Roadha Mihaaru
އެދެނީ ހައްގަށް ލޯބިކުރާ ފަރުދުން ބިނާކުރަން: ރައީސް

އަޅުގަނޑުމެން މި އެދެނީ ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކުރަން: ރައީސް

12 ސެޕްޓެމްބަރ 2019

ސަރުކާރުން އެދެނީ ތައުލީމީ ނިޒާމުގެ ތެރެއިން ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުން އެދެނީ ތައުލީމީ ނިޒާމުގެ ތެރެއިން ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރަން އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ރައީސް ވިދާޅުވީ ހައްގަށް ލޯބިކުރާ، ނަޒާހަތްތެރި ފަރުދުން ބިނާކުރެވޭނީ ރިވެތި އަޚުލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތުކޮށްގެން ކަމަށެވެ. ކިޔަވައިދިނުން މުހިއްމު ވަނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގެ ކާމިޔާބީއާ ތައުލީމު ގުޅިފައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ފަރުދީ ގޮތުން ބަލާ ނަމަ މުޖުތަމައު ބަލައިގަންނަ ފަދަ ޝަޚުސިއްޔަތަކަށް މީހާ ހަދައި ދެނީ އެމީހާ އުނގެނޭ އިލްމުން. މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ވަކި ވަކި ފަރުދުންގެ އިލްމީ ހޭލުންތެރިކަން ހުރި ނިސްބަތަކުން،" ރައީސް ވިދާޅުވި އެވެ.

އިގުތިސާދީ ހާލަތު ރަނގަޅުކުރާނެ ވިސްނުން ރައްޔިތުންގެ ކިބައިގައި އުފެދެނީ ވެސް އިލްމީ ގާބިލްކަން އިތުރުވުމުން ކަމަށާއި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރާއްޖެއަށް ލިބޭ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ތެރޭގައި އުފެއްދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތައުލީމު ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ އެއީ،" ރައީސް ވިދާޅުވި އެވެ.

ރ.އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރައޯސް އޮފީސް

ރ.އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރައޯސް އޮފީސް

އަލިފުށީ ރައްޔިތުންނަށް ތައުރީފު ކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ އުއްމީދުކުރާ ފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. ނޫ އިގުތިސާދުގައި އަލިފުށީ ވަޑިންގެ ހިއްސާ ބޮޑު ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވަޑާން ކުރުމުގެ އިތުރުން ވެސް ކުރިއަރުވަން ޖެހޭ ކިތަންމެ ހުނަރެއް ދިވެހިންގެ އެބަހުރި ކަމަށާއި ކޮންމެ ކުއްޖަކަށް އިމްތިހާންތަކުގައި މަތީ ވަނަތައް ނުހޯދުނަސް އަމަލީ މަސައްކަތުގައި ގާބިލް ބަޔަކަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތުގައި، ވަށައިޖެހޭ ތައުލީމަށް އިސްކަން ދީފައިވަނީ އެ ބޭނުމުގައި. މަދަރުސީ މަރުހަލާއަކީ، ކުދިންގެ ކިބައިގައި ހުރި ހުނަރުތަކާއި ގާބިލުކަން ދެނެގަތުމުގެ މަރުހަލާ،" އެމަނިކުފާނު ވިދާޅުވި އެވެ.

އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަދި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަލިފުށީ ސްކޫލަށް އެކި ގޮތް ގޮތުން ހިދުމަތް ކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދިނުން ވެސް މިރޭގެ ޖަލްސާގައި އޮތެވެ.