Roadha Mihaaru
ރިޔާޒުގެ ގެސްޓު ހައުސްގެ ފުރަތަމަ މެހެމާނަކީ ރައީސް

ރިޔާޒުގެ ގެސްޓު ހައުސްގެ ފުރަތަމަ މެހެމާނަކީ ރައީސް

18 އޯގަސްޓް 2021

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޭނާގެ އުފަން ރަށް ތ. ތިމަރަފުށީގައި އިމާރާތްކުރި ގެސްޓު ހައުސްގެ ފުރަތަމަ މެހެމާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެއީ ލިބިޑައިގަތް ފަޚުރެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޭނާގެ އުފަން ރަށް ތ. ތިމަރަފުށީގައި އިމާރާތްކުރި ގެސްޓު ހައުސްގެ ފުރަތަމަ މެހެމާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެއީ ލިބިޑައިގަތް ފަޚުރެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރައީސް ތ. އަތޮޅަށް ކުރައްވަމުން އަންނަ ތިން ދުވަހުގެ ދަތުރުފުޅުގައި، ރިޔާޒުގެ ގެސްޓ ހައުސް ސްޓޭ މިކާޑޯގައި މަޑުކުރެއްވީ ރެ އެވެ. ރިޔާޒު ވިދާޅުވީ އެ ގެސްޓު ހައުސްގައި ރައީސް މަޑުކުރެއްވުމަކީ އެތަނުގައި މަސައްކަތް ކުރާ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މަސައްކަތް ނިމެން ކައިރިވެފައި އޮއްވާ ރައީސްގެ ދަތުރުފުޅުގައި އެތަނުގައި ހުންނަވަން ރައީސް އޮފީހުން ރިކުއެސްޓު ކުރީ. އެންމެ ފުރަތަމަ މެހެމާނަކަށް ރައީސް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މުޅި ޓީމަށް ވެސް ލިބުނު ހިތްވަރެއް،" ރިޔާޒު ވިދާޅުވި އެވެ.

ރައީސްއަށް މަރުހަބާ ވިދާޅުވެ ރިޔާޒު ކުރެއްވި ޓްވީޓް--

ތިމަރަފުށީގައި ހުންނަވައި ރިޔާޒު ވިދާޅުވީ އަށެއްކަ މިލިއަން ރުފިޔާ ހޭދަވެފައިވާ 12 ކޮޓަރީގެ އެ ގެސްޓް ހައުސްއަކީ ޒަމާނީ ފެންވަރަށް އަމިއްލަ ގޯތީގައި ތިން ބުރި އަށް ހަދާފައިވާ ތަނެއް ކަމަށެވެ.

މިކާޑޯ އަކީ ތިމަރަފުއްޓާ ކައިރީގައި އޮންނަ ސާފިން ޕޮއިންޓަކަށް ކިޔާ ނަމަކެވެ. އެހެންކަމުން ގެސްޓު ހައުސް އަށް ނަން ދީފައިވަނީ އެތަނާ ގުޅުވައިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެ ގެސްޓު ހައުސް މިހާރު ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ތިމަރަފުއްޓަކީ އެ އަތޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވި ނަމަވެސް އެކަށީގެންވާ ވަރަށް ޓޫރިސްޓުން ޒިޔާރަތެއް ނުކުރެ އެވެ. މިކަން ބަދަލުކޮށް އެ ރަށުގެ ޓޫރިޒަމް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސްލު އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނާދޭ. އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް މި ރަށުގެ ޓޫރިޒަމް ރަނގަޅު ކުރުމަކީ. އަދި ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އަޅުގަނޑު މިދަނީ ކުރަމުން،" ރިޔާޒު ވިދާޅުވި އެވެ.

މިއީ ތިމަރަފުށީގައި ހުޅުވި ދެވަނަ ގެސްޓު ހައުސް އެވެ.

ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ރޭ ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވި އިރު ވެސް ރިޔާޒު ބައިވެރިވެ ވަޑައިގަތެވެ. ރިޔާޒް މިހާރު ގެންދަވަނީ ޖޭޕީން ވަކިވެ ވަޑައިގެން، ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމާ ގުޅިވަޑައިގެން އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.