Roadha Mihaaru
އެންމެ ބޮޑު ގެސްޓް ހައުސް އަނެއްކާ ވެސް މާފުށީގައި

އެންމެ ބޮޑު ގެސްޓް ހައުސް އަނެއްކާ ވެސް މާފުށީގައި

28 އެޕްރީލް 2021

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ކުރަމުން އަންނަ ކ. މާފުށީގައި 13 ބުރީގެ ގެސްޓް ހައުސްއެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ. ބިމު އަޑީގައި އެއް ބުރި، އަދި ބިމުން މައްޗަށް 12 ބުރި ހިމެނޭ މި ގެސްޓް ހައުސް ވާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ގެސްޓް ހައުސް އަށެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ކުރަމުން އަންނަ ކ. މާފުށީގައި 13 ބުރީގެ ގެސްޓް ހައުސްއެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ. ބިމު އަޑީގައި އެއް ބުރި، އަދި ބިމުން މައްޗަށް 12 ބުރި ހިމެނޭ މި ގެސްޓް ހައުސް ވާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ގެސްޓް ހައުސް އަށެވެ.

"އައިކޮމް ގްރޭންޑް މާފުށި"ގެ ނަމުގައި ތަރައްގީ ކުރާ މި ގެސްޓުހައުސްއަކީ 130 އެނދާ އެކު ހަދާ ޓޫރިސްޓު ހޮޓަލެކެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސްއަކީ ކާނި ހޮޓެލްސް އިން މިދިޔަ އަހަރު ހުޅުވި ގެސްޓު ހައުސް އެވެ. މި ގެސްޓް ހައުސްގައި ހުންނަނީ 12 ބުރި އެވެ. އައިކޮމް ގްރޭންޑުގައި 12 ބުރި ހުރި ނަމަވެސް ބިމު އަޑީގައި ހަދާ ބޭސްމަންޓު ބަޔާ ލައިގެން 13 ބުރި ހުންނާނެ އެވެ.

އައިކޮމްގެ މެނޭޖިން ޑިރެކްޓަރު އަލީ ރަމީޒު "މިހާރު" އަށް ވިދާޅުވީ މިތަން ހަދަނީ ރާއްޖޭގެ އެހެން ހޮޓާތަކާއި ގެސްޓުހައުސްތަކާ މުޅިން ތަފާތުކޮށް ކަމަށެވެ. އެގޮތުން، އެހެން ތަންތަނުގެ ބޭރުން ފާރާއި ބެލްކަނި ފެންނަން ހުރި ނަމަވެސް އެ ގެސްޓްހައުސް އިން ފެންނާނީ ހުސް ބިއްލޫރި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިކޮމް ގްރޭންޑުގެ އެންމެ މަތި: ޕޫލަކާއި ރެސްޓޯރެންޓެއް ހުންނާނެ--

އައިކޮމް ގްރޭންޑުގެ އެންމެ މަތި: ޕޫލަކާއި ރެސްޓޯރެންޓެއް ހުންނާނެ--

ރަމީޒު ވިދާޅުވީ އެ ގެސްޓުހައުސްގެ ހުރިހާ ކޮޓަރިތައް ވެގެންދާނީ "ސްމާޓް" ކޮޓަރިތަކަކަށް ކަމަށެވެ. މި ކޮޓަރިތަކުގައި ގޫގުލް ހޯމް ނުވަތަ އެލެކްސާ ފަދަ ޑިވައިސްތައް ބޭނުން ކުރާއިރު މީގެ ސަބަބުން "ވޮއިސް ކޮމާންޑް" ދީގެން ކޮޓަރީގެ އިލެކްޓްރޯނިކްސްއާ ކުޅެވޭނެ އެވެ.

"އަޅުގަނޑުމެން މިތަން ހަދާނީ އެއްކޮށް ބިއްލޫރިން. މިސާލަކަށް ބަލާ ނަމަ ދަރުމަވަންތަ ހޮސްޕިޓަލް އެ ހުންނަ ގޮތަށް. މިއީ ވަރަށް ހަރަދު ދާ ކަމެއް. އެކަމަކު ވެސް ތަން ރީތި ކުރަން ނިންމި ނިންމުމެއް މިއީ،" ރަމީޒު ވިދާޅުވި އެވެ.

މިއީ އައިކޮމް އިން މާފުށީގައި ހުޅުވާ ފުރަތަމަ ގެސްޓުހައުސް އެވެ. އެހެންކަމުން މި ގެސްޓް ހައުސް އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަމީޒު ވިދާޅުވި އެވެ. އެގޮތުން، ގެސްތުހައުސްގެ ބޭސްމަންޓުގައި ގެސްޓުން މުނިފޫހިފިލުވުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި ގެސްޓު ހައުސްގައި 360 ވިއުގެ ރޫފް ޓޮޕް ރެސްޓޯރެންޓަކާއި އިންފިނިޓީ ޕޫލެއް ވެސް ހުންނާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ.

"ބޭސްމެންޓުގައި ހަދާނީ އިންހައުސް ގެސްޓުންނަށް ކްލަބެއް ގޮތަށް. އެތަނުގައި ގޭމްތަކާއި ކަރިއޯކޭ ފަދަ އެންޓަޓެއިންމެންޓް ހަރަކާތްތައް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

އައިކޮމް ގްރޭންޑު: ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި--

އައިކޮމް ގްރޭންޑު: ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި--

އޭނާ ވިދާޅުވި ގޮތުގައި އައިކޮމް އިން މަސައްކަތް ކުރަމުން އައީ މި އަހަރު ގެސްޓް ހައުސް ހުޅުވުމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ތަކެތި ލިބުމުގައި ދަތިވެ، ހުޅުވާ ތާރީހު އަންނަ އަހަރަށް ލަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގެސްޓް ހައުސް ހެދުމަށް 35 މިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް އައިކޮމް އިން ލަފާ ކުރެ އެވެ. މި ގެސްޓް ހައުސް ހާއްސަ ކޮށްފައިވަނީ އެ ރަށަށް ދާ ބަޖެޓް ޓޫރިސްޓުންނަށެވެ.

އައިކޮމް އަކީ މާފުށީގައި ޓީވީ އާއި އިންޓަނެޓުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.