Roadha Mihaaru
ފޫހިވާނެ ވަގުތެއް ނުދީ، ތަފްސީލު ހާމަކުރާނަން: ރައީސް

އިދިކޮޅުން ފޫހިވާނެ ވަގުތުކޮޅެއް ނުދޭނަން، ތަފްސީލުތައް ހާމަކުރާނަން: ރައީސް

14 އޯގަސްޓް 2018

އެމަނިކުފާނު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިމެންދެން އިދިކޮޅު ޕާޓީތަކާއި ރައްޔިތުން ވެސް ފޫހިވާނެ ވަގުތުކޮޅެއް ނުދެއްވައި، ދުރު ނޫން މާޒީގައި ކަން ހިނގާފައިވާ ގޮތާއި އެ މަނިކުފާނުގެ އާ މެނިފެސްޓޯގައި ހުރި ކަންކަން ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމަނިކުފާނު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިމެންދެން އިދިކޮޅު ޕާޓީތަކާއި ރައްޔިތުން ވެސް ފޫހިވާނެ ވަގުތުކޮޅެއް ނުދެއްވައި، ދުރު ނޫން މާޒީގައި ކަން ހިނގާފައިވާ ގޮތާއި އެ މަނިކުފާނުގެ އާ މެނިފެސްޓޯގައި ހުރި ކަންކަން ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ބުރުނީގައި ގާއިމުކުރި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ދަތުރުފުޅު ނިމެންދެން ރައްޔިތުންނަށް އެކި ކަންކަން ހުށަހަޅުއްވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނާ ވާދަކުރައްވާ ބޭފުޅުން، އެ ވާހަކަތައް އަޑު އެހުމަށް ފަހު، ރައްދު ވެސް ދެއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދަތުރުގައި މި ގެންދަނީ ހުރިހާ ރަށަކަށް ބޭނުންވާ ކަންކަން ކޮށްދޭނެ ގޮތް ބުނަމުން. ހާމަކަން ބޮޑު ގޮތެއްގައި މި ގެންދަނީ ރައްޔިތުންނަށް އޮޅުންފިލުވައިދެމުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ހުށަހަޅުއްވާ ކަންކަމާއި ދައްކާ ވާހަކަފުޅުތަކަކީ ދޮގެއް ކަމަށް ބުނެ ވާހަކަ ފަތުރާ ކަމަށާއި މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރަށް ވިއްކާނުލާ ކަމަށް ނުހެދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން، ސިފަ ކުރެއްވި ގޮތުގައި 25 އަހަރަށް ޖީއެމްއާރު ކުއްޔަށް ދިނުމަކީ ވިއްކާލުމެވެ. އަދި ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިން ދުވަސްކޮޅު ވެސް ސިޔާސީ ޕޯޑިއަމްތަކުގައި ކިޔަމުން ދިޔައީ އެއާޕޯޓް ވިއްކައިލީ ކަމަށެވެ. އެ އެއާޕޯޓު އަނބުރާ ދިވެހިންނަށް ހޯދައިދޭން ދައުލަތުގެ ބަޖެޓުން 320 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށާއި އެ ފައިސާ އަކީ ކިތައް ރަށުގެ މަޝްރޫއުތޯ ރައީސް ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން މިއަދު ވިލުފުއްޓަށް ވަޑައިގެން، ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ވިލުފުއްޓަށް ވަޑައިގެން، ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ސަރުކާރުގައި ފެރީ ނިޒާމަކުން ގުޅާލާ ވާހަކަ ދެއްކި ކަމަށާއި އެކަމުގައި ވެސް ކަން ހިނގައިދިޔަ ގޮތް ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ. މިފަދަ ވާހަކަފުޅުތައް އެ މަނިކުފާނު ދެއްކެވުމުން އިދިކޮޅުން ޖެހޭނީ ވިސްނަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޅުދުއްފުށީގައި އަޅުގަނޑު އެއާޕޯޓު އެޅީމަ، ދެ ވަނަ އެއާޕޯޓެއް އެ ބޭފުޅުން [އިދިކޮޅުން] އަޅުއްވަން ޖެހޭނީ. މި ތަނުގައި [ބުރުނީގައި] ނަރުދަމާގެ ނިޒާމް ގާއިމް ކުރީމަ ދެ ވަނަ ނަރުދަމާ ނިޒާމެއް ގާއިމްކުރަން ޖެހޭނީ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމް ގާއިމްކުރީމަ ދެ ވަނަ ނިޒާމް ގާއިމްކުރަން ޖެހޭނީ. އެކަމަކު އެއް ރަށެއްގައި ދެ ނަރުދަމާ ނިޒާމް ގާއިމްކޮށްގެން ފައިދާވާ ކަމަށް ވަންޏާ އަޅުގަނޑު ނެތިން އެއާ ދެކޮޅު ހަދާކަށް،" ރައީސް ވިދާޅުވި އެވެ.