Roadha Mihaaru
އެމްޑީޕީގެ މެނިފެސްޓޯ: ފްލެޓު ގަތުމަށް ސަބްސިޑީއެއް

އެމްޑީޕީގެ މެނިފެސްޓޯ: ފްލެޓު ގަތުމަށް ސަބްސިޑީއެއް ދެނީ

05 ޖުލައި 2018

ފޯރުންތެރިކަން ކުޑަ މީހުންނަށް ގެދޮރު ނުވަތަ ފްލެޓު ގަތުމަށް ސަބްސިޑީއެއް ފޯރުކޮށްދޭން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފޯރުންތެރިކަން ކުޑަ މީހުންނަށް ގެދޮރު ނުވަތަ ފްލެޓު ގަތުމަށް ސަބްސިޑީއެއް ފޯރުކޮށްދޭން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ބުނެފައިވަނީ ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުތަކާއި ފްލެޓުތަކުގައި އުޅޭ މީހުން އިހްތިޔާރުކުރާ ވަރުގެ ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށްދޭނެ ކަމަށެވެ.

މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތް ކުރާނެ ތަނަވަސްކަން ނެތިފައި ތިބި އާއިލާތައް ދެނެގަނެ، އެ މީހުންނަށް ލުއިފަސޭހަކޮށް ގެ އިމާރާތް ކުރެވޭނެ މަގު ކޮށައިދޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ. މިގޮތުން އިސްކަންދޭ މީހުންގެ ތެރޭގައި އެކަނިވެރިމައިން ވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން، ތަނަވަސްކަން ނެތުމުން ރަށްރަށުގައި ނުހެދި ހުރި ފަޅު ގޯތިތައް އިމާރާތް ކުރުމަށް ލުއި ލޯނު ފޯރުކޮށް ދިނުމަށް މެނިފެސްޓޯގައި ވަނީ ކަނޑައަޅައިފަ އެވެ.

އެމްޑީޕީގެ އަމާޒަކީ، މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި، ކޮންމެ މީހަކު ދިރިއުޅޭ އެމީހެއްގެ އަމިއްލަ ގޯތި އިގްތިސާދުގެ ނާރެހަކަށް ހެދުމެވެ. ގޭގައި ކުރެވޭނެ ކިތަންމެ މަސައްކަތެއް ހުރި ކަމަށާއި އިތުރު ކަންކަން ތައާރަފްކޮށް މުޅި އިގްތިސާދުގައި އަމިއްލަ ގެއިން ލިބޭ ހިއްސާ ބޮޑުކުރެވޭނެ ކަމަށް އެމްޑީޕީން ދެކެ އެވެ. އަމިއްލަ ގޭގެ އިގްތިސާދީ މަސައްކަތެއް ފަށަން ލުއި ލޯން ދޭން ވެސް މެނިފެސްޓޯގައި ކަނޑައަޅާފައިވެ އެވެ.

"ގޭގެ އުފެއްދުންތައް ރާއްޖެއަށާއި ރާއްޖެއިން ބޭރަށް އިންޓަނެޓް ޒަރިއްޔާ އިން ވިއްކޭނެ ނިޒާމެއް ގާއިމު ކުރެވޭނެ އެވެ. ޖަޒީރާ ގެއަކީ ލިބޭ އެއްޗަކުން އާއިލާގެ ހަރަދު ކަނޑާ ބާކީ ކުރެވި، އީދު ޗުއްޓީގައި ގެސްޓްހައުސްތަކަށް ހަފްތާ ބަންދުގައި ކައިރީގައި އޮންނަ ޕިކްނިކް ރަށަށް އާއިލާ ގޮވައިގެން ދަތުރު ގޮސް ހެދޭވަރުގެ ފުދުންތެރިކަން ލިބޭ ގޭބިސީއަކަށް ވާނެ އެވެ،" އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސް ކަމެކެވެ. އެއީ ޖަޒީރާ ދިރިއުޅުމުގެ އިތުރުން ނޫ އިގްތިސޯދު، ފަޚުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ.