09 އޯގަސްޓް 2018
މަސްވެރިންނަށް އުއްމީދުތަކެއް ދެމުން، ގއ. ކޫއްޑޫގައި މެރީނާއެއް މިއަދު ހުޅުވައިފި އެވެ.
މަސްވެރިންނަށް އުއްމީދުތަކެއް ދެމުން، ގއ. ކޫއްޑޫގައި މެރީނާއެއް މިއަދު ހުޅުވައިފި އެވެ.
މަސްވެރިންނަށް ޚާއްސަ ޚިދުމަތްތަކެއް ހިމެނޭ މެރީނާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން ވަނީ އެތަން ބައްލަވައިލައްވައިފަ އެވެ. އެތަން ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ޔާމީން ގއ. ވިލިނގިލީގައި އިއްޔެ ވަނީ، މަސްވެރިންނަށް އުއްމީދީ ވާހަކަތަކެއް ހިއްސާކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ޚިދުމަތްތައް ތަރައްގީކުރަން މި ސަރުކާރުން ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތަށް ލިބެމުން އަންނަ ކުރިއެރުންތަކަށް ބަލާއިރު، ދެން ހުރި މައްސަލަތައް ހައްލުކޮށްދެވޭނީ އެމަނިކުފާނުގެ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.
"މަސްވެރިންނަށް އެނގޭނެ މިއަދާ ހަމައަށް އައިރު، ދަތިތަކެއް ހުރި ނަމަވެސް މަސްވެރިންނާ ދޭތެރޭގައި އެންމެ އަޅާލާފައި ވަނީ މި ސަރުކާރުން ކަން. އަދި މި ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސްވެރިންނަށް އިތުރު ކަންތައްތަކެއް ކޮށް، މަސްވެރިންނަށް ވަގުތުން ލިބެން ޖެހޭ ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސާނަމޭ ބުނަމުން މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަނާ ކޮންމެ މަސް ކިލޯއަކަށް މިވެނި އަދަދަކަށް ފައިސާ، މި ސަރުކާރުން ދޭނަމޭ ވިދާޅެއް ނުވެވޭނެ އެވެ. އެއީ އަދަދެއް ވިދާޅުވެގެން އެ އަދަދު ސީދާ ނުވެއްޖެ ނަމަ ފަހުން އެ ބަސް އެމަނިކުފާނަށް އަމާޒުވާނެތީ ކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
ކޫއްޑޫގެ މެރީނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅެއް ނުދައްކަވަ އެވެ.
ރައީސް ޔާމީން މިއަދު ކޫއްޑު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ދިޔަ މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި، މިފްކޯ ހިންގަމުން އަންނަ އެސްޓީއޯގެ ޗެއާމަން އަހްމަދު ޝަހީރު ވިދާޅުވީ ކޫއްޑޫގެ މެރީނާގައި ހަތަރު ކޮޓަރި އާއި މީޓިން ރޫމާއި ފިހާރައެއްގެ އިތުރުން އިންޓަނެޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި މިފްކޯ ހިންގި ގޮތަށް އަލިއަޅުއްވާލައްވަމުން ޝަހީރު ވިދާޅުވީ އޭރު ކުންފުނި ބަހާލައި ޚިދުމަތް ހުއްޓި ވަރަށް ދަށް ހާލަތަކަށް ވެއްޓިގެން ދިޔަ ކަމަށެވެ. ހަތްދިހަ މެޓްރިކް ޓަނުގެ މަސް ބަންދުކުރަމުން ދިޔަ ފެލިވަރުގެ ޚިދުމަތް ހީނަރުވެ 13 މެޓްރިކް ޓަނަށް ދަށްވި ކަމަށް ވިދާޅުވި އެވެ.
މިފްކޯ އަށް ލިބުނު އެ ގެއްލުންތަކާ ގުޅޭ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ، އޭނާ ވިދާޅުވި ގޮތުގައި، މަސްވެރިންނަށެވެ. އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރާ ހެދި ކުންފުނީގެ ހާލަތު 30 އަހަރު ފަހަތަށް ދިޔަ ކަމަށް ވިދާޅުވި އެވެ.
މި ހާލަތުން އަރައިގަތީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މިފްކޯ އެސްޓީއޯ ދަށަށް ބަދަލުކުރުމުން ކަމަށް ވިދާޅުވި އެވެ. ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މަސްވެރިންނަށްޓަކައި މިފްކޯ އިން ގިނަ ޚިދުމަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ކޫއްޑު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ދިޔަ މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ދިހަ ޓަނު ބަންދުކުރި ކޭނަރީން ވަނީ އަލުން އަނބުރާ 65 ޓަނުގެ ކެޕޭސިޓީއެއް އަފްގްރޭޑްކުރެވި އަޅުގަނޑުމެންގެ އަތުން ގެއްލިފައިވާ މާކެޓްތައް އަލުން ހޯދައި ކަސްޓަމަރުންގެ އިތުބާރު ވެސް އަލުން ހޯދައި މަސް އެކްސްޕޯޓު ކުރަން ވަނީ ފެށިފައި،" ޝަހީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، މިފްކޯ އިން ގަންނަ ހުރިހާ މަހެއް ވެލިއު އެޑް ކުރުން. މާ ގިނަ ދުވަސްތަކެއް ނުވެ ހުރިހާ މަހެއް ވެލިއު އެޑް ކުރެވޭނެ."
އޭނާ ވިދާޅުވި ގޮތުގައި މިފްކޯ އިން މިހާރު ހަދަމުން އަންނަ އައިސް ޕްލާންޓްތަކުގެ ވެސް އޮޕަރޭޝަން ކުރު މުއްދަތުގެ ތެރޭގައި ފަށާނެ އެވެ. އެއާއެކު މަސްވެރިން ބާނާ މަސް އެއްވެސް ކޮންޓްރޯލެއް ނެތި ގަތުމަށް ވެސް މަސައްކަތް ފަށައި 1500 ޓަނުގެ މަސް ރައްކާ ކުރެވޭ ފެސިލިޓީއެއް ގާއިމްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް