Roadha Mihaaru
ރިލްވާންގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ

ރިލްވާން ފޮރުވުމުގެ ދައުވާލިބުނު ދެ މީހުން ސަލާމަތްވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ

02 އޯގަސްޓް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމުގެ ދައުވާލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމުގެ ދައުވާލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެން ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަން ޕީޖީ އޮފީހުން ކަށަވަރު ކޮށްދިނެވެ.

"އަޅުގަނޑުމެން މިހާރު ވާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް ވެސް ރިކުއެސްޓް ކޮށްފައި،" ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި އެ މައްސަލާގެ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާގައި ބައެއް މައްސަލަތައް ހުރި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް މުހިންމު ހެކިތަކުގެ ފޮރެންސިކް ތަހުލީލުތައް ނެތުމާއި އެ މައްސަލާގެ އެންމެ ވަރުގަދަ ހެެއްކެއްގެ ގޮތުގައި ބޭނުންކުރި އިސްތަށްޓަކީ ކޮން ތަނަކުން ނެގި އެއްޗެއް ކަން އެނގޭނެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނެތް މައްސަލަ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އެންގިޔަސް، ދައުލަތުން ބުނާގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެެ އެވެ.