އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމުގެ ވައުދާ އެކު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެންގުޅުއްވާނެ، ބޯހިޔާވަހިކަމުގެ ސިޔާސަތު މިރޭ އާންމު ކުރައްވައިފި އެވެ.
23 އޯގަސްޓް 2018
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމުގެ ވައުދާ އެކު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެންގުޅުއްވާނެ، ބޯހިޔާވަހިކަމުގެ ސިޔާސަތު މިރޭ އާންމު ކުރައްވައިފި އެވެ.
ނ. މިލަދޫގައި އިދިކޮޅު އިއްތިހާދުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ގިނަ ބަޔަކު ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރޭގައި މުޅި ރާއްޖޭގެ އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެބައޮތް. އިރާދަކުރެއްވިއްޔާ އެ ސިޔާސަތުތައް ތަންފީޒުވެ، ނިމިގެންދާއިރު ރާއްޖޭގައި ބޯހިޔާވަހިކަން ނުލިބޭނެ ރައްޔިތަކު ނުހުންނާނެ،" ނ. އަތޮޅާއި ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިލަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މި ވަގުތު ގާތްގަނޑަކަށް 20،000 މީހުންނަށް ބޯހިޔާވަހިކަން ބޭނުންވެ އެވެ.
"އަޅުގަނޑުމެން މި ދައްކަނީ ބޮޑު އަދަދެއްގެ ވާހަކަ. ވިހި ހާސް އާއިލާ މި ވަގުތު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި އެބަތިބި. އެހެން ނަމަވެސް މިއީ ކުރެވޭނެ ކަމެއް. އަޅުގަނޑުމެން ދިރާސާ އިން ދައްކާ ގޮތުގައި ފައިސާ ވެސް އެބަހުރި ހޯދޭނެ،" ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މި ރަށުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
އިދިކޮޅު އިއްތިހާދުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފުރަތަމަ ފަހަރަށް އާންމު ކުރައްވަމުން އިބޫ މިރޭ ވަނީ ގެދޮރު ދޫކުރާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ގެދޮރު ހޯދައިދިނުމާ ގުޅޭ ގާނޫނެއް ފާސް ކުރުމާއި ހިލޭ ގެދޮރު ދޫކުރުމާއި ހައުސިން ލޯނު ހަ ޕަސެންޓަށް ދަށް ކުރުން ހިމެނެ އެވެ.
"ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ވަސީލަތް ހޯދައި ދިނުމަކީ އެއިރަކު އޮންނަ ވެރިކަމަކުން ކޮށްދޭންޖެހޭނެ އަސާސީ ހިދުމަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެކަން ފަށާނީ ފުރަތަމަ އެއާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ފަހު. އެ ގާނޫނުގައި އެކަން ކުރާނެ ގޮތް ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ހާމަކޮށްފައި އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ "އެއްވެސް ފައިސާއެއް ދީގެން ނޫނީ ކުއްޔަށް ހިފައިގެން ވެސް ނުއުޅެވޭ ހާލަތުގައި ދައުލަތުން އެ އެންމެންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން" ކަމަށެވެ.
"އެ ފަރާތްތަކަށް އާމްދަނީއެއް ހޯދައިގެން ދިރިއުޅެވޭ ހިސާބަށް ދަންދެން އަޅުގަނޑުމެން އެކަން ކޮށްދޭނަން."
މިހާރުގެ ހާލަތު އޮތް ގޮތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ދައްކައިގެން ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ކަމަށް ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އެފަދަ ފަރާތްތަކަށް އޭނާގެ ސަރުކާރެއްގައި ސަބްސިޑީއެއް ދޭނެ ކަމަށެވެ.
"ލިބޭ އާމްދަނީ އެކީގައި ކުލި ދައްކައިގެން ފްލެޓް ނޫނީ ގެ ގަނެވޭނެ ފަދަ އާމްދަނީއެއް ނުލިބޭ ފަރާތްތައް. އެ ފަރާތްތަކަށް ކުލި ދެއްކުމުގައި އަޅުގަނޑުމެން ސަބްސިޑީއެއް ފޯރުކޮށްދޭނަން. އެއިރުން ލިބޭ މުސާރައިން އާއިލާއާ އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެފައި އެ ފްލެޓްތަކަށް ނޫން ނަމަ އުޅޭ ތަނަކަށް ކުލި ދައްކައިގެން ތާހިރު ދިރިއުޅުމެއް އުޅެވޭނެ،" ގެދޮރުގެ މައްސަލަ ވަރަށް ބޮޑު މިލަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ
މީގެ އިތުރުން އަތުގައި ފައިސާ ހުރި ނަމަވެސް ގެދޮރުގެ ލޯނަށް ޝަރުތު ހަމަނުވާ މީހުންނަށް ލުއިތަކެއް ދެއްވާނެ ކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"...ތިން ވަނަ ފަރާތްތަކަކީ ފައިސާ ހުރެ ނަމަވެސް [ގެދޮރު] ގަންނަން ބަލާއިރުގައި އެޑްވާންސްކޮށް ދައްކަން ޖެހޭ ފައިސާ ބޮޑުވެ އަދި ލޯނު ލިބޭނެ ގޮތެއް ނެތި ތިބި ފަރާތްތައް. އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ފަރާތްތަކަށް ފްލެޓް ދޫކުރުމުގައި ލުއި ގޮތެއް ހޯދައިދޭނަން،" އޭނާ ވިދާޅުވި އެވެ.
"އެގޮތުން އެޑްވާންސް ޕޭމަންޓު ދަށްކޮށް ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ކުޑަވެގެންދާނެ. އެގޮތުން އިންޓްރެސްޓް ހަ ޕަސެންޓަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ކުޑަ ކުރެވިގެން ދާނެ."
ގެދޮރަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް މިހާރު ހުރީ 11 ޕަސެންޓާއި 12 ޕަސެންޓާ ދެމެދުގަ އެވެ.
ގެދޮރާ ގުޅޭ މުހިންމު ސިޔާސަތުތަކެއް އިބޫ ހާމަ ކުރެއްވިއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގެދޮރާ ބެހޭ ސިޔާސަތުތަކެއް އާންމު ކުރައްވައިފަ އެވެ. އެގޮތުން ވިލިމާލެ ތަރައްގީކޮށް، ހިއްކައި، އެ ސަރަހައްދަކީ ތިން ލައްކަ މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ
ހުރިހާ ރައްޔިތުންނަށް ގެދޮރު އަޅައިދޭނަން: އިބޫ
ހުވާގައި ދެމިހުންނާނަން، ރައްޔިތުން ބާކީނުވާނެ: ރައީސް
ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ
އިދިކޮޅު މެމްބަރުންނާ އިބޫ ބައްދަލުކުރައްވައިފި
ބޮޑުފޮޅުދޫ ބިން ހިއްކައި ގޯތި ދޫކުރާނަން: އިބޫ
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނަން: އިބޫ
އިބޫގެ ރައްދު ރައީސަށް: މިއީ ކޮކްޓެއިލް ކޯލިޝަނެއް
އިބޫ ށ. އަދި ނ. އަތޮޅަށް، ފައިސަލް ތ. އަތޮޅަށް