Roadha Mihaaru
ބޭރު ކުންފުނިތަކަށް އެކަނި މަޝްރޫއު ހަވާލު ނުކުރާނަން

ދިވެހިންގެ ހިއްސާ ނެތް ގޮތަށް އުމްރާނީ ތަރައްގީގެ މަސައްކަތް ހަވާލު ނުކުރާނަން: އިބޫ

24 އޯގަސްޓް 2018

އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި، ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދިވެހި ކުންފުންޏެއްގެ ބައިވެރިވުމެއް ނެތި ބޭރުގެ ބަޔަކާ ހަވާލު ނުކުރައްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ރ. އަލިފުށިން ހަސަން މުހައްމަދު

އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި، ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދިވެހި ކުންފުންޏެއްގެ ބައިވެރިވުމެއް ނެތި ބޭރުގެ ބަޔަކާ ހަވާލު ނުކުރައްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ނ. އަދި ރ. އަތޮޅަށް އޭނާ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން، އަލިފުށީގައި ވާހަކަ ދައްކަވަމުން ވަނީ މިހާރުގެ ސަރުކާރުން ބޭރުގެ ކުންފުނިތަކާ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަވާލު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ މިއަދުގެ ސަރުކާރުން މިފަދަ ޕްރޮޖެކްޓުތައް އެއްވެސް ހަމައެއް ނެތި، އެއްވެސް އުސޫލެއް ނެތި ބޭރުގެ ކުންފުނިތަކާ ހަވާލުކުރާ ތަން. އެންމެ ފަހުން ޖުލައި، 30، ވަނަ ދުވަހު އަޅުގަނޑުމެންނަށް ހާމަވެގެން ދިޔައީ 20 ރަށެއްގެ ނަރުދަމާ އާއި ބޯ ފެނުގެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް 800 މިލިއަން ރުފިޔާ އަށް ހަވާލު ކުރެވިގެން ދިޔަ ތަން،" ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.

އޭނާ ވަނީ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަމައެކަނި ބޭރުގެ ކުންފުނިތަކާ ހަވާލު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"ދިވެހި ކުންފުންޏެއްގެ ހިއްސާ ނެތި ދައުލަތުން ހިންގާ މިފަދަ [އުމްރާނީ ތަރައްގީގެ] މަސައްކަތެއް އަޅުގަނޑުމެންގެ ވެރިކަމުގައެއް ކުރުމުގެ ފުރުސަތު ނޯންނާނެ. އަޅުގަނޑު މި ދެންނެވީ މެގަ ޕްރޮޖެކްޓުތަކުގެ ވާހަކައެއް ނޫން. އަދި މި ދެންނެވީ ޕްރައިވެޓް ސެކްޓާގައި ހިންގާ މަޝްރޫއުތަކެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

"އޭގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ޓެކްނޮލޮޖީގެ މުއްސަނދިކަން ލިބި ހުނަރުވެރި މަސައްކަތްތެރިން އުފެދިގެންދާނެ."

ރ. އަލިފުށީގެ "ތަޅުދަނޑި" އިބޫއާ ހަވާލު ކުރަނީ: މިއަތޮޅުގެ 15 ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ / އެމްޑީޕީ

ރ. އަލިފުށީގެ "ތަޅުދަނޑި" އިބޫއާ ހަވާލު ކުރަނީ: މިއަތޮޅުގެ 15 ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ / އެމްޑީޕީ

މީގެ އިތުރުން، އިބޫ ވަނީ މިހާރުގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުގެ ސަބަބުން، އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ އޭނާ މީގެ ކުރިން ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވައިފަ އެވެ.

"ގުޅިފައިވާ އިއްތިހާދުން އަޅުގަނޑުމެން އުފައްދާނެ ސަރުކާރުން ކުރާނެ އެންމެ މުހިންމު އެއް ކަމަކީ ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ކުރުން. އިންތިގާލީ އަދާލަތު ގާއިމް ކުރުން. އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ 18 މަސް ދުވަހު އެންމެ ބޮޑު އަމާޒަކީ މި މަސައްކަތް ކުރުން،" އިބޫ ވިދާޅުވި އެވެ.

ސިޔާސީ ބޭނުންތަކަށް ސަރުކާރުން ޖަލަށް ލާފައި ތިބި މީހުންގެ ހުކުމް އަލުން ބަލައި ވަގުތުން މީހުން ޖަލުން ދޫކުރުމާއި ވަޒީފާއިން ނުހައްގުން ކަނޑާލާފައި ތިބި މީހުންނަށް އަލުން ވަޒީފާ ދެއްވާނެ ކަމަށް ވެސް އިބޫ ވަނީ އަލިފުށީގައި ވިދާޅުވެފަ އެވެ.

"އޭގެ ތެރޭގައި ސިޔާސީ ބޭނުމަށްޓަކައި ޖަލަށް ލެވިފައިވާ ފަރާތްތައް، އަދި އެ ނޫން ވެސް ގޮތްގޮތަށް ޖަލަށްލެވިފައިވާ ފަރާތްތައް، ޖަލަށްލެވިފައިވާ ސަބަބު މުރާޖައުކޮށް ވަގުތުން ދޫކޮށްލަންޖެހޭ ފަރާތްތައް ދޫކޮށްލާނަން. އަދި ސިޔާސީ ބޭނުމަށްޓަކައި ވަޒީފާއިން ވަކި ކުރެވިފައިވާ ފަރާތްތައް، އޭގެ ތެރޭގައި ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް ވަކި ކުރެވިފައިވާ ފަރާތްތަކަށް އަނބުރާ އެ ވަޒީފާ އަޅުގަނޑުމެން ދޭނަން،" އޭނާ ވިދާޅުވި އެވެ.

އަދި އިންސާފުން ބޭރުން ނިންމާފައިވާ މަދަނީ މައްސަލަތައް ވެސް އަލުން ބަލައި، އިންސާފު ހޯދައިދީ، އެމީހަކު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުމެއް ވެފައިވާ ނަމަ އެ މީހަކު އެ ކަމަކަށް ޒިންމާ ކުރުވާނެ ކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތަކަށް މަންފާވާ ގޮތަށް ނުވަތަ ގެއްލުންވާ ގޮތަށް ނިންމާފައި ހުރި މަދަނީ މައްސަލަތައް ވެސް އަލުން މުރާޖައާ ކުރެވި އޭގެ ރަނގަޅު ގޮތް ހޯދައި އެ ފަރާތްތަކަށް ދޭންވާ ބަދަލު އަޅުގަނޑުމެން ހޯދައިދޭނަން. ދައުލަތަށް ގެއްލުންވާ ގޮތަށް ވެފައި ހުރި އެގްރިމެންޓުތައް އަލުން މުރާޖައާ ކޮށް އަލުން އޭގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަން ފައްޓާނަން. މަގާމުގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ރައްޔިތުންނަށް ވެފައިވާ ގެއްލުންތައް އަޅުގަނޑުމެން ބަލާނަން. އޭގައި ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

ނ. އަތޮޅާއި ރ. އަތޮޅަށް އިބޫ އިއްޔެ ފެއްޓެވި ދަތުރުގައި ވަނީ ނ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންފަ އެވެ. އަދި ރ. އަތޮޅުގެ ފަސް ރަށަކަށް މިއަދު ވަޑައިގެންފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި އަތޮޅުގެ އިތުރު 10 ރަށަކަށް އޭނާ ދަތުރު ކުރައްވާނެ އެވެ.