Roadha Mihaaru
ހުރިހާ ރައްޔިތުންނަށް ގެދޮރު އަޅައިދޭނަން: އިބޫ

ހުރިހާ ރައްޔިތުންނަށް ގެދޮރު އަޅައިދޭނަން: އިބޫ

04 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ އެންމެންނަށް ގެދޮރު އަޅައި ދެއްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ އެންމެންނަށް ގެދޮރު އަޅައި ދެއްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި "ޖަޒީރާ މައިޒާން" ނަމުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބޫ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އޭނާގެ އަމާޒެއް ކަމަށެވެ. ޚާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިބޫ ވާހަކަ ދައްކަވަނީ.  - ފޮޓޯ: އެމްޑީޕީ

މާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިބޫ ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އެހެން ވިދާޅުވިއިރު، މިދިޔަ ޖުލައި 26 ވަނަ ދުވަހުން ފެށިގެން، 2030 ވަނަ އަހަރުގެ އެ މުއްދަތާ ހަމައަށް، 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް، 1،000 އަކަފޫޓަށް ވުރެ ކުޑަ ނުވާ ބިމެއް ނުވަތަ އެޕާޓްމެންޓެއް ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހަފުތާ ގައި ވިދާޅުވެފަ އެވެ.

އިބޫ ވިދާޅުވީ، މާލެ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ދިރިއުޅެން ދަތި، އުނދަގޫ ރަށް ކަމަށެވެ. މައްޗަންގޯޅީ ދެކުނުގެ ބައެއް ގެތަކަށް މިއަދު ޒިޔާރަތް ކުރެއްވިއިރު، އެމީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ވެސް "ނޭވާލާނެ ޖާގައެއް" ނެތުން ކަމަށާއި އެ މީހުން ވެސް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ގެދޮރު ކަމަށް ވިޔަސް، މަގުމަތީގެ ޓްރެފިކް ކަމަށް ވިޔަސް، އެހެން ކަންތައްތައް ކަމަށް ވިޔަސް، މާލެ އަކީ މި ވަގުތު ތޮއްޖެހި ފުރިފައި ދިރިއުޅެން ދަތި އުނދަގޫ ތަނަކަށް ވެފައި އޮތް ކަން ފާހަގަވެގެން ދަނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު މާލެ ގެއަކަށް ވަޑައިގެން، އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު މާލެ ގެއަކަށް ވަޑައިގެން، އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 4،000-5،000 މީހުން ތިބީ ބޯހިޔާވަހި ކަމަށް ބޭނުންވެފައި ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އިބޫ ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލެ އަށް ދެން ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޓްރެފިކާއި ބަނދަރުގެ ޖާގައިގެ މައްސަލަ އެވެ. އަދި ދިރިއުޅުމަކަށް ބޭނުންވާ އަސާސީ ހުރިހާ ދަތިތަކެއް ދިމާވެފައި ހުރި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެ ކަންކަން ހައްލު ކުރަން އިދިކޮޅު ސަރުކާރެއްގައި މަސައްކަތް ކުރާނީ ކިހިނެއް ކަން މެނިފެސްޓޯ އިން ސާފުވާނެ ކަމަށާއި ތަފްސީލްތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ފައިސަލް މިއަދު މާލޭގެ ގެއަކަށް ވަޑައިގެން، އެގޭގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް މިއަދު މާލޭގެ ގެއަކަށް ވަޑައިގެން، އެގޭގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ވަނީ ދިވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ ބޮޑު މައްސަލައާ ގުޅޭ ގޮތުން މީޑިއާއާ މިއަދު ވާހަކަ ދައްކަވައިފަ އެވެ.

މާފަންނު ދެކުނު ދާއިރާގައި މިއަދު ކުރިއަށް ގެންދިޔަ "ދޮރުންދޮރަށް" ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ވިދާޅުވީ، އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި އެންމެ ބޮޑު އިސް ކަމެއް ދޭނީ އެކަން ހައްލު ކުރުމަށް ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، ގޭގެ އަށް ޒިޔާރަތް ކުރައްވައި އާންމުންގެ ހާލު ބައްލަވައިލެއްވިއިރު، މާލޭގެ ރައްޔިތުން ދިރިއުޅޭ ނިކަމެތި ހާލު ވަރަށް ބޮޑަށް އެނގިވަޑައިގެންނެވި އެވެ. އެގޮތުން، ބައެއް ގެ ތަކުގައި ޑިއުޓީ ބަހައިގެން މީހުން ދިރިއުޅޭއިރު، ބައެއް ގޭގައި ހެނދުނު ސައި ބޯނެ ގޮތެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގަނީ މުއްސަނދިންނަށް އަމާޒުކޮށްގެން ކަމަށާއި އެ ކަން ގަބޫލު ނުކުރެއްވޭ ކަމަށެވެ.

މާލޭގައި ދިރިއުޅޭ އާއިލާއަކާ، ފައިސަލް މިއަދު ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

މާލޭގައި ދިރިއުޅޭ އާއިލާއަކާ، ފައިސަލް މިއަދު ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"މީގެ ފަސް އަހަރު ކުރިން ހަމަ ކެމްޕޭނަށް ހިނގިއިރު އެ ބޭފުޅުން ހަމަ އެބަ ވިދާޅުވޭ އޭރު ވެސް ތިމަންނަމެންގެ ހާލަތު ހުރި ގޮތަކީ ހަމަ މިއޭ. މިއަދު ވެސް މި ގޮތޭ މިއޮތީ. އެހެންވީމާ މި ކަންތައްތަކަށް ބަދަލެއް އަންނަން އެބަޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ނަަމަ ގޯތިގެދޮރުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބުނީސް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ފޯރުކޮށް ދޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޭނުން ވަނީ ފްލެޓެއްގެ ގޮތުގައި ކަރުދާސްކޮޅެއް ވެސް ނޫން. ކަނޑުއަޑީގައި 10-12 ފޫޓު ނުވަތަ 15-20 ފޫޓު އަޑިން ފްލެޓް ދޭނެ ކަމުގެ ވައުދުތަކެއް [ރައީސް ޔާމީން] ވަމުން މިދަނީ ހުވަފެނެއްގެ ގޮތުގައި،" ފައިސަލް ވިދާޅުވި އެވެ.