Roadha Mihaaru
ގޯއްޗަށް ކުރިމަތިލާން އެމްޑީޕީން އެހީތެރިކަން ދެނީ

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އެހީތެރިވުމަށް އެމްޑީޕީން ސެޝަންތަކެއް ބާއްވަނީ

25 ޖުލައި 2022

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމައިފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެމްޑީޕީގެ އެންމެ އިސް އެއް ވައުދު ކަމަށްވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އެހީތެރިވުމަށް މިރެއިން ފެށިގެން ކޮންމެ ރެއަކު 8:00 އިން 10:30 އަށް ސެޝަންތަކެއް އޮންނާނެ ކަމަށެވެ.

އެ ސެޝަންތައް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގަ އެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު 7219897 ނަމްބަރަށް ގުޅުމުން ލިބޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ހުޅުމާލެ އިން 1،000 ގޯއްޗަށާއި ގުޅިފަޅުން 2،000 ގޯތި އަދި ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ މަހުގެ 29 ގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް، މިހާތަނަށް ގޯއްޗާއި ފްލެޓަށް އެދި 4،061 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައި އެވެ. އެ ފުރުސަތަށް އެދި އަންނަ ސެޕްޓެމްބަރު 26 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭއިރު، އަންނަ އަހަރުގެ ތެރޭގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓަރީ ހަވާލުކޮށް އަދި ފްލެޓް ލިބޭ މީހުންނަށް ލިޔުން ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މާލެ އިން ގޯތި ދޫކުރާނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގައި ރަޖިސްޓަރީ ނުވާ މީހުންނަށެވެ. އަދި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން އެހެން އެއްވެސް ރަށެއްގެ ރަޖިސްޓަރީގައި ނެތް މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ އެވެ. އެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މާލެ އިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވައިލިއިރު އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.