Roadha Mihaaru
ބޭނުންވާ ޖަޒީރާ ތަރައްގީ މާފުށިން ފެނޭ: އިބޫ

ބޭނުންވާ ޖަޒީރާ ތަރައްގީ މާފުށިން ފެނޭ: އިބޫ

16 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަނުން ބޭނުންވާ "ޖަޒީރާ ތަރައްގީ" ކ. މާފުށިން ފެންނަ ކަމަށް ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ކޯލިޝަނުން ބޭނުންވާ "ޖަޒީރާ ތަރައްގީ" ކ. މާފުށިން ފެންނަ ކަމަށް ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް، ކ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުގައި މާފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މާލެ އާއި މާލެ ކައިރީގެ ރަށްތަކަށް މީހުން ޖަމާކޮށް، އެތަންތަން ތަރައްގީކުރުމުގެ ބަދަލުގައި، ހަމަ އެ ފަދަ ތަރައްގީއެއް ރަށްރަށަށް ވެސް ގެންނަން ޖެހޭ ކަމަށެވެ. އަދި މުދާވެރިކަން 300 މިލިޔަން ރުފިޔާއަށް އަރާފައިވާ މާފުށިން، ކޯލިޝަން ސަރުކާރުން ބޭނުންވާ ޖަޒީރާ ތަރައްގީ ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނެވި ގެސްޓްހައުސްގެ ސިޔާސަތު އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސް، އެންމެ ބޮޑު ނަފާއެއް ސަރުކާރަށް ދޭ ރަށަކީ ވެސް މާފުއްޓެވެ. އެހެންވެ، ކުރިއަށް އޮތްތަނުގައި، އެ ރަށުގެ ބިން ހިއްކައިގެން ގިނަ ބަޔަކަށް ރަށުގައި ދިރިއުޅެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށިން މިއަދު އިބޫއަށް މަރުހަބާ ކިޔަނީ

މާފުށިން މިއަދު އިބޫއަށް މަރުހަބާ ކިޔަނީ

އިބޫ ވިދާޅުވީ ދެ އަހަރުގެ ތެރޭގައި މާފުށީގެ ބިން ހިއްކައި ބިން ދޫކުރުމަކީ، ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް، ބަޖެޓްގައި ނެތް ކަމެއް ނުވާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން އެ މަނިކުފާނު ވިދާޅުވި ކަމަށެވެ. އެކަމަކު މާފުށި ހިއްކަން ބޭނުންވެ ވަަޑައިގަންނަވާ ނަމަ ރައީސް ޔާމީން ބަޖެޓްގައި އެކަން ހިމެނުއްވީސް ކަމަށް އިބޫ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެންމެ ފުރަތަމަ ހިއްކާ ރަށްތަކުގެ ތެރޭގައި މާފުށި ހިމެނޭނެ. އަދި ގޯތި ދޫކުރުމަށް، ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭނެއް ވެސް ފަށާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުށީގެ އާބާދީއަކީ 1،900 ނަމަވެސް އެ ރަށުގައި އޭގެ ތިން ގުނަ އަދަދަކަށް މީހުން ދިރިއުޅޭ ކަމަށެވެ. އަދި ރަށުން ބިން ނުލިބިފައިވާ މީހުން ގިނަ ކަމަށާއި، އެ ރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުން ވެސް ގިނައިން ކަމަށް އިބޫ ވިދާޅުވި އެވެ.

އެހެންވެ، އެ ރަށްރަށަށް ވެސް ތަރައްގީވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރުން ބޭނުންވާ ޖަޒީރާ ތަރައްގީއަކީ އެއީ،" މަދު އަހަރުތަކެއްގެ ތެރޭގައި މާފުއްޓަށް އައިސްފައިވާ ތަރައްގީ ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު

މާފުށީގެ ބިމުގެ އަގު 800 ޕަސެންޓް މައްޗަށް ގޮސް، އެ ރަށުގައި ހިންގާ ވިޔަފާރީގެ އަގު 500 ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށާއި ރައީސް ނަޝީދުގެ ގެސްޓްހައުސް ސިޔާސަތުގެ ސަބަބުން އެ ރަށް މުޅިން ބަދަލުކޮށްލާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތައްތަކެއް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އިބޫ ވަނީ މާފުށީގެ ތަރައްގީއަށް އެ ދެބޭފުޅުން ކޮށްދެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ އެވެ.

"މި ރަށުގައި ވަޒީފާނެތް މީހަކު ނޫޅޭ. ހުސް ވަޒީފާތައް އެބަހުރި. މި ފަދަ އެހެން ރަށެއް ރާއްޖޭގައި އޮތް ހެެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ. މިއީ 1،900 މީހުންގެ އާބާދީއެއް އޮންނަ ރަށަކުން ފަހުރުވެރިވާން ޖެހޭ ކަމެއް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް ގެންނަ ޖަޒީރާވަންތަ ތަރައްގީގެ ދަށުން، ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދީ، މާލީ ފުދުންތެރިކަން ދެއްވާނެ ކަމަށެވެ. އަދި ބިމުގެ ކުލި ކައުންސިލްތަކަށް ދީ، ރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މާފުށީގައި މިއޮތީ ޖަޒީރާވަންތަ ތަރައްގީއެއް. މި ރަށުން މި ފެންނަނީ، ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ދުރު މުސްތަގްބަލަށް ވިސްނައިގެން ކަންކަން ކުރީމައި ފެންނާނެ ނަތީޖާ،" އިބޫ ވިދާޅުވި އެވެ.

މާފުށީގައި މިއަދު އިބޫ ވާހަކަ ދައްކަވަނީ

މާފުށީގައި މިއަދު އިބޫ ވާހަކަ ދައްކަވަނީ

ރާއްޖޭގެ 75 ރަށެއްގައި 400 އަށްވުރެ ގިނަ ގެސްޓްހައުސްތައް ހުންނައިރު، މިއީ ސީދާ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޓޫރިޒަމް މާކެޓް ކުރުމަށް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހެންވެ، ޓޫރިޒަމް މާކެޓް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ތިން މިލިޔަން ޑޮލަރުގެ ބަޖެޓް، ކޯލިޝަންގެ ސަރުކާރެއްގައި، ތިން ގުނައަށް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ އަދި އެއިން ވަކި މިންވަރެއް، ގެސްޓްހައުސްތަކާއި ޔޮޓު ފަހަރަށް ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އިބޫ ވަޑައިގަތް މާފުށިން ހޫނު މަރުހަބާއެއް އޭނާއަށް ކިޔެވެ. އެ ރަށުން އިބޫގެ ކަރުގައި ވެސް އެޅުވީ، ގެސްޓް ހައުސް ވިޔަފާރިއާ އެކު ބޭރު ފައިސާގެ ތަނަވަސްކަން ރަމްޒުކޮށްދިނުމުގެ ގޮތުން، ޑޮލަރުން ހަދާފައިވާ މާފައްޗެކެވެ.

އިބޫ ވިދާޅުވީ އެ ރަށުން ފެނިވަޑައިގެން މަންޒަރު ވަރަށް ސާފު ކަމަށާއި ބޮޑު ކާމިޔާބީއެއް މާފުށިން، އިދިކޮޅު ކޯލިޝަނުން ހޯދާނެ ކަމަށެވެ.