކުރިއަކަށް ނުގެންދެ އެވެ.

މައުމޫނާއި ގާސިމްގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. ހައި ކޯޓުން އެ ދެ ބޭފުޅުން މިނިވަންކުރީ ޑިޕޮޒިޓްގެ ގޮތުގައި ކޯޓުގައި ފައިސާ ބެހެއްޓުމުންނެވެ. މިދިޔަ އަހަރުން ފެށިގެން ޖަރުމަނުގައި ހުންނެވުމަށް ފަހު ގާސިމް ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމުންނެވެ.

މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.